ހަރުކަށި ޢަމަލުތައް އަވަހަށް ހުއްޓުވުމަށް ޓަކައި އެންމެން އެކުގައި ތެދުވަން ޣައްޒާގެ މިއަދުގެ ޙާލަތު ގޮވަމުންދާ ކަމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީ ވިދާޅުވެއްޖެއެވެ.
މިޞްރުގެ ރައީސް ފްރާންސް 24 ޗެނެލަށް ދެއްވި މި ބަޔާން މިޞްރުގެ ރިޔާސީ ފޭސްބުކްގައި ޝާއިޢުކޮށްފައިވާ ކަމަށް ސީއެންއެން ބުންޏެވެ. މިޞްރުގެ ރައީސް ވިދާޅުވިގޮތުގައި ހަރުކަށި ޢަމަލުތަކާއި ހަނގުރާމަވެރި ޙަމަލާތައް ހުއްޓައިލަން ޖެހޭކަން ވަރަށް ސާފެވެ. މިޞްރުން އެކަމަށް ޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ސީސީ ހާމަކުރެއްވި ގޮތުގައި އިސްރާއީލުން މިޞްރުން ކުރަމުންދާ މަސައްކަތަށް ވަނީ ނޫނެކޭ ބުނެފައެވެ.
މިޞްރުގެ ރައީސް ޕެރިހަށް ވަޑައިގެންނެވީ ހޯމަވިލޭރޭގައެވެ. އެއީ ސޫދާނުގެ އިންތިޤާލީ މަރްޙާލާއަށް އެހީވުމަށް ބޭއްވޭ ސިންތާއާއި އެފްރިކާގެ އިޤްތިޞާދު ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާހޯދުމާ ބެހޭ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ.
އާދީއްތަ ދުވަހަކީ އިސްރާއީލުން މިހާރު ދެމުންގެންދާ ލާއިންސާނީ ޢުދްވާނުގައި ގާހަގަކުރެވޭ އެންމެ ލޭ ގިނަ ދުވަހެވެ.



advertisment