ފެށުނީ މި ހިސާބުން
ވާހަކަ ފެށުނީ އަވަށަކުންނެވެ. އައްޝައިޚު ޖަރާޙު އަވަށުންނެވެ. އެހިސާބުން ފެތުރެން ފެށީއެވެ. ނިމޭނެ ހިސާބެއް ނޭނގެއެވެ. ހުރިހާ ވާހަކައެއް ވެސް ހުރިހާ ރިވާޔަތްތަކެއް ވެސް ފެށެނީ ކުޑަކުޑަ ފެށުމަކުންނެވެ. މި ކުޑަކުޑަ ފެށުން ނިމެނީ ބޮޑެތި ހާދިސާތަކަކުންނެވެ. އެއީ ކުޑަކުޑަ ވައިރޯޅިއަކުން ފެށޭ ޠޫފާނެއް ފަދަ ކަމެކެވެ. އެކަމުގައި ޢަމަލާއި ޙަރަކާތް ވެއެވެ. އެކަމުގައި ހިމޭންކަމެއް ނެތެވެ. ފެށޭނީ މި ހިސާބުންނެވެ. އެހެނަސް ނިމުމެއް ނެތެވެ. އެއީ މެތެމެޓިކްސްގައިނަމަ ސުމެކެވެ. މި ސުމަކުން ފަށައިގެން ކަނާތަށް ދިޔަސް ވާތަށް ދިޔަސް ނިމުމެއް ނެތެވެ. މި ތާނގައި ފެށުމަކީ ފަލަސްޠީނެވެ.
ފަލަސްޠީނު ފެށެނީ ޖިހާދާއި ކުރިމަތިލުމުގެ ފޮޅުވަތްތަކުންނެވެ. އޭގައި ހަށިލެވިފައިވަނީ ހިތްވަރާއި ފަންވަރުންނެވެ. އޭގައި ފުރާނަލެވިފައި ވަނީ އީމާންކަމާއި ވަޠަނިއްޔަތުގެ އިޙްސާސްތަކުންނެވެ. އެއިން އިލްހާމު ލިބިގެންދަނީ ބަދަލުކުރެވިދާނެ ކަމެވެ. ވޮޑެލާ ވެލިފުކަކުން ފިނޮޅެއް އުފެދޭފަދައިން ކުޑަކުޑަ އެތިކޮޅެއް ފުނި ޖެހެމުންގޮސް އޭގެ އަސަރު ފުނަށް ދާނެއެވެ. އޭގެ ސަބަބުން ބަދަލުތައް އަންނާނެއެވެ. އޭގެ އަޞްލަކީ ދާއިމީ ވޭނެވެ. އެއީ ބައެއްގެ ބިމަށް އަރައި އެތަނަށް ވެރިވެގަތުމެކެވެ. އެއީ އިސްތިޢުމާރުގެ ވިހަ މޭވާއެކެވެ. މެއަށް ހަރާފައިވާ ޚަންޖަރެކެވެ. އެއީ ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތައް އިސްތިޢުމާރު ކުރެވުނު ޒަމާނެވެ. އޭގެ ޒަޚަމުތަކާއި ފާރުތަކެވެ. ސިފަ ބަދަލުކޮށްފައި ވިޔަސް އަދިވެސް އެ އިސްތިޢުމާރު އެބައޮތެވެ. ސީދާކޮށްނާއި ނުސީދާކޮށްނެވެ.
ފަލަސްޠީނުގެ ޤަޟިއްޔާއަކީ އިންޞާފުވެރި ޤާޟިއްޔާއެކެވެ. ނުވަތަ އެއީ އިންސާފު ލިބެންޖެހިފައިވާ ޤަޟިއްޔާއެކެވެ. އެއީ ސަމުގާއެވެ. ޢަރަބި ޤައުމުތައް ދެކެފައިވާ ހުރިހާ އިންޤިލާބުތަކެއް ވެސް އަޑު އުފުލާފައި ވަނީ ފަލަސްޠީނަށް ޓަކައެވެ. އެންމެންނަކީ އެކައްޗެއް ކަމުގައިވާތީ ކަމަށް ވެދާނެއެވެ. މި އިންޤިލާބުތައް ވެއްޓިގެންދާއިރު ކުރެވޭ ސުވާލަކީ: ފަލަސްޠީނުގެ ޤަޟިއްޔާ ވަޅުލެވުނީ ހެއްޔެވެ؟ ނުވަތަ އެއީ ޢަރަބިން ބުނާގޮތަށް "ފައިދަށުން ދޫލަ ދަމައިގަތުން" ހެއްޔެވެ؟ ތެދުތެދަށް ދަންނަވާނަމަ އެއީ އެހީއަށް އެންމެ ބޭނުންވާ ވަގުތު ދޫކޮށްލައިފާ ދިޔުމެއްނޫނެވެ. އެހެނަސް އެއީ ތަން ބަދަލުވުމެވެ. ޢަރަބީންގެ ހުރިހާ ޤަޟިއްޔާތަކަކީވެސް އެކަތި އަނެކައްޗާ ލާމެހި ގުޅިފައިވާ ޤަޟިއްޔާތަކެކެވެ. ތޫނިސްގެ އިންޤިލާބާމެދު އުފާފާޅުކުރާއިރު މިޞްރުގެ އިންޤިލާބާމެދު ހިތާމަ ފާޅުކުރުމެވެ. ސޫރިޔާގެ ގަޑުބަޑުތަކާއި ހަމަނުޖެހުންތަކާމެދު ކަންބޮޑުވުމެވެ. އެއީ އެއް ހަށިގަނޑެކެވެ. މި ހަށިގަނޑުގެ ގުނަވަނަކަށް ވޭނެއް ލިބޭހިނދު އެހެން ގުނަވަންތައް ވެސް މި ވޭނަށް އިޖާބަ ދޭނެއެވެ. މި ވޭނުގައި ބައިވެރިވާނެއެވެ. ޢަރަބި ދުނިޔެއަށް ބަލާއިރު މިނިވަން ކުރުމުގެ ޙަމަލާތައް ފެށެނީ ދިމަޝްޤުންނާއި ޤާހިރާއިންނާއި އެހެނިހެން މައި ރަށްތަކުންނެވެ. ޞަލީބީ ހަނގުރާމައަށް ބައްލަވާށެވެ! ޝާމުކަރައިން ފެށިގެން އައީ މިޞްރަށެވެ. އެ ހަނގުރާމަތަކުން ސަލާމަތްވެވުނީ ޝާމާއި މިޞްރުގެ އަތުގުޅައިލުމުންނެވެ.
ޢަރަބީން ބުނާގޮތުގައި ފަލަސްޠީނަކީ ހަށިގަނޑަށް ދިރުންދޭ ހިތެވެ. މި ހިތުގެ ވިންދުތަކުން މުޅި ހަށިގަނޑަށް ދިރުން ލިބެއެވެ. އެއާ ނުލައި މަރުވެދާނެއެވެ. އެހެނަސް ޙަރަކާތްތެރިކުރުވަން ނުކުޅެދެއެވެ. ބަދަލުގެނައުމަށް ނުކުޅެދެއެވެ. އެއިން ކަންޏެއް ލިބިދާނެއެވެ. އެ ކަނިން އެކަނި ރޯކޮށެއް ނުލެވޭނެއެވެ.

ތާރީޚުގެ ފެށުން
ޢަރަބީންނަށް ބަލާއިރު ފަލަސްޠީނަކީ ތާރީޚުގެ މުހިއްމު ނުކުތާއެކެވެ. އެއީ ތާރީޚުން ޒަމާނެއް ފެށޭ ހިސާބެވެ. އަދި ތާރީޚުގެ ޒަމާނެއް ނިމޭ ހިސާބު ވެސްމެއެވެ. މިސާލަކަށް 1848ގެ ނާކާމިޔާބު ވެގެން ދިޔައީ މިޞްރުގެ ރަސްކަމުގެ ސިންގާސަނާގެ ސަންދޯކުގައި ޖެހުނު އެންމެ ފަހު މޮހަރަށެވެ. އިސްރާއީލޭ މި ކިޔާ ދައުލަތް އުފެދުމާއި ޢަރަބީންގެ ލަޝްކަރުތަކަށް މައިދާނުގައި ފައިތިލަ ސާބިތު ކުރުމަށް ނުކުޅެދުންތެރިވި ނުކުޅެދުންތެރިވުން ވެގެން ދިޔައީ ޢަރަބީންގެ ވުޖްދާނަށް ލިބުނު ސިހުމަކަށެވެ. ރަސްކަމުގެ ނިޒާމުގެ ޝަރްޢިއްޔަތު ގެއްލިގެން ދިޔަ ކަމަކަށެވެ. އޭގެ ހަތަރު އަހަރު ފަހުން މިޞްރުން ފެނުނީ ވެރިކަމުގެ އައު ނިޒާމެކެވެ.
އޭގެފަހުން އައި ޒަމާނުގައި ދެ ދަހަރުވަންދެން އޮތީ ޢަރަބި ޤައުމިއްޔަތުގެ ރަން ކުރިބޯށްޓެވެ. ނާޞިރިއްޔަތާއި ބަޢުޘިއްޔަތެވެ. މި ޤައުމިއްޔަތުގެ ޚާޢްޞަ ސިފައަކީ އިސްރާއީލަށް ހަތުރުވެރިވުމާއި އިސްތިޢުމާރާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ. ނަމަވެސް މި ޤައުމިއްޔަތު އެކަށީގެންވާ ގޮތަށް ޤައުމުގެ މީހުންނަށް ޚިދްމަތްކޮށްދިނުމުން އެއްކިބާވިއެވެ.
ނަތީޖާއަކަށްވީ "ބަލިގަނޑު ހަލާލުމާއެކު" ވީދިގެން ދިޔުމެވެ. އަދި 1967ގެ 6 ދުވަހުގެ ހަނގުރާމައިގައި މިޞްރުގެ ބޮޑު ލަޝްކަރު ހަލާކުވެގެން ދިޔުމުން ލިބުނު ސިހުން ވަރަށް ބޮޑެވެ. ބަރުދާސްތު ކުރަން ޖެހުނު ވޭންތައް ވަރަށް ދިލައެވެ. މިކަމާ ވިދިގެން ޢަރަބި މަޝްރޫޢު ވެއްޓިގެންދިޔައެވެ.
ޢިލްމާނީ ދަވާދުން މަލަތައް ކުރަހާފައިވާ ޢަރަބި ޤައުމިއްޔަތު ވެއްޓިގެން ދިޔުމާއެކު ފާޅުވާން ފެށީ އިސްލާމީ އޮއިވަރެވެ. އެއަށް "ޞަޙްވަތު" އޭ ކިޔުނެވެ. މި ޙަރަކާތުން ވެސް ފަލަސްޠީނުގެ ޤަޟިއްޔާ އުރާލިއެވެ. އިސްރާއީލާ ދުޝްމަނު ވިއެވެ. ނާޞިރީ ވެރިކަމުގައި ސަރަޙައްދީ އެންމެ ބޮޑު ބާރަކަށް އޮތީ މިޞްރެވެ. ޢަރަބި ދުނިޔޭގައި އެންމެ އަޑު ގަދަކޮށް ގުގުމަމުން ދިޔައީ ޤާހިރާގެ ބަހެވެ. މިޞްރުގެ ދައުރު ޢަރަބި ދުނިޔޭގައި ފަނޑުވެގެން ދިޔައެވެ. އޭގެ ފަހުން ހަތަރު ދަހަރު ވެފައިވިޔަސް މި ދައުރަށް ބަދީލެއް ވަނީ އަދިވެސް ނުފެނިފައެވެ.
ސާސްކަފު ފެށުނު ނުކުތާ
ދުނިޔެ ދެކޭގޮތުގައި ސާސްކަފުގެ ތާރީޚު ފެށުނީ 11 ސެޕްޓެންބަރުގެ ޙަދިސާއާއި އެ ޙަދިސާގެ މައްޗަށް ތަރައްތުބުވީ ޙަދިސާތަކާއެކުގައެވެ. ނަމަވެސް ޢަރަބީންނަށް ބަލާއިރު އެމީހުންނަށް ސާސްކަފު ފެށުނީ ދެވަނަ އިންތިފާޟާއިންކަމަށް ބުނެވިދާނެއެވެ. މި އިންތިފާޟާގެ ސަބަބުން އަރަބީންގެ މަގުމަތި ހަލަބޮލިވިއެވެ. ނުވަތަ ތަޘްވީރު ވިއެވެ. މި އިންތިފާޟާއަށް ތާއީދުކޮށް މުޒާހަރާތަކާއި އިޙްތިޖާޖުތައް ޢާއްމުވެގެން ދިޔައެވެ. ޢަރަބި ޤައުމުތަކުގެ މަގުތައް ހަލބޮލިވިއެވެ. އެއަށްފަހު ދެން ފެނުނީ އެމެރިކާއިން ޢިރާޤަށް ދިން ޢުދްވާނެވެ. އެއަށްފަހު ދެން ފެނުނީ "ކިފާޔާ– ނުވަތަ ފުދިއްޖެ- ޙަރަކާތް" އެވެ. އެއަށްފަހު 2005ގެ އިންތިޚާބެވެ. އެއަށްފަހު މިޞްރުގެ އިންޤިލާބެވެ. އެހެންކަމުން އިންތިފާޟާއަކީ ތާރީޚުގެ ފެށުންކަމަށް ނުބުނެވޭނެ ހެއްޔެވެ؟
ގޮންޖެހުންތަކާއި ސުވާލުތައް
ޢަރަބި ރަބީޢުގެ ފިޔަގަނޑު ބިންދައިގެން ދިޔުމާއެކު ވަރަށް ގިނަ ޢަރަބި ޤައުމުތަކުގައި ސިޔާސީ މަޖާލު ބަންދުވެގެން ދިޔައެވެ. އިސްލާމީ ޙަރަކާތްތަކާއި ވާތު ފިޔައިގެ ޙަރަކާތްތައް ހަންމުށި ދަށުވިއެވެ. މިކަމާވިދިގެން މަގުމަތީގެ ހަލަބޮލިކަން ކުޑަވެގެން ދިޔައެވެ. މި ހުރިހާ ކަމެއްގެ ކުރިއަށް ކޯވިޑް- 19 ނުކުތެވެ. ނަތީޖާއެއްގެ ގޮތުން މާއްދީ އެހީ ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. މީސްމީޑިއާއި ހޭޝްޓެގްތަކާއި އިންސްޓޮގްރާމް ފަދަ ވަސީލަތްތަކުން ޝަފަވީ ތާއީދުތައް ލިބެމުން ދިޔައެވެ.
މި ކަންކަމާ ހެދި ޤަޟިއްޔާއަށް ގޮންޖެހުންތައް އިތުރުވިއެވެ. ޤަޟިއްޔާއާމެދު ސުވާލުތައް ގިނަވިއެވެ. ސޫރިޔާގެ މަސްއަލައަކީ ބޮޑު މަސްއަލައެކެވެ. ޙިޒްބުﷲއާއި ބައްޝާރާއި އީރާނުން ފަލަސްޠީނުގެ ޤާޟިއްޔާއަށް އެހީވެއެވެ. އެހެނަސް ސޫރިޔާގެ އެތެރޭގައި މި ޖަމާޢަތްތަކުން ހިންގާ ހަރުކަށި ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ޤަޟިއްޔާއަށް ލިބޭ ގެއްލުން ވެސް ކުޑައެއްނޫނެވެ. އެމީހުން ޤަޟިއްޔާއަށް ތާއީދު ކުރާ ބާރުތަކަކަށް ވާތީއެވެ. އެ މީހުން މި ޤަޟިއްޔާ ތަމްސީލެއް ނުކުރެއެވެ. އެ އެންމެންނަށް ވުރެ ޤަޟިއްޔާ މާ ބޮޑެވެ. ޖަމާޢަތްތަކަށްވުރެ އަޤްޞާ މާ މުޤައްދަސެވެ. މަލާމާތް ރައްދު ވަނީ ޤަޟިއްޔާއަށް ޚިޔާނަތްތެރިވާ ޖަމާޢަތްތަކަށެވެ.
ތުރްކީ މީހަކު ބުންޏެވެ. ތުރްކީންނަކީ އަރްމަނުންގެ ނަސްލު ނައްތައިލުމަށް މަސައްކަތްކޮށްފައިވާ ބައެއްކަމަށް ފަލަސްޠީނު މީހުން ދެކެއެވެ. އަނެއްބަޔަކު ބުނާނެއެވެ. ފަލަސްޠީނު މީހުންނަކީ އިރުމަތީ ތުރްކިސްތާނުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއަށް ވާގިވެރިވާ ބައެކެވެ. ފަލަސްޠީނު ތަމްސީލު ކުރާ "ބާރުން" މި ގޮތް ޤަބޫލު ކުރާތީއެވެ.
ތާރީޚަށް ބަލާއިރު ޢަރަބިންގެ ގިނަ ސަރުކާރުތަކަކީ އެ ސަރުކާރުތައް ޝަރްޢަނާ ކުރުމަށް ޓަކައި ފަލަސްޠީނުގެ ޤަޟިއްޔާގެ ބޭނުން ނާޖާއިޒުގޮތުގައި ހިފާފައިވާ އަދި މިއަދުވެސް ހިފަމުންދާ ސަރުކާރުތަކެކެވެ. އެ ސަރުކާރުތަކުން އިސްރާއީލަކީ ދުޝްމަނެއް ކަމަށް ކުރަހައެވެ.
މިއަދު ކުރެވޭ އެއް ސުވާލަކީ ފަލަސްޠީނު މަސްއަލަ ނަގައިގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟ މުޔަންމާރުގެ މުސްލިމުންގެ މަސްއަލަ ކޮބައި ހެއްޔެވެ؟ އިރުމަތީ ތުރްކިސްތާނުގެ މުސްލިމުންގެ މަސްއަލަ ކޮބައިހެއްޔެވެ؟ މިއީ މިފަދަ މަސްއަލަތައް ބައިނަލްއަޤްވާމީ ކުރުމަށް ޓަކައި ކުރެވޭ ސުވާލުތަކެއްނަމަ މި ކަމުގައި މަސްއަލައެއް ނެތެވެ. އެހެނަސް މި ސުވާލުތައް ކުރަނީ ފަލަސްޠީނު މަސްއަލައާ ދެކޮޅު ހެދުމަށް ޓަކައިނަމަ އެއީ މަސްއަލައެކެވެ.
ކުރެވޭ އަނެއް ސުވާލަކީ ފަލަސްޠީނުގެ މުޤާވަމާއިން ދޭ ޙަމަލާތަކުގައި ކުޑަކުދިން މަރުނުވޭ ހެއްޔެވެ؟ ޢާއްމުން ދިރިއުޅޭ ގޮވަތިގެދޮރުތައް ހަލާކު ނުވޭހެއްޔެވެ؟ މިއީ އަޚްލާޤީ ކުށެއް ނޫންހެއްޔެވެ؟ މި ވަގުތަށް ބަލާއިރު އެއީ ކުރެވިދާނެ ސުވާލެއް ނޫނެވެ. މުޅި ފަލަސްޠިނު އޮތީ އިސްރާއީލުގެ ޢުދްވާނުގެ ރަޙްމަތުގެ ދަށުގައެވެ. އެމީހުން ދޭ ޙަމަލާތަކުގައި ކުޑަކުއްޖެއް ބޮޑު މީހެއް އަންހެނެއް ނުބަލައެވެ. މީގެއިތުރަށް އެމީހުން ޙަމަލާދެމުންދަނީ ވަކި ބަޔަކު މަރައިލާށެވެ. ވަކި ބައެއްގެ ޢާއިލާތައް ކަށްވަޅަށް ލާށެވެ. ހަދާން ބަހައްޓަން ޖެހޭ މުހިއްމު އެއް ނުކުތާއަކީ މި މަސްއލައިގެ އަޞްލަކީ އެހެން ބައެއްގެ ބިމަށް އަރައި އެ ބިންތަކުގައި ޙައްޤޫނޫން ބަޔަކު ވަޒަންވެރިވުމެވެ. އެހެންކަމުން އެމީހުންނަށް ދެވޭ ޙަމަލާއަކީ އެމީހުންނަށް އަމާޒުކޮށް ދެވޭ ޙަމަލާއެއްނޫނެވެ. ފަލަސްޠީނު މީހަކު ކުޑަކުއްޖެއްގެ ގަޔަށް ވަޅިހެރި އަޑެއް ނީވެއެވެ. އިސްރާއީލުގެ މަދަރުސާއަކަށް ބޮންއަޅައިފައެއް ނުވެއެވެ. ޔަހޫދީންގެ ފައްޅިއަކަށް ވަދެ އެތާނގައި އަޅުކަންކުރަން ތިބި ބަޔަކަށް ފުރައްސާރަކޮށް ޖެއްސުންކޮށްފައެއް ނުވެއެވެ. މިއާޚިލާފަށް ޔަހޫދީ ވަޒަންވެރިން އުޅެނީ ކިހިނެއް ހެއްޔެވެ؟ މިއަދުގެ މި ޙާލަތަށް ދިޔައީ އަޤްޞާ މިސްކިތުގެ ޙުރްމަތަށް ޔަހޫދީ ވަޒަންވެރީންތަކެއް ގަސްތުގައި އަރައިގަންނަމުން ދިޔުމުންނެވެ. އިސްރާއީލުން އެކން ހުއްޓުވުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދިނުމުގެ ސަބަބުންނެވެ.

ގެއްލުން ބޮޑީ ފަލަސްޠީނަށް
ފަލަސްޠީނުން ޝިކާރަވެގެންދާ މީހުން މާގިނައެވެ. އާދެ! މިއީ ޠަބީޢީ ކަމެކެވެ. ފަރަންސޭސީންގެ މައްޗަށް ޖަޒާއިރަށް ނަޞްރު ލިބުނީ މިލިއަނަކަށްވުރެ ގިނަ ޝަހީދުންގެ ލެއިންނެވެ. ވިއެޓްނާމުގައި އެމެރިކާ ސިފައިންނަށްވުރެ މާ ގިނަ ވިއެޓްނާމީން މަރުވިއެވެ. ޗައިނާއިން ޖަޕާނު ބަލިކުރި ހަނގުރާމަތަކުގައި ޗައިނާގެ މާގިނަ މީހުން މި ދުނިޔެއާ ވަކިވިއެވެ.
ފަލަސްޠީނުގެ މުޤާވަމާއަކީ ރަމްޒެކެވެ. އެއީ ސިޔާސަތަށްވުރެ ތަނޑިތަނޑިއަށް ދެމުމުގެ ބާރުތަކުގެ މަތީގައި އޮތް ރަމްޒެކެވެ. ގަލްފުގެ ބައެއް ޤައުމުތައް ދެކޭގޮތުގައި އީރާނުގެ ބާރާއެކު ތިލަފަތް ހަމަކުރުމަށް ޓަކައި ތުރްކީއަށްވުރެ އިސްރާއީލު މާ ރަނގަޅުވާނެއެވެ. މިއަދު މި ހާމަވެގެން ދަނީ އެއީ ރަނގަޅު ނަޒަރިއްޔާއެއްނޫން ކަމެވެ. ފަލަސްޠީނުގެ ޤަޟިއްޔާއަކީ ޢަރަބި އަދި އިސްލާމީ ސިޔާސީ ހުރިހާ ކުލަތަކެއް އެއްބައިވަންތަ ކުރުވާ ޤަޟިއްޔާއެކެވެ. ރަމްޒާއެކު ބާރު ބިނާކުރަން ޖެހޭނެއެވެ. އުއްމީދެއް އޮންނާނީ އޭރުންނެވެ.



advertisment