ތިމާވެށީގެ ތަޖްރިބާކާރުން އިންޒާރުގެ ޑަނޑޫރާ ޖައްސަވަމުން ގެންދަވާއިރު "އިންސާނިއްޔަތު ސަލާމަތްކުރުމަށް" ތެދުވުމަށް އދގެ އަމީން ޢާންމު އެންޓޯނިޔޯ ގުޓަރެސް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލެއްވީ ގްލާސްގޯ ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ދުނިޔޭގެ ޒަޢީމުންގެތެރެއިން ދުއިސައްތައެއްހާ ޒަޢީމުންގެ ކުރިފުޅުމަތީގައި ވާހަކަފުޅު ދައްކަވަމުން ގުޓަރެސް ވިދާޅުވިއެވެ. "ފުދިއްޖެއޭ ބުނަން ޖެހޭ ވަގުތު އަތުވެއްޖެއެވެ."
އދގެ އަމީން ޢާންމު އޭނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޙަޔަވީ ސިންދަފާތަށް އަރައިގަތުން ފުދިއްޖެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ކަރުބޯނުން މެރުން ފުދިއްޖެއެވެ. އަޅުގަނޑުމެންގެ ތިމާވެށި ކުނި ގޮނޑަކަށް ހެދުން ފުދިއްޖެއެވެ. އެންދުމާއި ކޮނުން ފުދިއްޖެއެވެ. މިހާރަށްވުރެ ފުނުން އެއްޗެހި ނެރުން ފުދިއްޖެއެވެ. އަޅުގަނޑުމެންގެ އަމިއްލަ އަތުން މި ކޮންނަނީ އަޅުގަނޑުމެންގެ ކަށްވަޅެވެ."
ދުނިޔޭގެ ހޫނުކަމުގެ މިންވަރު އިތުރު ކުރާ ގޭސްތައް ޖައްވުގެތެރެއަށް އުކާލުމުގެ 80 އިންސައްތަ ޒިންމާ އެޅެނީ ޖަމާޢަތް 20ގެ ޤައުމުތަކުގެ ބޮލުގައެވެ. މި ކަމަށް އެންމެ ބޮޑަށް ޒިންމާވާން ޖެހޭ ޤައުމުތަކަކީ ޗައިނާއާއި އެމެރިކާއާއި އިންޑިއާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކާއި ރޫސީވިލާތެވެ. މި މައްސަލައަށް ޙައްލެއް ގެނެސްދިނުމުގައި ޖަމާޢަތް 20 ވަނީ ފޭލްވެފައެވެ.
ގްލާސްގޯ ސަމިޓުން ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. ޗައިނާގެ ރައީސް ޝީ ޖިން ޕިން މި ސަމިޓަށް ވަޑައެއް ނުގަންނަވައެވެ. ކޯވިޑް 19ގެ ފަހުން އޭނާ ޤައުމުން ބޭރަށް ވަޑައިނުގަންނަވާ ކަން ފާހަގަ ކުރެވެއެވެ. އޭނާ މި ސަމިޓާ މުޚާޠަބު ކުރައްވާނީ ދާދިވަރުކޮށެވެ. އޭނާގެ އިތުރަށް ރޫސީ ރައީސް ޕޫޓިން ވެސް މި ސަމިޓަށް ވަޑައެއް ނުގަންނަވައެވެ. އޭނާ ވެސް މި ސަމިޓާ މުޚާޠަބު ކުރައްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މި ބޭފުޅުންގެ އިތުރަށް ސަލާމަތީ މައްސަލަތަކަކާހެދި ތުރްކީގެ ރައީސް އުރްދުގާން ވެސް ވަނީ ގްލާސްގޯ ދަތުރުފުޅު ކެންސަލް ކުރައްވައިފައެވެ.

އެންމެ ފަހު ފުރްޞަތު
މި ސަމިޓަށް މެހެމާންދާރީ އަދާކުރާ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވާގޮތުގައި "މިއީ އެންމެ ފަހު ފުރްޞަތެވެ. ވަގުތުން ފިޔަވަޅު އަޅަން އެބަ ޖެހެއެވެ." އޭނާ ވިދާޅުވިގޮތުގައި ރައްޔިތުން ވަނީ ރުޅި އައިސް ފަޅައިގެން ގޮސްފައެވެ. މި ސަމިޓަށް އޭގެ ލަޑުދަނޑިއާ ހަމައަށް ވާޞިލު ނުވެވިއްޖެނަމަ މި ރުޅިގަނޑު ނުހފެހެއްޓޭނެ ކަމަށް ޖޯންސަން ވިދާޅުވިއެވެ.
ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޖޯންސަން ވިދާޅުވިއެވެ. "ޒަޢީމުންނަށް އަމާޒުފަތްގަނޑަށް ވާޞިލުވެ ވަޑައި ނުގެންނެވިއްޖެނަމަ ކުރިމަގުގެ ޖީލުތައް އެބޭފުޅުންނަށް މާފެއް ނުކުރާނެތެވެ."
މި ސަމިޓް ބޭއްވެމުންދާއިރު ތިމާވެށީގެ ޙަރަކާތްތެރީން ގްލާސްގޯގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ. ތިމާވެށީގެ ޙަރަކާތްތެރިއެއް ކަމުގައިވާ ގްރީޓާ ޓޮންބަރގް (18 އަހަރު) އެތައް ހާސް ބަޔަކާއެކު މުޒާހަރާ ކުރަމުން "ބޭކާރު ވާހަކަތަކުގެ ތެރެއަށް ގެނބިވަޑައިނުގަތުމަށް" ދުނިޔޭގެ ޒަޢީމުންނަށް ގޮވައިލިއެވެ.
ގްލާސްގޯ ސަމިޓަކީ 2015ވަނަ އަހަރު ޕެރިހުގައި އެއްބަސްވެވުނު އެއްބަސްވުން ތަންފީޒު ކުރުމަށް ބާރުއެޅުމަށް ޓަކައި ބޭއްވޭ ބައްދަލުވުމެކެވެ. މި އެއްބަސްވުމުގައި ދުނިޔެ އެއްބަސްވެފައި ވަނީ ދުނިޔޭގެ ހޫނުކަމުގެ ދަރަޖަ ދެ ދަރަޖައަށްވުރެ މައްޗަށް ދިޔަ ނުދިނުމަށް ޓަކައި މަސައްކަތް ކުރުމަށެވެ. ދޮޅު ދަރަޖައިގެ ތެރޭގައި މި ހޫނުކަން ހިފެހެއްޓުމަށެވެ.
ދުނިޔެ ހޫނުވަމުން ދިޔުމުގެ ސަބަބުން ދުނިޔޭގައި ވަނީ ފެންބޮޑުވުމާއި އިސްތިވާއީ ޠޫފާނުތައް އިތުރުވެފައެވެ. މިކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ. މި ސަމިޓް 12 ނޮވެންބަރާ ހަމައަށް ކުރިއަށް ދާނެއެވެ.
ޖަންގަލިތައް ނައްތައިލުން ހުއްޓައިލުން
އިނގިރޭސިވިލާތުން ރޭ ބުނިގޮތުގައި ސައްތައެއްހާ ޒަޢީމުން ދުނިޔޭގެ ޖަންގަލިތައް ސަލާމަތް ކުރުމަށާއި ޙިމާޔަތްކުރުމަށާއި އަލުން މި ޖަންގަލިތައް ހެއްދުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވާނެއެވެ. އިނގިރޭސި ނޫސް އޭޖެންސީ ބީއޭ މީޑިއާ ބުނާގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރައްވާ ޒަޢީމުންގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ޖަންގަލިތައް އޮތް ޤައުމުތަކުގެ ވެރީން ހިމެނިވަޑައިގަންނަވާނެއެވެ. އޭގެތެރޭގައި ބްރެޒީލާއި ރޫސީވިލާތް ހިމެނެއެވެ. ޖަންގަލިތައް ކަނޑައި ހުލިކުރާ ޤައުމުތަކުގެތެރޭގައި އެންމެ ފާހަގަ ކުރެވޭ އެންމެ ބޮޑު ދެ ޤައުމަކީ ބްރެޒީލާއި ރަޝިޔާއެވެ. މި އެއްބަސްވުމުގައި އެމެރިކާއާއި ޗައިނާއާއި އޮސްޓްރޭލިޔާއާއި ފަރަންސޭސިވިލާތް ވެސް ސޮއި ކުރާނެއެވެ.
ތިމާވެށްޓާ ބެހޭ ޙަރަކާތްތެރީން މި ކަމަށް މަރްޙަބާ ކިޔެވެ.

އިޙްތިޖާޖުތައް
ސަމިޓް ބޭއްވޭ ތަނުގެ ވަށައިގެންވާ މަގުތަކުގައި އޮކްސްފާމް ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން މުޒާހަރާތައް ބޭއްވެމުންދާކަން ފާހަގަ ކުރެވެއެވެ. މި މުޒާހަރާތަކުގައި ބައިވެރިވާ ތިމާވެށީގެ ޙަރަކާތްތެރީން މުޒާހަރާތައް ބާއްވަމުން ދަނީ ސްކޮޓްލޭންޑްގެ މިޔުޒިކް ޓީމަކާއެކުގައެވެ. މި ޓީމުގެ ނަމަކީ "ކޯޕް 26ގެ ހޫނު ވައި" އެވެ. މި މުޒާހަރާތަކުގެ ބޭނުމަކީ މި ބައްދަލުވުމުގެ ބައިވެރީންނަށް ފިއްތުންތައް އިތުރުކޮށްގެން ރަނގަޅު ނަތީޖާއަކާ ހަމައަށް ބައްދަލުވުން ގެންދިޔުމެވެ.
މުރާޤިބުން ފާހަގަ ކުރައްވާގޮތުގައި ގްލާސްގޯ ސަމިޓް މާ ފަސޭހަ ބައްދަލުވުމަކަށް ނުވާނެއެވެ.
ދުނިޔޭގެ ހޫނުކަން ކުޑަކުރުމާ ބެހޭގޮތުން ވަރަށް ގިނަ ޚިޔާލުތަކެއް ދަނީ ސަމިޓަށް ހުށައެޅެމުންނެވެ. ދުނިޔޭގެ ޤައުމުތަކުން ދުނިޔޭގެ ހޫނުކަން ކުޑަކުރުމަށް ޓަކައި މަސައްކަތް ނުކޮށްފިނަމަ ދުނިޔޭގެ ހޫނުކަން 2.7 ށް މައްޗަށް ދާނެކަމަށް އދ ގެ ރިޕޯޓެއް ބުނެއެވެ. މި މިންވަރަށް ދުނިޔެ ހޫނު ވެއްޖެނަމަ އެކަން ވާނީ ވަރަށް ބޮޑު ކާރިސާއަކަށެވެ.

ރަނގަޅު ފުރްޞަތެއް
އެމެރިކާގެ ރައީސް ޖޯ ބައިޑްން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި މޫސުމާބެހޭ ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ ތާރީޚު މުޅިން އެހެން އަތަކަށް ގޯޅި އަޅައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި މޫސުމާ ބެހޭ މައްސަލަތައް ޙައްލު ކުރުމަށް ޓަކައި ކުރެވޭ މަސައްކަތަކީ ދުނިޔޭގެ އިޤްތިޞާދުތައް ސަލާމަތް ކުރުމަށް ލިބިފައިވާ ފުރްޞަތެކެވެ. އޭނާ ވިދާޅުވިއެވެ. "މިއީ ހަމައެކަނި އެމެރިކާއަށް އޮތް ފުރްޞަތެއް ނޫނެވެ. އެންމެންނަށް އޮތް ފުރްޞަތެކެވެ."
ފަރަންސޭސި ރައީސް މެކަރޯންގެ ވާހަކަފުޅުގައި ކަރުބޯން ގޭސްތައް ޖައްވަށް އެރުމުގައި މަސްއޫލުވާން ޖެހޭ ޤައުމުތަކުން ކަރުބޯން ގޭސްތައް ޖައްވަށް ދިޔުން މަދުކުރުމަށް ޓަކައި މަސައްކަތް ކުރުން އިތުރު ކުރުމަށް ގޮވައިލެއްވިއެވެ.

އިނގިރޭސި ރާނީ ވީޑިއޯ ކޮންފަރެންސްކޮށް ވާހަކަފުޅު ދައްކަވަމުން "ކުރިމަގުގެ ޖީލުތަކުގެ ނިދާތަކަށް އިޖާބަ ދިނުމަށް ޓަކައި މަސައްކަތްތައް ގުޅިގެން ކުރުމަށް" ގޮވައިލެއްވިއެވެ.
ބާބަރޑޮސްގެ ބޮޑުވަޒީރު މިޔާ މޮޓްލީ ސަމިޓާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "ދެ ލޯ ލިބިފައިވާ މީހާ ނިކަން ބަލާބަލާށެވެ. ދެ ކަންފަތް ލިބފައިވާ މީހާ ނިކަން އަޑު އަހާބަލާށެވެ! ހިތެއް ލިބިފައިވާ މީހާ ނިކަން އިޙްސާސްކޮށް ބަލާށެވެ! އަޅުގަނޑުމެން މިވަނީ ހޫނުކަމުގެ މިންވަރު 1.5 ދަރަޖައިގައި ހިފަހައްޓާދޭނެ ފަންގެފިލާއަކަށް ބޭނުންވެފައެވެ. މި ހޫނުކަން ދެ ދަރަޖައަށް މައްޗަށް ގެންދިޔުމަކީ އެނޓިގުވާއާއި ބަރމޯޑާއާއި ބާރބަޑޮސްއާއި ދިވެހިރާއްޖެއާއި ފިޖީއާއި ކީނިޔާއާއި މޮޒަމްބީގާއި ސަމޯއާއި ބާރބެޑޮސްގެ ރައްޔިތުން މައްޗަށް މަރުގެ އަދަބު އިއްވުންފަދަ ކަމެކެވެ."
"އަޅުގަނޑުމެން މަރަން ކަނޑައެޅި މި ނިޔާއާ ދެކޮޅު ހަދަމެވެ. އަޅުގަނޑުމެން މި ތަނަށް މި އައީ މި ހޫނުކަން ކުޑަކުރުމަށް ޓަކައި ތިޔަބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތައް އިތުރުކުރައްވާށޭ ދަންނަވާށެވެ. އަޅުގަނޑުމެން އެއް ސައްތަ އަހަރުފަހުން ވެސް ދުނިޔޭގައި ތިބެން ބޭނުމެވެ."



advertisment