ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ އެންމެ ބޮޑު އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުން ކަމަށް އެ ކުންފުނިން ބުނެފިއެވެ. އަދި ސްމާޓް ސިޓީގެ ޚިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށްވެސް ފޯރުކޮށްދިނުމަށް އެޗް.ޑީ.ސީ ވަނީ އަމާޒު ހިފައިފައެވެ.
ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމް އިފްތިތާހު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ޝަރަފްވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް ޕާޓްނަރ ކުންފުނިތައް ކަމަށްވާ ދިރާގު، އުރީދޫ އަދި މީޑިއާނެޓްގެ އިސް ވެރިންނާއި ސްމާޓް ސިޓީގެ މަސައްކަތް ތަކުގައި މި ވަގުތު އެޗް.ޑީ.ސީ އާއެކު މަސައްކަތްކުރާ އެހެނިހެން ފަރާތްތައް ބައިވެރިވިއެވެ.
"ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވުރެވެ. ސްމާޓްކޮމްގެ އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފުކުރުން ހިމެނެއެވެ. އަދި މުޖުތަމައުގެ އެއްމެހާ ފަރުދުން ހިމެނޭހެން ހުރިހާ ފަރާތްތައް ގުޅިގެން މި ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނަޝިޕްތައް އުފެއްދުމަކީ ވެސް އެއް އަމާޒެވެ. މީގެ އިތުރުން ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުން ހިމެނެއެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.
"ސްމާޓްކޮމް ބްރޭންޑްގެ ދަށުން މުސްތަގްބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންސްތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންނަނުގެ ރައްކާތެރިކަން ކަށަވަރުވުން، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުން، އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ރައްޔިތުންނަށާއި ވިޔަފާރިތަކަށް، އަދި ސަރުކާރުގެ އިދާރާތަކަށްވެސް ލިބިގެން ދާނެއެވެ. ވަކިން ހާއްސަކޮށް ޕާޓްނަޝިޕްތަކާއި، އިންކިއުބޭޝަން ފެސިލިޓީތަކާއި، އަދި މިކަހަލަ ތަފާތު ޕްރޮގްރާމްތަކާއެކު، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެ، އަދި މިދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް މި އިންޑަސްޓްރީއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް ފުރުސަތުތައް ފަހިވެގެންދާނެއެވެ."
އެޗް.ޑީ.ސީން ބުނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި އެޗް.ޑީ.ސީން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މިގޮތުން މިހާތަނަށް ވަނީ ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާ އެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއް ގާއިކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
"އެޗް.ޑީ.ސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމެވެ. އަދި ސްމާޓް ސިޓީގެ ޚިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށްވެސް ފޯރުކޮށްދިނުމެވެ."
އެޗް.ޑީ.ސީން ބުނީ އިންޓަނެޓް އަދި ޓީވީ ފަދަ ޚިދުމަތްތައްދޭ ހުރިހާ ފަރާތްތަކަށް އެއްވިއުގައެއް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދެވޭގޮތަށް ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކެއް ދަނީ ހަލުވިކަމާއެކު ގާއިމު ކުރެވި އޭގެ ޚިދުމަތްތައް އަންނަނީ ތައާރަފް ކުރެވެމުންނެވެ.
"މި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މިއަހަރުގެ ފަހު ކުއާޓާގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ދިރާގު، އުރީދޫ އަދި މީޑިއާ ނެޓްގެ ޚިދުމަތްތައްދޭން ފަށައިފައެވެ. އަދި ދެވަނަ ފިޔަވަހީގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމުގެ ގޮތުން މުއާސަލާތީ ޚިދުމަތްދޭ ހުރިހާ ކުންފުނި ތަކަށްވެސް އެއްޓަވަރުތަކެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭފަދަ މުއާސަލާތީ ޓަވަރު ތަކަކާއި، ސްޓްރީޓް އަދި ރޫފްޓޮޕް ޕޯލް ތަކެއް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ފާހަގަކުރަމެވެ. މިހާތަނަށް ހިޔާ ފްލެޓް ސަރަހައްދުގައި ވަނީ ހަތަރު ޓަވަރެއް ޖަހައި، ދިރާގާއި އުރީދޫގެ މޮބައިލް ޚިދުމަތްތައް މި ޓަވަރުތައް މެދުވެރިކޮށް ދޭން ފަށާފައެވެ. ދިރާގު އަދި އުރީދޫގެ މޮބައިލް ކަވަރޭޖް މިޓަވަރުތައް މެދުވެރިކޮށް ފަށައިފައެވެ." އެ ކުންފުނިން ބުނެއެވެ.
"ހުރިހާ ޚިދުމަތްދޭ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ މިފަދަ ޑިޖިޓަލް އިންފްރާސްޓަރގެ ސަބަބުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވި، ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުވެގެން ދެއެވެ. އަދި މިފަދަ އޯޕަން އެކްސެސް ނެޓްވޯކް ތަކަކީ އޭގެ ޒަރީއާއިން އެތަކެއް ސްމާޓް ސޮލުއިޝަންތަކެއް ތައާރަފު ކުރެވޭނެ ވިއުގައެކެވެ."