މިސްރުގެ ކަނޑުގެ އެންމެ ބޮޑު މިލިޓަރީ ބޭސް، "އައު 3 ޖުލައި"ގެ ނަމުގައި ރައީސް ޢަބްދުލް ފައްތާޙުއް ސީސީ އިއްޔެ އިފްތިތާޙުކޮށް ދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ލީބިޔާގެ ރިޔާސީ މަޖިލީހުގެ ރައީސް މުޙައްމަދުލް މަންފީއާއި އަބޫ ޡަބީގެ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މިޞްރުގެ ކަނޑުގެ އެންމެ ބޮޑު މި ބޭސް ހަދައިފައި ވަނީ ލީބިޔާގެ ސަރަޙައްދު ކައިރީގައި މިޞްރުގެ ހުޅަނގު އުތުރުގައެވެ.
މިޞްރުގެ ރަސްމީ ޓީވީން ބުނިގޮތުގައި މި ބޭސް ހަދައިފައިވަނީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި މިޞްރުގެ ޖަރްޖޫބު ސަރަޙައްދުގައި 10 މިލިއަން އަކަމީޓަރުގެ ބިމެއްގައެވެ.
މި ބޭސް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިޞްރުގެ ކަނޑުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޙްމަދު ޚާލިދު ވިދާޅުވިއެވެ. "މި ބޭހުގެ ސަބަބުން ސުވޭސް ކެނެލްގެ އަމާންކަން ވަރުގަދަ ވާނެއެވެ. ކަނޑުގެ އަމާންކަން ޙާޞިލުވާނެއެވެ. ޤަވާޢިދާ ޚިލާފަށް ކުރާ ހިޖްރަކުރުންތައް މަނާކުރެވޭނެއެވެ."

މިޞްރުގެ އަލްއަހްރާމު ދުވަހު ނޫސް ބުނާގޮތުގައި މި ބޭހުގައި ޢަސްކަރީ 74 މަރްކަޒާއި ތަމްރީނު ދިނުމުގެ މައިދާންތަކާއި މަތިންދާބޯޓުތައް ޖައްސާނެ ރަންވޭއެއް އޮންނާނެއެވެ. އެންމެ ޒަމާނީ ޢަސްކަރީ ނިޒާމުތަކާއި ގުޅިގެން ތަމްރީނުތައް ބާއްވާނެ ސަރަޙައްދުތައް ވެސް އޮންނާނެއެވެ. އެ ނޫސް ބުނިގޮތުގައި މިއީ ޤައުމުގެ ހުޅަނގު އުތުރު ސަރަޙައްދު އަމާންކުރުމަށާއި އިޤްތިޞާދީ ކެރިފޯރުންތެރިކަމާއި މުއްސަނދިކަން ރައްކައުތެރިކުރުމަށާއި ކަނޑުގެ އަމާންކަން ޖާމިނުކުރުމަށް ޓަކައި ބިނާކުރެވުނު ބޭހެކެވެ.
"އައު 3 ޖުލައި ބޭސް" އަކީ ރައީސް ސީސީ ވެރިކަމަށް ވަޑައިގެން ފަހުން މިޞްރުގައި ޤާއިމު ކުރެއްވި ތިން ވަނަ ބޭހެވެ. އޭގެ ކުރިން އޭނާ ވަނީ "މުޙައްމަދު ނަޖީބު ޢަސްކަރީ ބޭސް" އާއި ރަތްކަނޑުގައި "ބަރްނީސް ޢަސްކަރީ ބޭސް" ހުޅުއްވާދެއްވައިފައެވެ.

މި ބޭސް ހުޅުއްވައި ދެއްވުމަށްފަހު ބިން ޒާއިދާއި އަލްމަންފީގެ އަރިހުގައި ފްރިގެޓް މަނަވަރެއްގައި ރައީސް ސީސީ މި ބޭސް ބައްލަވައިލެއްވިއެވެ. މި މަނަވަރަކީ އޭގެ މަތީގައި ހެލިކޮޕްޓަރުތަކަށް ޙަރަކާތްތެރިވެވޭ ވަރުގެ ބިޔަ މަނަވަރެކެވެ.



advertisment