ހުޅުމާލެ ފޭސް ދޭއްގެ 7،000 ހިޔާ ފްލެޓަށް ކަރަންޓް ދިނުމަށްޓަކައި، އެ ސަރަހައްދުގައި ބަހައްޓައިފައި ހުރި 17 ޓްރާންސްފޯމަރަކަށް ސްޓެލްކޯއިން ކަރަންޓު ދީފިއެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެއިން މި ކަރަންޓް ފުރަތަމަ ގެންގޮސްފައި ވަނީ ފޭސް ދޭއްގައި ހުރި ސަބް ސްޓޭޝަނަކަށް ކަމަށާއި ޓްރާންސްފޯމަރުތަކަށް ކަރަންޓު ނެގީ އެ ސަބް ސްޓޭޝަނުން ކަމަށެވެ.
އެ 17 ޓްރާންސްފޯމަރަކީ ފޭސް ދޭއްގެ ކަރަންޓު ޕްރޮޖެކްޓް ހިންގަން އެޗް.ޑީ.ސީން ހަވާލުކޮށްފައިވާ ޗައިނާ ކުންފުންޏަކުން ބަހައްޓައިފައިވާ އެއްޗެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ. ފްލެޓްތަކަށް ކަރަންޓް ނަގާނީ އެ ޓްރާންސްފޯމަރުތަކުންނެވެ.
"ހުޅުމާލެ ފޭސް ދޭއްގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަޖައިޒް ކުރެވި، މިހާރު ވަނީ ހިޔާ ފްލެޓްތަކަށް ކަރަންޓުދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ލައިވް ކުރެވިފައި،" ސްޓެލްކޯ އިން ބުންޏެވެ. "މި ޓްރާންސްފޯމަރުތައް އެނަރޖައިޒް ކުރެވުނު ނަމަވެސް ހިޔާ ފްލެޓްތަކަށް އަދި ކަރަންޓު ދެވޭނީ އެ ބިލްޑިންގުތަކުން އަންނަ ލޯވޯލްޓޭޖް ކޭބަލްތައް އެ ޓްރާންސްފޯމަރުތަކާ ގުޅާލެވިގެން."




advertisment

