މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ވަގުތީ ގޮތުން ހަވާލުކޮށްފައި އޮތް ބިމެއްގައި ފެންސުޖަހައި މުދާ ރައްކާކޮށްފައި ވަނިކޮށް، އެ ކުންފުންޏަށް އެންގުމަކާ ނުލައި މާލެ ސިޓީ ކައުންސިލުން އެ ފެންސު ނައްޓާލައި މުދާތައް ނެރެ، އެހެން ތަނެއްގައި ފެންސް ބޭނުންކުރަމުންދާ ކަމުގައި ސްޓެލްކޯ އިން މިއަދު ބުނެފިއެވެ.
އިންޑަސްޓްރިއަލް ޒޯނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސިޓީ ކައުންސިލުން އެކަން ކޮށްފައިވަނީ އެ ކުންފުންޏަށް އެންގުމަކާ ނުލައި އީދު ބަންދުތެރޭގައި ކަމަށެވެ. އެތަނުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ގެންގޮސްފައިވާ ތަކެތިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބަންދު ތެރޭގައި ފާހަގަކުރެވުނީ އަޅުގަނޑުމެންގެ ހުއްދައެއް ނެތި ސިޓީ ކައުންސިލުން އަޅުގަނޑުމެންގެ ކުންފުންޏަށް ދީފައި އޮތް ބިމެއްގައި ޖަހާފައި ހުރި ފެންސްތައް ކަނޑައިގެން ސިޓީ ކައުންސިލުގެ ބޭނުމަށް އެތަނާ އިންވެގެން ހުރި ބިމުގައި ބޭނުންކުރާކަން. އެތާ ސެކިއުރިޓީ ކަންތަކަށް ސީސީޓީވީ ހަރުކުރަން ނިންމާފައި އިންފްރާސްޓްރަކްޗާ ވެސް ގާއިމުކޮށްފަ ހުރީ. އެކަމަކު އެ އެއްޗެއްސަށް ވެސް ވީނުވީއެއް ނޭނގޭ،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ސްޓެލްކޯގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި ފެންސް ޖެހުން ހުއްޓާލުމަށް ފުލުހުން ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސިޓީ ކައުންސިލުން މިހާރު ވަނީ އެ ބިމުގައި އެއްކޮށް ފެންސް ޖަހައި ބަންދުކޮށްފައެވެ.
ސްޓެލްކޯ އިން ބުނީ އެ ބިމަކީ އެ ކުންފުނީގެ ބެކަޕް ޕަވާ ހައުސް އާއި ގްރިޑް ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ރައްކާކުރުމަށް އެ ކުންފުންޏަށް ދީފައިވާ ބިމެއް ކަމަށެވެ.
މި ކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
One Response
މާލެ ސިޓީ ކައުންސިލުގެ ކަރަންޓް ކަނޑާލަން ފެނޭ. އެއިރުންތި ޒާތުގެ ކަންކަން ހުއްޓޭނީ .