ކުލުނުވެެރިކަން ނެތިދިޔައިމާ އަދުގެ މަސްރަޙު ހޫނުވީ
ޒުލުމުވެރި ބާރާ ނުފޫޒުގެ ހުތުރު ސިފަތައް އާންމުވީ
މޫނުކަޅު ދުނިޔޭގެ މަދަދަށް އެދި ސަލާންޖެހި އަތްތަކަށް
ކާނެ އެއްޗެއް ލައިނުދޭތީ ދެރަ ފަޤީރުން ހާންތިވީ
އަގު ޙަޔާތުގެ ނޭނގި ޒާތީ އެދުމަކާ ލައިގަތް ބަޔަކު
އަނގަވަތަަށް ގޮސް ވެއްޓިޖެހުމުން މޫނުމައްޗަށް އަނދިރިވީ
ގޮތްގޮތަށް ލެނބެމުން ކުރާ އަޚުލާާޤު ނެތް ޙަރަކާތްތަކަށް
އަތްތަކުން ތަރުޙީބު ދޭތީ ލޮލުގެ ނަޒަރަށް އައިބުވީ
ހައްދު ފަހަނައަޅާ، ރަނގަޅު ހަމަޔާ ޚިލާފުވި ވިސްނުމުން
ހައްޤުތައް ފޭރުނުފަހުން ޖީބަށް ނުޙައްޤުން އިތުރުވީ
ނޭނގެޔޭ ބުނެ އުޒުރުދައްކާ ތިބެ އަރައިގަތް ކުށްތަކާ
އޭގެ ތަބަޢީ ޒާތަކުން ވައިފެން މިތާގެ ޚަރާބުވީ
ހެއްލުމުން އަސްލެއްނުވާ ދުނިޔޭގެ ދަޅަޔާ ޝުހުރަތަށް
ގެއްލުމާއި ހަލާކަށޭ ކުރެވޭ ދަތުރު މިސްރާބުވީ
