Support Us

ސޮފްޓްވަރ ޑިވެލޮޕަރުންނަށް އެޗް.ޑީ.ސީއާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ސޮފްޓްވަރ ޑިވެލޮޕަރުންނަށް އެޗް.ޑީ.ސީއާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މުޖުތަމަޢުއަށް ފައިދާ ހުރި ފަންނީ ދާއިރާތަކުން މީހުން ބިނާކޮށް އެ ފަރާތްތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުމަށް ސޮފްޓްވެއަރ ޑިވެލޮޕާސް ޕޫލެއް ހަދަނީ ދިވެހި ޑިވެލޮޕަރުންނަށް ފުރުޞަތުތައް އިތުރުކޮށްދީ އެ ކުންފުނީގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރިކުރުމަށް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

އަދި އެ މަސައްކަތަކީ އެޗް.ޑީ.ސީގެ ޚިދުމަތްތަކާއި ފަންނީ އެހީތެރިކަން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ "ގޯ ބިޔޯންޑް" ހުޅުމާލޭގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ. އެހެންކަމުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެޗް.ޑީ.ސީއާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ލިބިގެންދާނެ ކަމަށާއި އެފަދަ ފަރާތްތަކަށް ޕޫލް އެކުލަވާލުމުގައި ޚާއްސަ އަހައްމިއްޔަތު ކަމެއް ދެވިގެންދާނެ ކަމުގައި އެޗް.ޑީ.ސީން ބުނެއެވެ. މީގެ އިތުރުންވެސް ޓީ.އޯ.އާރ އަށް ޕްރޮޕޯސަލް ހުށަހެޅުމުގައި އެކުލަވާލާ ޓީމުގެ މެމްބަރުންނަކީ ދިވެހިން ކަމުގައި ވާންޖެހޭނެ ކަމަށާއި ނަމަވެސް ކޮންސަލްޓަންސީގެ ގޮތުގައި ބޭރު ފަރާތްތައް ހިމެނިދާނެ ކަމުގައި އެޗް.ޑީ.ސީން ފާހަގަކުރެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޓީ.އޯ.އާރްއާ އެއްގޮތަށް މި މަހުގެ 14 ވަނަ ދުވަހުގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެޗް.ޑީ.ސީ އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އަދި މި ޕޫލާ ބެހޭ އިތުރު މަޢޫލޫމާތު އެޗް.ޑީ.ސީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ބުނެއެވެ.