"ކިނބޫ ކަރުނަ" އަކީ ބޭރު ބަސްބަހުގެ ލިޔުންތަކުން ވަރަށް ގިނައިން ފެންނަ ޢިބާރާތެކެވެ. މި ކަލިމަ ނުވަތަ ޢިބާރާތް ބޭނުން ކުރެވެނީ ދޮގުވެރި ޖަޒްބާތުތަކަށާއި ދޮގުވެރި ހަމްދަރްދީ ފަދަ ކަންކަމަށެވެ. މި ޢިބާރާތުގެ ޙަޤީޤަތަކީ ކޮބައި ހެއްޔެވެ؟ މި ޢިބާރާތް ބޭނުން ކުރަން ފެށުނީ ކޮން އިރަކު ހެއްޔެވެ؟
މިޞްރުގެ ޤަދީމީ ސަޤާފަތުގައި ކިނބޫ
History Extra ނަމަކަށް ކިޔާ އޮންލައިން ޞަފްޙާއެއް ބުނާގޮތުގައި ކިނބުލަކީ މިޞްރުގެ ޤަދީމީ ސަޤާފަތުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ޙައިވާނެކެވެ. މި ޙައިވާނަކީ ނީލަކޯރުގައި ވަރަށް ގިނައިން އުޅުނު ޙައިވާނެކެވެ. ނީލަކޯރުގެ އައްސޭރީގައި ދަނޑުވެރިކަން ކުރަން އުޅޭ ދަނޑުވެރީންނަށް ޙަމަލާދޭ މިނިކާ އެއްޗެކެވެ. ފިރްޢައުނީ އާސާރުތަކުގައި ކިނބޫ ކުރަހާފައި ވެއެވެ. ތާރީޚު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެއީ މިޞްރު މީހުން އަޅުކަންކުރި ކަލާނގެތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ކިނބޫ ކަލާނގެއަށް ދެވިފައިވާ ނަމަކީ "ސޫބަކު"އެވެ. މުއައްރިޚުންގެ ދިރާސާތައް ބުނާގޮތުގައި "ކިނބޫ ކަރުނަ" މި ޢިބާރާތް އެންމެ ފުރަތަމަ ފަހަރަށް ބޭނުން ކުރީ މިޞްރު މީހުންނެވެ.

ޤަދީމީ ޒަމާނުގައި މިޞްރީން ހީކުރިގޮތުގައި ކިނބޫ ރޮއި ކަރުނަ އޮއްސަނީ ޝިކާރައަށް ޙަމަލާދޭ ވަގުތުގައެވެ.
ކިނބޫ ރޮއިހަދާ ހެއްޔެވެ؟
ސައެންސީން ބުނާގޮތުގައި ކިނބުލަކީ ރޮއިހަދާ ޙައިވާނެކެވެ. އޭތީގެ ކަރުނައިގައި ހުންނަނީ މަޢުދަނީ ލޮނާއި ޕްރޮޓީނެވެ. ކިނބޫ ރޮނީ އޭތި ހިފި ޝިކާރަ ކާ ވަގުތުގައްޔާއި ފެނުން ބޭރަށް ނުކުމެ މާ ގިނައިރު ވީމައެވެ. Science World ބުނާގޮތުގައި ކިނބޫ ފެނުން ބޭރުގައި މާގިނައިރު އޮތުމުން އޭތީގެ ލޯ ހިކެއެވެ. މި ލޯ ތެތްކޮށް ބޭއްވުމަށް ޓަކައި ކަރުނަ އުފައްދަނީއެވެ.
ޤަދީމީ ޒަމާނުގައި މީހުން ހީކުރިގޮތުގައި ކިނބޫ ރޮނީ އޭތި ޝިކާރަކުރަން ބޭނުންވާ އެއްޗަށް އޮޅުވައިލުމަށް ޓަކައެވެ. އޭތީގެ ދަލުގައި ޝިކާރަ ޖައްސުވަން ވެގެން ރޮނީއެވެ. ބައެއް ފަހަރަށް ކިނބޫ ރޮނީ ޝިކާރަކުރި އެތި ކެއުމަށްފަހުގައެވެ. އެއީ ޝިކާރަ ކެއުމުގެ ތެރޭގައި އޭތީގެ މޫނަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.
ޔޫނާނުގެ ޤާދީމީ މުއައްރިޚެއް ކަމުގައިވާ ބްލޫޓާޚްގެ ލިޔުއްވުންތަކުން އެނގޭ ގޮތުގައި ޤަދީމީ ޒަމާނުގެ މި މަފްހޫމު މެދުޒަމާނާ ހަމައަށް ވާރުތަވަމުން ނަޤްލުވެފައި ވެއެވެ. ކިނބޫ ނޫޅޭ ޤައުމުތަކުގެ މީހުން ވެސް މި ޢިބާރާތް އެމީހުންގެ ލިޔުންތަކުގައި ބޭނުންކޮށްފައިވެއެވެ.
"ސަރ ޖޯން މެންޑެވިލްސްގެ ދަތުރުތައް" ނަމަކަށް ކިޔާ ލިޔުންތަކުގައި މި ޢިބާރާތް އައިސްފައިވެއެވެ. އެއީ އަސްވާރަކު ދުނިޔެ ވަށައި ކުރި ދަތުރުތަކެއްގައި ހިމެނޭ އާހިތަތަކެއް ހިމެނޭ ވާހަކަތަކެކެވެ. އިނގިރޭސި މަޝްހޫރު ޝާޢިރު ވިލިއަމް ޝެކްސްޕިއަރުގެ މަސައްކަތްތަކުން ވެސް މި ޢިބާރާތް ފެނިފައިވެއެވެ.
ޢިލްމީ ދިރާސާތައް ބުނާގޮތުގައި ކިނބޫގެ ހަށިގަނޑު ފަޅައި ބެލުމުން ހާމަވި އެއް ޙަޤީޤަތަކީ އެއީ އޮޅުވައިލުމުގެ ގޮތުން ނުވަތަ ޖަޒްބާތީގޮތުން ރޮއި ހަދާ ޙައިވާނެއް ނޫންކަމެވެ. އޭތި ރޮއިހަދަނީ ޙަޔަވީ ސަބަބުތަކަކާ ހެދި ކަމެވެ. އެހެނަސް މި ޢިބާރާތަކީ އެތައް ހާސް އަހަރެއް ވެފައިވާ އަދަބީ ތަޢުބީރެކެވެ.



advertisment
One Response
އަހަރެމެންގެ ރައީސް އިބޫ އަކީ ވެސް ވަރަށް ކީރިތި ކުރައްވާ ބޭފުޅެއް