ސިޔާސީ މަސްތަކީ ޑްރަގަށް ވުރެންވެސް އަމަލުވާ މަސްތެއް
ޚިޔާލާ ބުއްދިޔަށް ޝައިޠާނު ވަސްވާސްދޭ ނުބައި މަސްތެއް
ތިމާ ބާރާ ނުފޫޒާ ޖާހުގައި އެތަކެއް އަހަރު ވިއަކަސް،
ތިމާ، ރުހިގެން ފުދޭ ވަރުވެސް ތިމާޔަށް "ވިޔަނުވާ" މަސްތެއް
ވަށައިގެން ކަށިކުނބުރު ޖަންގަލި ތެރޭގައި ތާށިވާ ޙާލުން،
ވަށައިގެން ކަށިހެރޭއިރުވެސް ތަދެއް އިޙްސާސް ނުވާ މަސްތެއް
ތިމާޔަށް ހަށިފުރާ ނޭވާ ލެވޭ ދުޅަހެޔޮ ކަމެއް ނެތްނަމަ،
ތިމާޔަށް "އޮކްސިޖަން ދީގެން" ވިޔަސް ކޮށްލަން އެދޭ މަސްތެއް
ހެދޭހާ ގޯސްތަކުން މީހާ ހަފުސްވެ އަރާނެ މަގު ނެތުނަސް،
"ބެދޭމަޅި" ވެސް ނުފެނި، ދަހިވެތިކަމުން ހަމަ ހޭނެތޭ މަސްތެއް
ކަމުގެ ޒިއްމާ އެ އުފުލޭވަރު ކަމަށް ޤާބިލު ނުވާ ނަމަވެސް
ނަމުގެ ކުރިޔަށް މަގާމާ ޝަރަފު އޮތުމުން ހޭނެތޭ މަސްތެއް
ނުބައި މަކަރާއި ރޭވުން އަދި ކުރާ ހުވަޔާއި ވަޢުދާވެސް،
ބުނާ ގޮތަކަށް ނުފުއްދުނަކަސް ދުރަށް ދާހިތްނުވާ މަސްތެއް
ލިބޭ ތަޚްތާއި ތާޖާ އަދި ނުފޫޒާ ބާރުވެރި ކަމުގާ
ކެވޭވަރު ބަނޑު ފުރޭއިރުވެސް ކެއުން ހުއްޓާނުލާ މަސްތެއް
ފިރިންނާ މައި ބަފައިންނާ އަނބި ދަރީން ކަތިލައި
ނަހީއާ މުންކަރާތަށް ވެސް ބިރެއް ސަރަމެއް ނުވާ މަސްތެއް
ފަނާ ލައިގެން ތިބޭ ބަނދަރުން، ފަނާ ހިލިގެން ފަރަށް އެރިޔަސް،
ފަރާއި ދުރަށް ގެނބުރު ކޮށްލަން ހަނދާނެއްވެސް ނުވާ މަސްތެއް
ދަރައިގެން ބޯހިކެން ނެތުނަސް، ތަނާ، ގައުމާ، ވަޠަން ވިކުނަސް،
ރަލާއި ޑްރަގު ނަމުން ނުކިޔަސް، އެއަށްވުރެވެސް ނުބައި މަސްތެއް
