Support Us

ޙަމާސްގެ ޒަޢީމު ޝައިޚުލްއަޒްހަރާއި ޚާމަނައީގެ މުޝީރާ ބައްދަލު ކުރައްވައިފި

ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢިލު ހަނިއްޔާ، ފޯނުގެ ޒަރީޢާއިން ވަކިވަކިން، ޝައިޚުލް އަޒްހަރު ފަޟީލަތުއްޝައިޚު ޑރ. އަޙްމަދުއްޠައްޔިބާއި އީރާނުގެ ދީނީ މުރްޝިދު ޚާމަނައީގެ މުޝީރު ޢަލީ އަކްބަރު ވިލާޔަތީއާ ރޭ ބައްދަލު ކުރައްވާ ފަލަސްޠީނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާ ބެހޭގޮތުން މަޢުލޫމާތު އަރުއްވައި މަޝްވަރާކުރައްވައިފިއެވެ.

އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން 197 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 58 ކުޑަކުދީންނާއި 34 އަންހެނުން ހިމެނެއެވެ. އޭގެ އިތުރަށް 1235 މީހަކު ވަނީ ޒަޚަމުވެފައެވެ. ހުޅަނގު އައްސޭރީގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އެ ސަރަޙައްދުން ވަނީ 21 މީހަކު ޝަހީދުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމުވެފައެވެ.

އަޒްހަރަށް ތާރީފު

ޙަމާސްގެ ބަޔާން ބުނާގޮތުގައި ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢީލު ހަނިއްޔާ، ޝައިޚުލްއަޒްހަރާއެކު ދެއްކެވި ވާހަކަފުޅުތަކުގައި ޤުދްސާއި އަލްމަސްޖިދުލްއަޤްޞާއަށް ޔަހޫދީ ވަޒަންވެރީންނާއި އިސްރާއީލުގެ ޢަސްކަރީ ބާރުތަކުން ދީފައިވާ ލާއިންސާނީ ޢަމަލުތަކާއި އެތަންތާނގެ ޙުރްމަތް ކަނޑާފައިވާ ގޮތުގެ ތަފްޞީލުތައް ދެންނެވިއެވެ. އަދި އިސްރާއީލުގެ ޢަސްކަރިއްޔާއިން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކާއި ކުޑަކުދީންނާއި އަންހެނުންނާއި ޢާއްމު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ހިންގަމުންދާ ޤަތުލު ޢާއްމުތަކުގެ ތަފްޞީލުތައް ވެސް ދެންނެވިއެވެ.

ހަނިއްޔާގެ ވާހަކަފުޅުގައި، އަޤްޞާ މިސްކިތާއި ޤުދްސުގެ މުޤައްދަސާތުތައް ޙިމާޔަތް ކުރުމުގައި ފަލަސްޠީނުގެ ރައްޔިތުން ސާބިތުވެ ތިބޭނެކަން ކަށަވަރުކޮށްދެއްވިއެވެ.

އަޒްހަރުގެ ސާބިތު ތާއީދަށާއި މިޞްރު މީހުންގެ ވަރުގަދަ  ޢަޒްމަށް ތާރީފު ކުރައްވާ ހަނިއްޔާ ޝުކްރު އަދާކުރެއްވިއެވެ. ޤުދުސުގެ ޤަޟިއްޔާއަކީ އިސްލާމީ އުއްމަތުގެ މަރްކަޒީ ޤަޟީއްޔާކަމަށް މުސްލިމުން ދެކޭކަމަށް ހަނިއްޔާ ވިދާޅުވިއެވެ.

ހަނިއްޔާ ވިދާޅުވިގޮތުގައި އަޒްހަރަކީ އިސްލާމްދީނާއި އެ ދީނުގެ މަޤައްދަސާތުތަކުގެ އައްޑަނައެވެ އަދި އެއީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އަމާންކަން ހޯދާދޭ ކިއްލާއެވެ. މިޞްރާއި އަޒްހަރަކީ އުންމަތުގެ މަރްކަޒީ އެންމެ އެތެރެ ކަމަށް ވެސް ހަނިއްޔާ ވިދާޅުވިއެވެ.

ޙަމާސުގެ ސިޔާސީ އޮފީހުގެ ރައީސް މިޞްރުން ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ ވާގިވެރިކަމަށާއި މަދަދަށް ތާރީފު ކުރައްވާ ޝުކްރު އަދާކުރެއްވިއެވެ. އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޒަޚަމުވަމުންދާ ޣައްޒާ މީހުންނަށް މިޞްރުގައި ފަރުވާ ދިނުމަށް ޓަކައި ރަފަޙު އެއްގަމު މަގު މިޞްރުން ހުޅުވާ ދީފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. މި މަގުންލައިފާ ޣައްޒާއަށް އެހީތައް ލިބެމުންދާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އީރާނުން ކުށްވެރިކުރުން

ޙަމާސުން ބުނިގޮތުގައި އިސްމާޢީލު ހަނިއްޔާ ރޭ އީރާނުގެ ދީނީ މުރްޝިދު ޢަލީ ޚާމަނައީގެ މުޝީރު ޢަލީ އަކްބަރު ވިލާޔަތީއާވެސް ފޯނުން ބައްދަލު ކުރެއްވިއެވެ. ފަލަސްޠީނުގެ  ރައްޔިތުންނާއެކު އީރާން އޮތްކަން ވިލާޔަތީ ކަށަވަރުކޮށް ދެއްވިއެވެ. ހަނިއްޔާ ވިދާޅުވިގޮތުގައި އިސްރާއީލުން ޢާއްމުންނަށާއި ކުޑަކުދީންނަށާއި އަންހެނުންނަށް އަމާޒުކޮށްގެން ޖަރީމާތައް ހިންގަމުންދަނީ ފަލަސްޠީނުގެ މުޖާހިދުންނާ ކުރިމަތިލުމަށް ނުކުޅެދޭތީއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިމަތިލުންތަކުގެ ނާރެހަކީ ޤުދްސެވެ. އެއީ ފަލަސްޠީނު މީހުންގެ ޤިބްލައެވެ. ކޮންމެ ތަނެއްގައި ތިއްބަސް ފަލަސްޠީނު މީހުން ޤުދްސަށް ޓަކައި ތެދުވާނެއެވެ.

ހެނދުނުގެ ނާސްތާއަކީ ޣައްޒާ

އިސްރާއީލުން މިއަދު ހެދުނު ޣައްޒާއަށް ވަރަށް ވަރުގަދަ ވައިގެ ސިލްސިލާ ޙަމަލާތަކެއް ދިނެވެ. އިސްރާއީލުން ހެދުނުގެ ނާސްތާއެއްގެ ގޮތުގައި ވައިގެ 60 ޙަމަލާދިނެވެ. މި ޙަމަލާތަކުގެ އަމާޒަކަށް ހަދާފައި ވަނީ ޣައްޒާގެ ދެކުނާއި އުތުރާއި ހުޅަނގުގެ ރަށްތަކެވެ. މެދު ކަނޑައިނުލައި 30 މިނެޓްއިރުވަންދެން އިސްރާއީލުން މި ދިން ނިރުބަވެރި ޙަމަލާތަކަކީ މިހާތަނަށް ދިން އެންމެ ހަރުކަށި ޙަމަލާތައް ކަމަށް އިސްރާއީލުން ބުންޏެވެ. މި ޙަމަލާތަކުގެ ސަބަބުން އެތައް ސަރަޙައްދުތަކަކުން ކަރަންޓް ކަނޑައިގެން ދިޔައެވެ.

ޤައްސާމީ ރައްދު

އިސްރާއީލުގެ މި ޙަމަލާތަކަށް ރައްދު ދިނުމުގެގޮތުން ޢިއްޒުއްދީނުލް ޤައްސާމު ބްރިގޭޑުން މިއަދު ފަތިހު ރޮކެޓްގެ އެތައް ޙަމަލާތަކެއް އިސްރާއީލުގެ ރަށްތަކަށް ދިނެވެ. ޤައްސާމު ބްރިގޭޑް ބުނާގޮތުގައި އެ ޖަމާޢަތުން "ބިއުރުއް ސަބްޢު" އަށާއި "ޢަސްޤަލާން" އަށާއި  "ނަތީފޫތު" އާބާދީއަށާއި "އުފާކީމު" އާބާދީ އަށާއި "ޒީކީމު" ކައިރީގައި ތިބި އިސްރާއީލު ސިފައިންގެ ބަޔަކަށާއި "ކައްފާރު ޢިއްޒަތު" އާބާދީއަށާއި "ނީރު ޢޫޒު" އާބާދީ އަށާއި" ކަރަމު އަބޫ ސާލިމު"އަށާއި "ޞޫފާ" އަށާއި "ނާޙިލް ޢޫޒު"އަށް ޙަމަލާދިނެވެ.

އިސްރާއީލަށް ވެސް ގެއްލުން ލިބޭ

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ޤައްސާމު ބްރިގޭޑުން ދެމުންގެންދާ ރޮކެޓް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެންމެ ބޮޑު ވައިގެ ބަނދަރު "ބެން ގޫރިއަން ވައިގެ ބަނދަރު"  ވަނީ ބަންދު ކުރަންޖެހިފައެވެ. މި ޙަމަލާތަކުގެ ސަބަބުން އިސްރާއީލުން 10 މީހަކު މަރުވެ 650 މީހަކު ވަނީ ޒަޚަމުވެފައެވެ. އަދި 100 ވަރަކަށް ޢިމާރާތް ވަނީ ވެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *