Support Us

ޕާޓީން ވަކިވުން

(ޅެމަކާއި ޅެމުގެ ތަރުޖަމާއެއް)

ޅެން ހެއްދެވީ: އަޙްމަދު މަޠަރު

ނޯޓު: މި ޅެމަކީ އަޙްމަދު މަތަރުގެ ޅެމެއްގެ ތަރުޖަމާއެކެވެ. އަޙްމަދު މަޠަރަކީ އިރާގު ޝާއިރެކެވެ. އޭނާ އުފަންވެވަޑައިގަތީ 1954 ވަނައަހަރު އިރާގުގެ ދެކުނުގައި އޮންނަ ތަނޫމާ އެވެ ކިޔުނު ރަށުގައެވެ. އޭނާގެ ޅެންތަކުގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައި ވަނީ އަރަބި ދުނިޔޭގެ ސިޔާސީ ހާލަތުގެ މައްޗަށެވެ. އޭނާގެ ޅެންތަކުގައި އަރަބި ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި އެލީޑަރުންގެ ސިޔާސަތުގެ މައްޗަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވެއެވެ. އެކަމުގެ ސަބަބުން އޭނާގެ އުފަން ރާއްޖެ ދޫކޮށް ހިޖުރަކުރަން މަޖުބޫރުވިއެވެ. އޭނާ އެންމެފަހުން ވަޒަންވެރިވެ އުޅުއްވި ކަމުގައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

ތިރީގައި އެވަނީ އޭނާ ލިއުއްވި "އަލް މުންޝައްޤު" ([ޕާޓީއިން] ވަކިވެދާމީހާ)، މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. މިޅެމުގައި ބަލާލެވިފައިވަނީ އިރާގުގެ ސިޔާސީ ހާލަތާ މެދަށެވެ. ސިޔާސީ ޕާޓީތައް ގިނަވި ކަމުގައިވިޔަސް އާއްމުނަށް އެކަމުން މާބޮޑު ފައިދާއެއް ނުކުރާކަމެވެ. ސިޔާސީ ޕާޓީތަކަކީ، އޭނާ ސިފަކުރައްވަނީ "އެއިން އަލިފާން ނުލިބޭ ހުސް އަނގުރުތަކެއްގެ ގޮތުގައެވެ." އާދެ އެޕާޓީތަކުން މުޖުތަމައަށް މާބޮޑު ފައިދާއެއް ނުކުރާކަމެވެ. ފަގީރުކަމާއި އާއިލާތައް ރޫޅިދިއުން ފަދަ އިޖުތިމާއީ މައްސަލަތައް ރަށުގައި ގިނަވެފައި އޮތަސް މިއިންކަމެއް ހައްލު ކުރުމަށް މަސައްކަތެއް ނުކުރެވޭކަމެވެ. ކޮންމެ ޕާޓީއަކަށްވެސް މަސައްކަތް ކުރެވެނީ އެޕާޓީގެ އަމިއްލަ ފައިދާއަށްކަމެވެ. ވާހަކަމާ ދިގުނުކޮށް އޭނާގެ މިޅެން ކިޔާލައި މާނަކުރުމަށް ޓަކައި ކިޔުންތެރިންގެ އަމިއްލަ ވިސްނުމަށް ދޫކޮށްލަމެވެ.

أكثَرُ الأشياءِ في بَلدَتِنـا الأحـزابُ والفَقْـرُ وحالاتُ الطّـلاقِ.

އަހަރެންގެ ރަށުގައި އެންމެ ގިނައީ (ސިޔާސީ) ޕާޓީތަކެވެ. އަދި ފަގީރުކަމާއި ވަރިއެވެ.

عِنـدَنا عشرَةُ أحـزابٍ ونِصفُ الحِزبِ في كُلِّ زُقــاقِ!

އަހަރުމެންގެ ތެރޭގައި ކޮންމެ ގޯޅިއެއްގައިމެ ދިހަ ޕާޓީއާއި ފަޅި އޮވެއެވެ.

كُلُّهـا يسعـى إلى نبْـذِ الشِّقاقِ!

މިއިން ކޮންމެ ޕާޓީއެއްވެސް މަސައްކަތްކުރަނީ ހަމަނުޖެހުމާއި ދެކޮޅުވެރިކަން ނެތިކޮށްލާށެވެ.

كُلّها يَنشَقُّ في السّاعـةِ شِقّينِ

(ނަމަވެސް) ކޮންމެ ޕާޓީއެއް ވެސް ހިނދުކޮޅެއްގެ ތެރޭގައި ދެބައިވެ، ފަޅިވެއެވެ.

ويَنشَـقُّ على الشَّقّينِ شِـقَّانِ

ދެން އެދެބައިވެސް (އިތުރަށް) ދެބައިވެ ފަޅިވެއެވެ.

وَيَنشقّانِ عن شِقّيهِما .. من أجـلِ تحقيـقِ الوِفـاقِ !

އަދި އެއިން ކޮންމެ ދެބައަކުންވެސް އިތުރު ދެބައި އުފެދިގެންދެއެވެ.. (އާދެ!) އެއްބައިވަންތަކަން ހަގީގަތަކަށް ހަދާލުމުގެ މަގުސަދުގައެވެ!

جَمَـراتٌ تَتهـاوى شَـرَراً والبَـرْدُ بـاقِ

(މިއީ އެއިން އަލިފާނެއް ނުލިބޭ ހުސް) އަނގުރުތަކެކެވެ. އެއިން ބުރަނީ (ހަމައެކަނި) ކަނިކަންޏެވެ! (ތަނުގައި ފެތުރިފައި އޮތް) ފިނިކަން ހަމަ އޮތްގޮތަށް އޮތީއެވެ.

ثُمّ لا يبقـى لها إلاّ رمـادُ ا لإ حتِـراقِ!

އަދިއެއަށްފަހު، އެއަނގުރުތައް އަނދައި ހުލިވުމުން އޮންނަ ހުސް އަޅިތައް ނޫން އެހެން އެއްޗެއް އެއަކުން ނުލިބެއެވެ. [މާނައީ މިއީ އެއިން ހަގީގީ އެއްވެސް ފައިދާއެއް، ތަނަށް، އާންމު ރައްޔިތުންނަށް، ލިބޭ ކަމެއް ނޫނެވެ.]

**

لَـمْ يَعُـدْ عنـدي رَفيـقٌ رَغْـمَ أنَّ البلـدَةَ اكتَظّتْ بآلافِ الرّفـاقِ !

މިހާރު އަހަރެންނަކަށް އެއްވެސް އެކުވެރި ބައިވެރިއަކު ލިބިފައެއްނެތެވެ. އެތައްހާސް އެކުވެރި ބައިވެރީންނާއިގެން، މުޅިރަށް ތޮށްޖެހި ފުރިފައި އޮތަސް ވެހެވެ.

ولِـذا شَكّلتُ من نَفسـيَ حِزبـاً

އެހެންވެ، އަހަރެންވެސް [ހަމައެކަނި] އަހަރެންގެ އަމިއްލަ ނަފުސުގެ މައްޗަށް އެކުލެވޭ ޕާޓީއެއް އުފެއްދީމެވެ.

ثُـمّ إنّـي مِثلَ كلِّ النّاسِ أعلَنتُ عن الحِـزْبِ انشِقاقي !

ދެން އެހެންމީހުންނެކޭ އެއްފަދައިން އަހަރެންވެސް، އަހަރެންގެ ޕާޓީން ވަކިވި ވާހަކަ އިއުލާނު ކުރީމެވެ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *