ޖެހޭނީ ދާން ނުދާން ހުއްޓަސް، ނެތޭ ދެއްކޭނެ އުޒުރެއްވެސް
ފަހެއް ކޮށްލަން ނެތޭ ބާރެއް، އަޖަލު ޖެހުމުން ސުކުންތެއްވެސް
އަރާމާ ލައްޒަތާ އުފަލާ، ޝަރާބުން އަރު ފުރާން އެދުނަސް
މަރާލާފައި ދެލޯ ދުނިޔޭން، ޖެހޭނީ ދާން ނުރުހި ހުރެވެސް
ނަމާ ޤަދަރުން ބޮޑާވެވިފައި، ލިބުނު ޖާހުން ކިބުރުވިޔަކަސް
ތިމާ ބާރެއް ނެތޭ "ގޮވުމުން" ޖެހޭނީ ދާށެ މިވަގުތުވެސް
ހަރާމަށް ޖިސްމު ހުށައަޅަމުން، އަރާމުން މިއަދު ފެންވެރިޔަސް
ފިރާލައި ލިބުނު ފޮނި ލައްޒަތު، ބަދަލުވާނޭ އަޒާބަށްވެސް
ވިދާ އަލިތަކުގެ ކާނިވަލުން، ހިތާ ހަށިގޮސް ޖަރީކުރިޔަސް
ނިދާ އިވުމުން އަނދިރި ކަށްވަޅު، ގޮވާ ގެންދޭ ނުރުހުނަސްވެސް
ވަޔާ އޮއިގައި ޙަޔާތުގެ ނައު، ކުރާ ދަތުރުން ތުރާ ލިބުނަސް
ގަޔާވެވި މަންޒިލަށް ވާސިލް، ވުމޭ އަގަކީ ޙަޔާތުގެވެސް
