ގިސްލާ ރޮވޭވަރު ވެއްޖެއޭ ތަދެކޭ މިއީ ހިތި އަސަރު ހުރި
ޖިސްމާއި މޭގައި ހިތްވަރެއް މިއަދަކު ނެތޭ އެދުވަހު އެ ހުރި
އަސްލީ މަޤާމަށް ލޯބި ގޮސް ހުއްޓުނު ދުވަހު ހިތުގައި ކުރެހި
ތަސްވީރު ފަނޑުވެއްޖޭ ލޮލަށް ލޯބީގެ ކުލަތައް އެކުވެ ހުރި
އެކުއުޅެ އެކީ ވީ ވައުދުތައް މިތުރާ އުވާލީކަމަކު އައިސް
ދެކިލާށެ ތިޔަ ދެ އަތުން ކަތިލި ހިތެކޭ މިއީ ފުން ޒަޚަމު ހުރި
އިޤުރާރުވީ ލޯތްބާ ކަލާ ނުރުހުންވެ މި ހިތާ މަތިކުރީ
ދެގޮތެއްނުވާ ދެ ހަނދާނަކާ އިހުސާސުތަކެކޭ މާނަ ހުރި
ހަނި ފުރުސަތެއް ނަމަވެސް ނުދީ ޒުލުމުގެ އަތުން ތާއަބަދު ދޭ
އަނިޔާގެ ސަބަބުން ހުއްޓެނީ މައުސޫމު ހިތެކޭ ވިންދު ހުރި
ރިހުމާއި ވޭނާ ދަސްވެ ނެތް ތިޔަ ފަދަ ހިތެއްގެ ތަބީޢަތުން
ރަހުމެއް ނުވާ ތިޔަ މޭ ތެރޭން ނުޖަހާނެ ވިންދެއް ޝައުޤު ހުރި
ޤާބިލު ހިތެއް ނޫން ލޯތްބަކަށް ތިޔައީ އެހެންނަމަވެސް އެކަން
ސާބިތުކުރާނީ ކިހިނަކުން؟ ހެއްކެއް ނެތޭ އިތުބާރު ހުރި