ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ބިނާރުތައް ތަރައްޤީ ކޮށްދިނުމުގެ އިސްތިރާތީޖީއެއްގެ ދަށުން ޔޫރަޕްގެ އިއްތިޙާދުން ވުނަކުރުމުގެ ބޮޑު ފަންޑެއް ހުޅުވަން ގަސްތުކުރާ ކަމަށް އެ އިއްތިޙާދުގެ ކަމިޝަނަރު އުރްސޫލާ ވޮން ޑޭރު ލޭޔެން ހާމަކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ގާރޑިއަން ބުނާގޮތުގައި މިއީ ޗައިނާއާ ވާދަކުރުމަށް ޓަކައި ޔޫރަޕުން ރާވައިފައިވާ ރޭވުމެކެވެ. މި މަސައްކަތް ޗައިނާގެ "ކަމަރާއި މަގުގެ ރޭވުމަށް" ވުރެ މާ ރަނގަޅުވާނެއެވެ. ޔޫރަޕްގެ މި ރޭވުމުގެ މަޤްޞަދަކީ ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކުގައި ޢާންމު ޚިދްމަތްތަކާއި ފަންނިއްޔާތު ވަރުގަދަކޮށްދިނުމެވެ.
ވޮން ޑޭރު ލޭޔަން މި އިސްތިރާތީޖީއަށް ދެއްވައިފައިވާ ނަމަކީ "ޢާލަމީ ދޮރޯށި" އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މުޅި ދުނިޔޭގެ ބިނާރު ތަރައްޤީކުރުމަށް ޓަކައި ޔޫރަޕުން ނަގައިފައިވާ ވަރަށް އީޖާބީ އިސްނެގުމެކެވެ. މި ބިނާރު ޤާއިމު ކުރެވޭނީ ދީމުޤްރާޠިއްޔަތާއި ނަޒާހަތްތެރިކަމުގެ ތަރަހައިގެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ "ކަމަރާއި މަގު އިސްނެގުން"
ޗައިނާއިން ހިންގަމުންދާ ކަމަރާއި މަގުގެ މަޝްރޫޢަކީ 21 ވަނަ ސައްތައަށް ޚާއްޞަ ޗައިނާގެ ފަށުވިމަގެވެ. ޗައިނާގެ މި އިސްނެގުމުގެ ސަބަބުން އެ ޤައުމުން ދަނީ 70 ވަރަކަށް ޤައުމުގައި ވުނަކުރަމުންނެވެ. ޗައިނާގެ މި އިސްތިރާތީޖީގައި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނާއި ދުނިޔޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ ހަތަރު ބައި ކުޅަ އެއްބައި ޝާމިލުވެއެވެ. ޗައިނާގެ މި އިސްނެގުމުގައި ހިމެނޭ މަޝްރޫޢުތަކަށް ބޭޖިންގުން ވަނީ 1.3 ޓްރިލިއަން ޑޮލަރު ޚާއްޞަކޮށްފައެވެ. ޗައިނާގެ މި މަޝްރޫޢުތަކުގެ ސަބަބުން އޭޝިޔާއާއި އެފްރިކާއާއި އިރުމަތީ ޔޫރަޕްގެ އެތައް ޤައުމުތަކެއްގައި މިހާރު ވަނީ ރޭލްވޭ މަގުތަކާއި ހަލިމަގުތަކާއި ކަނޑުގެ ބަނދަރުތައް ހަދައިދީފައެވެ.
ޗައިނާއަށް ކިޔާ ފާޑުކިޔުންތައް
ޗައިނާގެ ސަބަބުން މި ޤައުމުތައް ދަރަނިވެރިވަމުންދާ ކަމަށް ހުޅަނގުން ތުހްމަތު ކުރިއަސް ހުޅަނގުން ދޭ ދަރަނިން ވެސް މި ޤައުމުތައް ދަރަނިވެރިވާނެ ކަމަށް ދާރިސުން ބުނެއެވެ. ދާރިސުން ބުނާ ގޮތުގައި ޗައިނާއިން ދޭ ދަރަނިތައް ދީފައި ވަނީ އަދި ދެމުން ދަނީ ވަރަށް ކުޑަ ފައިދާއަކާ އެކުގައެވެ. އަދި މި ދަރަނީގެ ތެރެއިން ބައެއް ދެމުންދަނީ ހިލޭ އެހީގެ ގޮތުގައި ކަން ވެސް މުޙައްލިލުން ފާހަގަ ކުރެއެވެ. ޗައިނާއިން އެހީދޭއިރު ވެރިކަމުގައި ތިއްބަވާ ބޭފުޅުންނާ ބެހެމުންނުދާކަން ވެސް ފާހަގަކުރަން ޖެހެއެވެ. ހުޅަނގުން ދޭ ކޮންމެ އެއްޗެއް ދިނުމާއެކު ހުޅަނގުގެ ނިޒާމާ އެއްގޮތަށް ވެރިކަން ބަދަލު ކުރަން ގޮވައިލަމުން ދާތީ ކުދިކުދި ޤައުމުތަކުން ހުޅަނގާ ދުރަށް ޖެހޭތަން ފެނެއެވެ. ހުޅަނގުގެ އެހީއާއެކު އެބޭފުޅުންގެ ވެރިކަން ގެއްލިގެން ހިނގައިދާނެތީ އެ ބޭފުޅުން ބިރުފުޅު ގަނެއެވެ. މިއާ ޚިލާފަށް ޗައިނާގެ އެހީގެ ސަބަބުން އެބޭފުޅުން ބާރު ދަނީ ގަދަވަމުންނެވެ.
ޔޫރަޕަކީ ރަނގަޅު ބަދީލެއް
ވޮންޑެރު ލާޔެން މި މަޤާމަށް އިސްވެ ވަޑައިގަތީ ޗައިނާއާ އެމެރިކާއާ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރޭގައި ޔޫރަޕަށް މޫލަވެރިކަން ހޯދާދެއްވުމަށް ޓަކައި "ޖިއޯސިޔާސީ ކޮމެޓީއެއް" އެކުލަވައިލައްވާނެ ކަމަށް ކަށަވެތިވެ ވަޑައިގަންނަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ބިނާރީ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ޓަކައި ޤައުމުތަކަށް އެކަށީގެންވާ ޚިޔާރުތަކެއް ދެވިފައެއް ނުވެއެވެ.
ޗައިނާއިން ކަމަރާއި މަގުގެ މަޝްރޫޢު ފެށީ 2013 ގައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ކަމިޝްނަރު އުންމީދު ކުރައްވަނީ ޗައިނާއާއެކު ހުސްތަން ފުރުމުގައި ޔޫރަޕަށް ވާދަކުރެވޭނެ ކަމަށެވެ. އެހެނަސް ދާރިސުން ބުނާ ގޮތުގައި ޗައިނާއިން ހޭދަކުރާވަރަށް ޔޫރަޕަށް ހޭދައެއް ނުކުރެވޭނެއެވެ.
އޭނާ ވިދާޅުވާ ގޮތުގައި ފަޤީރު ޤައުމުތަކާއި ތަރައްޤީވުމަށް މަސައްކަތް ކުރާ ޤައުމުތައް އޮތީ ރަނގަޅު ބަދީލެއްގެ އިންތިޒާރުގައެވެ. ޔޫރަޕްގެ އިއްތިޙާދަކީ "ޙަޤީޤީ ބަދީލު" އެކެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ކަމިޝްނަރު ވޮން ޑޭރު ލޭޔަން ވިދާޅުވިގޮތުގައި ޔޫރަޕުން ދަތުރު ކުރާނީ ތަފާތު މަގަކުންނެވެ. އޭނާ ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދުން އިސްކަންދޭނީ ފެހި އިޤްތިޞާދަށާއި ސުމޭކީ ފަންނިއްޔާތަށެވެ.
އޭނާ ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ 27 ޤައުމުން މި ކަމަށް ޓަކައި 300 ބިލިއަން ޔޫރޯ (340 ބިލިއަން ޑޮލަރު) ތަނަވަސްކުރުމަށް މަސައްކަތް ކުރާނެއެވެ. މި ކަމަށް ޓަކައި އަހަރަކު 68 މިލިއަން ޑޮލަރު ޔޫރަޕްގެ އިންވެސްޓްމެންޓް ބޭންކަށް ލެވޭނެއެވެ. ޔޫރަޕްގެ އިއްތިޙާދުގެ މަޝްރޫޢުތަކުގައި ހިމެނޭނީ ހައިޑްރޯޖަނަށް ބަރޯސާވާ އުނދަނައާއި އިންޓަރނެޓްގެ ޚިދްމަތް ތަނަވަސްކޮށްދިނުމަށް ޓަކައި ކަނޑު ހުރަސްކޮށް ކޭބަލް އެޅުމާއި މަދުރާސާތައް ޤާއިމު ކުރުމެވެ.
ވޮން ޑޭރު ލޭޔަން ވިދާޅުވި ގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ މި އިސްނެގުމަކީ ރައީސް ބައިޑްން ގެންގުޅުއްވާ "މިހާރަށްވުރެ ރަނގަޅު ޢާލަމެއް އަލުން ބިނާކުރުމު"ގެ ޚިޔާލުފުޅާ އެއްފަސްކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދުން ދޫކުރާ ދަރަނި ލިބޭ ޤައުމުތައް ބޭނުން ކަމަކަށް މި ފައިސާ ހޭދަކުރެވިދާނެއެވެ. އެހެނަސް ޔޫރަޕުން އިސްކަންދޭނީ ފެހި އިޤްތިޞާދަށާއި ސުމޭކީ ފަންނިއްޔާތަށެވެ.
ޔޫ އޮބްޒަވަރ އިންޓަނެޓް ޞަފްޙާގައި ހުޅަނގުގެ ދާރިސަކު ލިޔުއްވާފައިވެއެވެ. "އެހެނަސް އެންމެ މަތީގައި އޮތީ ޗައިނާގެ ފަށުވިމަގެވެ. އެ މަޤާމުގައި ޗައިނާ ދެމި އޮންނާނެތެވެ.ހުޅަނގާއެކު ޗައިނާއިން ކުރާ ވިޔަފާރިން އެ ޤައުމަށް އަހަރަކު 611 ބިލިއަން ޑޮލަރުގެ އަރަންޏެއް ލިބެއެވެ. އެހެންކަމުން ޔޫރަޕުގެ އިއްތިޙާދުން އަހަރަކު 67 ބިލިއަން ޑޮލަރު ފަންޑުކޮށްގެން ޗައިނާއާ ވާދަ ކުރާނީ ކިހިނެއް ހެއްޔެވެ؟ ޔޫރަޕުން ހުޅުވަން އެ ބުނާ "ޢާލަމީ ދޮރޯށި" ހުންނާނީ ބަންދުވެފައި ކަމަށް ފެނެއެވެ."



advertisment
2 Responses
ޢާއްމުކޮށް އަޑުނީވޭ ވަރަށް ގިނަބަސްތައް ހުރި ލިޔުމެއް. (ބްރެކެޓެއްގައި ޢާއްމު ބަހުރުވައިން ކިޔާގޮތް ލިޔުއްވި ނަމަ ވަރަށް ފުރިހަމަވީސް. ބައެއް ބޭފުޅުން އެގޮތަށް ލިޔުއްވާފަ ހުރޭ.
ލިޔުން ކިޔައިލީމާ އަޅުގަނޑަށް މާނަދެނގަނެވުނު ބައެއް ލަފުޒުތައް ލިޔެލާހިތް ވީ. ހަގީގަތުގައި ރަދީފުން ނުފެންނަ، ނޭނގޭ ލަފުޒުތަކުގެ މާނަ ކޮންޓެކްސްޓުން ދެނެގަތުން ވަރަށް މުހިންމު،
ބަދީލު = އޯލްޓަނޭޓިވް، ވުނަކުރުން = އިންވެސްޓްކުރުން، ޢާލަމީ ދޮރޯށި = ގްލޯބަލް ގޭޓް މި މާނަތައް ގޯސް ނަމަ، ލިޔުންތެރިޔާ ވިދާޅުވެދެއްވުން އެދެން.