ކިހިނެއްކަމެއް ނޭނގޭ މި ހިތް މިއަދާ ޖެހެންދެން ކެތްކުރީ
ފޮހެމުން ކަރުނަ ހިނިތުންވެލަން އަހަރެންގެ ބަލި ހިތް ދަސްކުރީ
ގަލަމާ ދުލުން ދުވަހަކު ބަޔާން ނުވެވޭނެ ވޭނީ ރިހުމެކޭ
ހިލަމެއް ނުވާހެން އަނެކުނަށް ވަގުތުގެ އަތުން ފަރުދާކުރީ
މުޅި ދުނިޔެއަށް އެބަ ބުނެދެޔޭ ދެލޮލުގެ ޞަރީޙަ އިބާރަތުން
މޮޅިވެރިކަމާއެކުކަން މި ހިތް ތަކުރާރުކޮށް އެ ހަނދާންކުރީ
ތުނި ހިތުތެރޭން ހިތި އަސަރުތައް ނެރެލާނެ ފުރުސަތުވެސް ނުދީ
ފިނި ރޭތަކާ ފިނި މެންދަމޭ އެ ޚިޔާލުތައް އެއްތަންކުރީ
މެދުވެރިވި ސަބަބެއް އަދިއަަދަށްވެސް ނޭނގި އޮތް ހާލާތެކޭ
އެދުމާ އެދޭ ހުރިހާ އުފާތަކަކުން މި ހިތް އެކަހެރިކުރީ
އަމުރަށް ހިތުގެ ކިޔަމަންނުވާ ޖަޒުބާތެކޭ އެހެނަސް މިއަދު
އެމަޤާމު އެ ހިތުން އެދި އަލުން އިޝްޤުގެ މަގަށް ބޯދިއްކުރީ
