Support Us

ގާތުން ބައްލަވާ ޚާއްޞަ މަންދޫބަކަށް އިނގިރޭސީއަކު ހަމަޖައްސަވައިފި

ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދީފައިވާ "ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން" އިނގިރޭސިވިލާތުގެ ރައްޔިތެއް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެއް ކަމަށެވެ. އަދި، އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެއް ކަމަށެވެ. އަދި އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ ޢިލްމުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ގާތުން ބައްލަވާ ޚާއްޞަ މަންދޫބަކަށް އައްބާސް ހަމަޖެއްސެވިކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް، އޭނާގެ މުސާރަ އާއި އެލަވަންސްގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ "އެކަން ސާފުކޮށްލާނަން" ކަމަށެވެ. ފަހުން ހަބަރެއްނުވިއެވެ. ގާތުން ބައްލަވާ ޚާއްޞަ މަންދޫބަކަށް އައްބާސް ހަމަޖެއްސެވިކަން މަބްރޫކު ޓްވީޓެއް ވެސް ނުކުރައްވައެވެ.

މޭ މަހުގެ ހަ ވަނަ ދުވަހުގެ ޙަމަލާޔާ ގުޅޭ އެންމެހައި ތަޙުޤީޤެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އަދި، މި މައްސަލައިގައި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާ ގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރުކުރައްވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އައްބާސް ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށާއި މިހާރުން ފެށިގެން މި ޙަމަލާޔާ ގުޅޭ އެންމެހާ ތަޙުޤީޤެއް ނިމި ތުޙުމަތު ކުރެވޭ މީހުނާ މެދު ޝަރީޢަތް ކުރެވި، ނިހާއީ ޙުކުމަކާ ހަމަޔަށް ވާޞިލްވަންދެން އައްބާސް ފާއިޒް މި މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް