ހުޅުމާލޭ ސެންޓްރަލް ޕާކުގައި އާސާރީ ފަރުމާއަކަށް ބިނާކުރަން ބޭނުންވާ މިސްކިތް ކުރަހައިދޭ މީހަކަށް އިނާމެއްގެ ގޮތުގައި ތިން ލައްކަ ރުފިޔާ ހުށަހަޅައިފިއެވެ.
ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނީ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ޙަރަކާތްތަކެއް އެކުލެވިގެންވާ ގޮތަށް ތަރައްޤީކުރަމުން އަންނަ ޕާކެއް ކަމަށާއި ހަތަރު ސަރަޙައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި މިސްކިތަކާއި އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މިސްކިތާ އިންވެގެން ހެދޭ އިސްލާމީ މަރުކަޒު ފަރުމާކުރުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ވެފައިވާ ދިވެހި އާކިޓެކްޓުންނަށް ހުޅުވާލައިފައިވާ ކަމަށެވެ.
"މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި މި ކޯޕަރޭޝަނާ ގުޅިގެން ހިންގާ މި ޑިޒައިން މުބާރާތަކީ، ދިވެހި ސަގާފަތާ ގުޅޭ އިހުގެ މިސްކިތްތަކުން މިސާލު ނަގައިގެން ޑިޒައިންކުރުމުގެ ފުރުޞަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގޭ މުބާރާތެކެވެ. މި މަޝްރޫޢު އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާ އެކު 2،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިންގ ރޫމް ފަދަ ތަންތަން ހިމެނިފައިވެއެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.

"މި މުބާރާތުން 1 ވަނައަށް ހޮވޭ ފަރާތަކަށް ނުވަތަ ޑިޒައިނަކަށް އިނާމެއްގެ ގޮތުގައި 300،000 ދިވެހި ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 27 މޭ 2021 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ވަނީ އިޢުލާން ކުރެވިފައެވެ."



advertisment