ހުވަފެނީ ޢާލަމު ތެރޭގައި ޝާއިރެއް ބެހިގެން ދަނީ
ހުވަނދުމާ ވަސް ނޯށުގައި ޖެހި ޝާޢިރަށް ހޭވެރި ވަނީ!
ދެބަ މެދަށް ހާޒިރުވެފައި އޮއްވާ ބަނދެވި އެގޮތުގެ މަތީ
ދެބަ ދެމެދު ދިހުނެއްގެ ވިދުމެއް ފާޅުވެވި ސިފަޖެހި ދަނީ!
އާދަމީ ފަރިކަން ހިބައިން ކޮށް މިލްކު ހުރި މަޙުލޫގެކޭ
އާދަ ފޫވައްޓާލަމުން ހުރެ ޝާއިރާ އައިސް ގާތް ވަނީ!
"އަޅުގެ އީމާން ކަން ނާގަލަން އައިހެ ޝައިތާނާ ކަލޭ؟"
އަޅުކަމަށް ތެދުވަން އަދައިގެން ޝާއިރޭ ގޮވަމުން ދަނީ!
" "ލޯބި" އޭ އަޅުގަނޑު މިއީ! ޝައިތާނަކަށް ނުވެޔޭ ސަފުން!"
ލޯބި މަޑުމަޑު ގަގުނަސީ އަޑަކުން އެހެން ބުނަމުން ދަނީ!
"ކީއް ކުރަންތޯ ތިޔަ އައީ؟ ކޮންބޭނުމެއް ހިތުގައި އޮތީ؟"
ވީއްލުމަށް ދެބަދޭތެރޭން ޝާޢިރު ދުޢާ ކުރަމުން ދަނީ!
"ލޯތްބަކީ ކޯއްޗެއް ކަމާ އޭގައިވި އަސަރާ ޖާހަތާ
ލޯތަކަށް ދައްކާށެ އަޅުގަނޑު ހަމަ މިތާ އެދިގެން ވަނީ"
"ލަސްނުކޮށް ދުރުވާށެ އަވަހަށް ބޭނުމައިގެން ތިޔަ އެދޭ!
މަސްތުވެވި ހިތް ހަށިގަނޑާ ތިޔަ އަރިހަށޭ ކިޔަމަން ވަނީ"
"ކޮންމެ އިންސާނެއްގެ ދެލޮލަށް އަޅުގެ ސިފަ ފަރަޤޭ އެނގޭ!
އޮންނަ ހަމައިން އަޅުގެ ވަސްވެސް ނޭފަތައް ފަރަޤޭ ވަނީ"
"ފަނޑުވެފައިވާ އަލިކޮޅެއް ފަދައިން ވެގެން ކަތި ދޯދިތައް
މަޑުމަޑުން އައިސް ތިޔަ ހަޔާތަށް ވެރިވަމުންނޭ ގެންދަނީ"
"ޙިކުމަތާ ޢިބުރަތުގެ ހުރިހާ ހިއްސަކާ އަދި ފެނުމަކާ
ފިކުރުވެރިވާ ހާލުގައި ހުރެ ވަގުވަގުން އަތް ދަށުލަނީ"
"އަޅުގެ ސިޙުރީ ބާރުގައި ޖައްސާ އަޚުންނާ އުޚްތުނާ
ވަޅުލެވެން ކަށްވަޅު އަތުން ކޮންނަން ގުދަށް ތިރިކޮށްލަނީ"
އަޑު އަހަން އޮވެފައި އެހެން ޝާއިރު ފުނަށް ވިސްނާލަމުން
މަޑުމަޑުން ތަކުރާރުކޮށްފައި ވައި އަޑުން ބުނަމުން ދަނީ…
"ތިޔަ ވިދާޅުވި ވާހަކައިން ލޯބީގެ އަޞްލޭ ފާޅުވީ!
ނިޔަތުގައި އަދި ޢަމަލުގައި ޝައިތާނަކާ އެއްވަރު ވަނީ!"
ވިސްނަވާ "ޝާހިލް"ގެ ބަސްތައް ހެއްލި ނުމެދޭ ދަޅަތަކަށް!
އިސްމުފުޅު މަތިވެރި ޢިލާހަށް ޙަމްދުކޮށް ނިންމާލަނީ!
One Response
ވަރަށް ރީތި ޅެމެއް