އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތްތެރީންގެ ޒަޢީމު ނަފްތާލީ ބީނީތު އާއި މަޝްހޫރު ޓީވީ ނޫސްވެރިއާ ޔާއީރު ލާބީދުގެ އަތުގުޅައިލެއްވުމުގެ ސަބަބުން އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ވަރަށް އަވަހަށް ވެއްޓިވަޑައިގެންފާނެ ކަމަށް ފެނެއެވެ. އޭނާއަށް މި މަޤާމު ގެއްލިއްޖެނަމަ ފަސާދައިގެ ތިން ޤަޟިއްޔާއެއްގައި އޭނާ ކޯޓަށް ދަމަން ފެށޭނެއެވެ.
މި ބިރު ފެންމަތިވީ އިދިކޮޅު ޒަޢީމު ލާބީދަށް، ބީނީތު ތާއީދު ކުރައްވާނެކަން އިޢުލާން ކުރެއްވުމުންނެވެ. މި ދެ ބޭފުޅުންވެގެން އިސްރާއީލުގައި ޤާއިމު ކުރައްވާނީ "ނަތަންޔާހޫ ބަދަލު ކުރުމުގެ" ސަރުކާރެކެވެ. މި މަސައްކަތް ކާމިޔާބުވެއްޖެނަމަ ނަތަންޔާހޫގެ 15 އަހަރުވީ ދިގު "ރަސްކަން" ވެއްޓިގެން ދާނެއެވެ.
މި ދެ ބޭފުޅުންނަކީ ކޮން ބައެއް ހެއްޔެވެ؟
ބީނީތު- ދަރިވަރެއް
ބީނީތަކީ ޢުމުރުފުޅުން 49 އަހަރު ވީ ވަރަށް މުއްސަނދި ވިޔަފާރިވެރިއެކެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރައްވާފައި ވަނީ ފަންނިއްޔާތުގެ މައިދާނުގައެވެ. ބީނީތަކި ޤައުމީ ދީނީ ހަރުކަށި ފިކްރުގެ ވެރިއެކެވެ. އޭނާގެ ޕާޓީއަކީ ޔަމީނާ ޕާޓީއެވެ. މިއީ ޔަހޫދީން ވަޒަންވެރިކުރުވުމަށް ތާއީދު ކުރާ އެކަމަށް ހިތްވަރުދޭ ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްރާއީލުގެ ތަންތަނަށް ހެދުމަށް ގޮވައިލާ ޕާޓީއެކެވެ. އީރާނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުމަށް ވެސް މި ޕާޓީން ގޮވައިލައެވެ.
ބީނީތަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ އޭނާ ވާނީ އިސްރާއީލުގެ ބޮޑުވަޒީރުކަމަށް އިސްކުރެވޭ ދީނީ ހަރުކަށި ފިކްރުގެ ކަނާތު ފިޔައިގެ ފުރަތަމަ ޒަޢީމަށެވެ. އިސްރާއީލުގެ ތަފާތު ކެބިނެޓްތަކުގައި އޭނާ ވަނީ ފަސް ވުޒާރާއެއްގައި ވަޒީރުކަން ކުރައްވައިފައެވެ. އޭގެތެރޭގައި ދިފާޢީ ވަޒީރުކަން ވެސް ހިމެނެއެވެ. ބީނީތަކީ އެމެރިކާ ރާގުގައި އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އަބަދުވެސް އޭނާ ފެންނާނީ ޔަހޫދީ "ތަލަ ތާކިހާ" ތުރުކުރައްވައިގެން ހުންނަވަނިކޮށްނެވެ. ބީނީތަކީ ނަތަންޔާހޫގެ ދަރިވަރެކެވެ. އޭނާގެ ސިޔާސަތާ ދެކޮޅަށް ފާޑު ވިދާޅުވިނަމަވެސް އޭނާއަކީ ޢަޤީދާގެ ގޮތުން ނަތަންޔާހޫއާ އެއް ފިކްރެއްގެ ވެރިއެކެވެ.
އިސްރާއީލުގައި އެންމެ ގަހުން ބޭއްވުނު ޢާއްމު އިންތިޚާބުގައި އޭނާގެ ޕާޓިއަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އެހެނަސް ވޭތުވެދިޔަ ދެތިން ހަފުތާގެތެރޭގައި ސަރުކާރު އެކުލަވައިލުމުގެ މަސައްކަތުގައި އޭނާ ވަނީ "ރަސްގެފާނު އުފެއްދުމުގެ ވެރިއާ" ކަމަށް ވެފައެވެ.
ބީނީތު ވިދާޅުވާގޮތުގައި އޭނާގެ ތަޖްރިބާއަށް ބައްލަވާއިރު އިސްރާއީލާ ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އިސްރާއީލު ސަލާމަތްކޮށްދެވޭނެ ދެވަނަ މީހެއް ނެތެވެ. ކޮވިޑްގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ. އޭނާގެ އިންތިޚާބީ ޙަމަލާގައި އޭނާ ނަމޫނާއެއް ކަމަށް ހެއްދެވީ ސިންގަޕޫރެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާ ޓެކްސް މަދު ކުރައްވައި ބީރޯކްރަސީ ކުޑަ ކުރައްވާނެއެވެ.
ބީނީތަކީ 2018 ގައި ވީރާނާވެގެން ދިޔަ ނަތަންޔާހޫ ސަރުކާރުގެ ވަޒީރެކެވެ. ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ފަސް ވުޒާރާއެއްގައި ވަޒީރުކަން އޭނާ ވަނީ ކުރައްވައިފައެވެ. ދެހާސް ވިހީގައި އޭނާ ހުންނެވީ ދިފާޢީ ވަޒީރު ކަމުގައެވެ. ނަތަންޔާހޫ އެކުލަވައިލެއްވި އެއްބައެއްވަންތަކަމުގެ ސަރުކާރުގައި ބީނީތަށް ގޮނޑިއެއް ނުދެއްވުމުން އޭނާ ނަތަންޔާހޫދެކެ ވަރަށް ކޯފާވިއެވެ.
ދެހާސް ހަ ވަނަ އަހަރު ބީނީތު، އިދިކޮޅު ޕާޓީގައި ނަތަންޔާހޫ އޮފީހުގައި މަސައްކަތް ކުރެއްވިއެވެ. ދެހާސް ދިހަ ވަނަ އަހަރު ނަތަންޔާހޫގެ އޮފީހުން ވަކިވެ ވަޑައިގަތުމަށްފަހު އޭނާ މަސައްކަތް ފެށްޓެވީ ޔަހޫދީ ވަޒަންވެރިން ޔަހޫދާއާއި ސާމިރާ (ހުޅަނގު އައްސޭރިއަށް ޔަހޫދީން ކިޔާ ނަން) އާއި ޣައްޒާގައި ވަޒަންކުރުވުމާ ބެހޭ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައެވެ. މިއީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަން މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ.
ބީނީތު 2013ގައި ވިދާޅުވިއެވެ. "ފަލަސްޠީނުގެ ނިރުބަވެރީން ދޫކޮށްލައިގެން ނުވާނެއެވެ. އެމީހުން ޖެހޭނީ މަރާށެވެ." އަދިވެސް ވިދާޅުވިއެވެ. "ހުޅަނގު އައްސޭރިއަކީ އިސްރާއީލުން ހިފާފައިވާ ބިމެއްނޫނެވެ." އޭނާ ދަޢުވާ ކުރައްވާ ގޮތުގައި ފަލަސްޠީނޭ ކިޔާ ދައުލަތަކީ އޮތް ތަނެއް ނޫނެވެ. "އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި" ފަލަސްޠީނު އިސްރާއީލު މަސްއަލަ ޙައްލެއް ނުކުރެވޭނެއެވެ." އޭނާއަކީ ފަލަސްޠީނު ދައުލަތް ޤާއިމުކުރުމާ އެންމެ ބޮޑަށް ދެކޯޅުހަދާ މީހުންގެ ތެރޭގައި ހިމެނޭ ހަރުކަށި ސިޔާސީއެކެވެ.

ނަތަންޔާހޫ ވައްޓައިލަން އެދޭ ނޫސްވެރިއެއް
ނަތަންޔާހޫ ވައްޓައިލުމަށް މަސައްކަތް ކުރާ ދެވަނަ މީހަކީ މެދުމިންވަރުގެ ސިޔާސަތެއް ގެންގުޅުއްވާ ޔާއީރު ލާބީދެވެ. ފްރާންސް ޕްރެސް ބުނާގޮތުގައި ލާބީދަކީ ސިޔާސީ ޙަޔާތަށް ނުކުމެވަޑއިގެން ހިސާބުން ފެށިގެން އުޑުގައި ފިޔަޖަހަމުންދާ ތަރިއެކެވެ. މިއަދު އޭނާއަކީ ނަތަންޔާހޫގެ ވާދަވެރި ހަތުރުވެރިޔާއެވެ. މި ދިޔަ ބުދަދުވަހު އިސްރާއީލުގެ ރައީސް ވަނީ ސަރުކާރެއް އެކުލަވައިލުމުގެ މަސްއޫލިއްޔަތު އޭނާއާ ޙަވާލު ކުރައްވައިފައެވެ.
ލާބީދަކީ އިސްރާއީލުގެ ޓީވީ ނޫސްވެރިއެކެވެ. އެ މަސައްކަތުން ވަކިވެވަޑައިގަތީ 2012 ގައެވެ. އޭނާގެ ވާދަވެރީން ތުހްމަތު ކުރާގޮތުގައި އޭނާ ވަޑައިގަންނަވަނީ ޓީވީ ނޫސްވެރިއެއްގެ ގޮތުން ލިބިވަޑައިގަތް މަޝްހޫރުކަމުގެ ނާޖާއިޒު ފައިދާ ނަންގަވަމުންނެވެ. އޭނާގެ ޕާޓިގެ ނަމަކީ "ކުރިމަގު އެތާނގަ" އެވެ. 23 މާރިޗްގެ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބިފައިވަނީ މި ޕާޓީއަށެވެ. މި ޕާޓީއަށް 17 ގޮނޑި ލިބިފައި ވެއެވެ. ލާބީދު ވިދާޅުވާގޮތުގައި ނަތަންޔާހޫއަކީ ފާސިދު ވެރިއެކެވެ. އޭނާ ވެރިކަމުން ބާލަން ވަނީ ޖެހިފައެވެ. މިއިން އެނގެނީ ލާބީދުގެ އެންމެ ބޮޑު މަޤްޞަދަކީ ނަތަންޔާހޫ ވެރިކަމުން ދުރުކުރުންކަމެވެ.
ބީނީތު، ލާބީދުގެ ފޭލިގެއާ ގުޅިވަޑައިގަތުމަށްފަހު ވިދާޅުވިގޮތުގައި "މަގޭ އެކުވެރި ލާބީދު އާއެކު އެއްބައެއްވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް އަހުރެން މަސައްކަތް ކުރާނަމެވެ."
މާރިޗް 2020ގެ އިންތިޚާބުގައި ބެނީ ޣެންޓްސްއާއެކު ލާބީދު އިންތިޚާބުގައި ބައިވެރިވެ ވަޑައިގަތް ނަމަވެސް ޣެންޓްސް، ބޮޑުވަޒީރު ނަތަންޔާހޫއާ ގުޅިވަޑައިގަތުމުން އެ ކޯލިޝަނުން ވަކިވެ ވަޑައިގަތީއެވެ.
ފްރާންސް ޕްރެސް ބުނާގޮތުގައި ލާބީދު، ޣެންޓްސްއަށް ދެންނެވިއެވެ. "ނަތަންޔާހޫ މަނިލުފާނަށް ވެރިކަމެއް ނުދެއްވާނެ" އެވެ.
އިސްރާއީލުގައި އެތައް ބަޔަކު ނަތަންޔާހޫގެ ގެކޮޅު ކައިރީގައި، ބެލްފޯރު މަގުގައި މުޒާހަރާތައް ކުރަމުން ދިޔައިރު ޔާއީރު ލާބީދު ހުންނެވީ ކެމެރާތަކާ ދުރުގައެވެ. އޭނާ ނޫސްވެރީންނަށް ވިދާޅުވިއެވެ. "އިދިކޮޅު ޒަޢީމުގެ ގޮތުން ބޮޑުވަޒީރުގެ ގެކޮޅު ކައިރީގައި މުޒާހަރާ ކުރުމަކީ މަސްއަލައެކެވެ." އޭނާ ކަށަވަރުކޮށްދެއްވާ ގޮތުގައި އޭނާގެ މަޤްޞަދަކީ މަޤާމެއްނޫނެވެ. އެހެނަސް "ނަތަންޔާހޫ ރަސްގެފާނު" ޢަރްޝީން ބޭލުމެވެ.
ލާބީދު ދުނިޔެއަށް ވަޑައިގަތީ 1963ވަނަ އަހަރު ތައްލު އަބީބުގައވެ. އޭނާގެ ބައްޕައަކީ ވެސް ނޫސްވެރިއެކެވެ. އޭނާގެ ބައްޕަ އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވިއެވެ. މަންމައަކީ ޑިޓެކްޓިވް ވާހަކަ ލިޔުއްވާ މަޝްހޫރު ނޮވެލިސްޓެކެވެ.
ލާބީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ މަޢާރީފު ދުވަހު ނޫހުގައެވެ. އެއަށްފަހު ދެން މަސައްކަތް ކުރެއްވީ އިސްރާއީލުގެ އެންމެ މަޝްހޫރު ދުވަހު ނޫސް ބަދީޢޫތު އަޙްރަނޫތުގައެވެ.
ޓީވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭނާ މީސްތަކުންނަށް ދައްކަވާފައި ވަނީ އޭނާއަކީ ވަޠަނީ ޢިލްމާނީ ލިބަރަލް މީހެއް ކަމެވެ. ޔަހޫދީ ހަރުކަށި މީހުންގެ ގާތުގައި ލާބީދަކީ މާ މަޤްބޫލު ސިޔާސީއެއްނޫނެވެ. އޭނާގެ މަޤްބޫލުކަން އޮތީ މެދުމިނުގެ ފިކްރުވެރީންގެ ތެރޭގައެވެ.



advertisment