Support Us

ޢަސްކަރީ ނަޞްރެއް އިސްރާއީލަށް ލިބޭނެ ބާ!

އިސްރާއީލާ ފަލަސްޠީނުގެ ޖަމާއަތްތަކާ ދެމެދުގައި ހިނގަމުންދާ ރޮކެޓް ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ބައިނަލްއަޤްވާމީ ދާއިރާތަކާއި ޢަރަބި ޤައުމުތަކުން މަސައްކަތް ކުރަމުންދާއިރު އެ ދެ ފަރާތުން ވެސް މަސައްކަތް ކުރަމުން ދަނީ ޢަސްކަރީ ރަދީފުގައި އޮންނަ "ނަޞްރުގެ ފޮޓޯ" އެއް ކުރަހާލެވޭތޯއެވެ؟ ހަނގުރާމަ ހުއްޓަން ޖެހުމުގެ ކުރިން މި ކުރެހުން ނިންމައިލެވޭތޯ ދެ ފަރާތުން ވެސް ދަނީ ވަގުތާ ވާދަކުރަމުންނެވެ.

އިސްރާއީލުގެ އަޗާތެޅުން

އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނު އަވީޚާއި އަދްރަޢީ ފަޚްރުވެރިކަމާއި ބޮޑާކަމާއެކު ވިދާޅުވިގޮތުގައި އިސްރާއީލުގެ ވައިގެ ބާރުތަކުން އިއްޔެއާ ހަމައަށް ވައިގެ ހަ ބޭހަކުން ހަނގުރާމަމަތީ 160 ބޯޓަކުން 40 މިނެޓްގެތެރޭގައި ފަލަސްޠީނުގެ 150 އަމާޒަކަށް 450 ރޮކެޓް ޙަމަލާ ދީފައިވާނެއެވެ. މީގެ އިތުރަށް އިސްރާއީލުގެ ކަނޑާއި އެއްގަމުގެ ބާރުތަކުން އިތުރު 500 އަމާޒަކަށް ޙަމަލާދީފައި ވާނެއެވެ. އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ އިރުމައްޗާއި އުތުރުގައި ބިމު އަނޑީގައި ޙަމާސުން ހަދާފައިވާ އެމީހުންގެ "މެޓްރޯ" އަހުރެމެން ފުޑުފުޑުކޮށްލައިފީމެވެ. އެމީހުންގެ ބިންގަރާސް މަޞްލަޙަތުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފީމެވެ." އޭނާ ހާމަކުރެއްވި ގޮތުގައި އެތައް ކީލީމޯޓަރަކަށް ދެމިގެންގޮސްފައިވާ މި ބިންގަރާސްތަކަކީ "ޙަމާސުގެ އިސްތިރާތީޖީ ކަންޒު" އެކެވެ.

އިސްރާއީލުގެ ޖާސޫސީ ވަޒީރު އީލީ ކޯހެން ވިދާޅުވިއެވެ. "އިސްރާއީލުގެ ބާރުތަކުން މިހާރު ދަނީ ފަލަސްޠީނުގެ ޖަމާޢަތްތަކުގެ ވެރިން އަވަހާރަކޮށްލުމުގެ މަސައްކަތް ހިންގަމުންނެވެ.އެއިން އެކަކަށް ވެސް އަހުރެމެންގެ ވިޔަކުރުމުން ބޭރަކަށް ނުދެވޭނެއެވެ. ޙަމާސާއި ޖިހާދުގެ ހުރިހާ ވެރީން ނައްތައިލާނަމެވެ. ޚާއްޞަކޮށް ޣައްޒާގެ ޙަމާސް ގޮފީގެ ރައީސް ޔަޙްޔާއައްސިންވާރާއި ޢަސްކަރީ އަތުގެ ވެރިޔާ މުޙައްމަދު ޝީފު މަރައިލާނަމެވެ."

ޙަމާސްގެ ވާހަކަތައް

އަނެއްކޮޅުން ޙަމާސާއި އިސްލާމީ ޖިހާދު ޖަމާޢަތް ބުނާގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢަސްކަރީ ވަރުގަދަ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެބައިމީހުން ދަނީ ރޮކެޓް ޙަމަލާތައް އިސްރާއީލަށް ދެމުންނެވެ. ޢަސްޤަލާނަށް ދެވުނު ޙަމަލާއަކީ އެންމެ ވަރުގަދަ ޙަމަލާކަމަށް ޙަމާސުން ބުންޏެވެ. "މި ޙަމަލާއާ އެކު އިސްރާއީލުގެ ފުނަށް ވެސް އަހުރެމެން ޙަމަލާދިނީމެވެ. އަހުރެމެންގެ ޙަމަލާތައް ބިއުރުއް ސަބްޢަށާއި ހަރްތަސްލިޔާއަށް ވަނީ ފޯރާފައެވެ. އަލްޖިހާދު ޖަމާޢަތުގެ ސަރާޔާ އަލްޤުދުސްގެ ތަރްޖަމާނު އަބޫ ޙަމްޒާ އިސްރާއީލަށް މެސެޖެއް ދެއްވަމުން ވިދާޅުވިއެވެ." އަހުރެމެންގެ ގަނބު ޢަދުއްވަށް ކަށަވަރުކޮށްދެން ބޭނުންވާ ޙަޤީޤަތަކީ ޣައްޒާއަކީ ތިޔަބައިމީހުންނަށް ހިތާމަވެރި ތަނަކަށް ވާނެއެވެ. ޣައްޒާއަށް އެއްގަމު މަގުން އަރަން އުޅުނު ޣައްސާން ޢަލިޔާނާ އޭނާގެ ސިފައިންނަށް ވީގޮތާމެދު ތިޔަބައިމީހުން ނިކަން ސުވާލުކޮށް ބަލާށެވެ! މުޖާހިދުންނާއި ފަލަސްޠީނުގެ ޖަމާޢާތްތައް އަދިވެސް ތިބީ ގޮންޖެހުމާއި ކުރިމަތިލުމަށް ފެންބޮވައިގެންފައެވެ. އަހުރެމެންގެ ފަހުލަވާނުންނަކީ އާދައިގެ ސިފައިންގެ ކުރިއަށް އެމީހުންގެ ވެރިން ނުކުންނަ ބަޔެކެވެ. އެބައިމީހުންނަކީ އައު ގޮތްތައް އީޖާދުކޮށްގެން ފިނޑި ޞިހްޔޫނީންނާ ހަނގުރާމަކުރާ ބައެކެވެ."

އައްސަރާޔާގެ ތަރްޖަމާނު ވިދާޅުވިއެވެ. "އިސްރާއީލުގެ ޖަނަވާރީ އެތައް ސައްތަ ވައިގެ ޙަމަލާތަކަކާއި  އެމީހުންގެ ލާއިންސާނީ ޙަމަލާތަކުން އަހުރެމެންގެ ގޮވަތިގެދޮރުތައް ހަލާކުކުރަމުން ދިޔަސް އަހުރެމެންގެ ރައްޔިތުން ދިފާޢުކުރުމުގެ ޙައްޤު އަހުރެމެން ވައްޓައެއް ނުލާނަމެވެ." އޭނާ އަޑުފުޅަށް ބާރުލައްވާފައި ވިދާޅުވިއެވެ. "ދުޝްމަނާ ދިމާއަށް ބުނާނީ އެއްގަމު ހަނގުރާމައަކަށް ތިޔަބައިމީހުން ވިސްނާނަމަ އެއީ އަހުރެމެންނަށް މަގު ކުރުކޮށްދިނުމެކެވެ. އަހުރެމެންނަށް ނަޞްރު ލިބޭނެކަން ކަށަވަރެވެ. އަހުރެމެން ތިޔަބައީހުންނަށް އަހުރެމެންގެ ހެވިކަމާއި ހުނަރުތައް ދައްކައިލާނަމެވެ. ތިޔަބައިމީހުންގެ ސިފައިންގެ ނިމުމަކަށް ވާނީ ޤަތުލުވުމާއި އަސީރުންނަށް ވުމެވެ. އެއްގަމުން އަރާނަމޭ ކިޔާފައި އަހުރެމެންނަށް ބިރު ނުދައްކާށެވެ!"

ފަލަސްޠީނުގެ ރިޔާސަތުގެ ބަސް

ހުޅަނގު އައްސޭރީގައި ވެސް އިއްޔެ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. ހަތާވީސް ހިސާބެއްގައި އިސްރާއީލު ސިފައިންނާ ފަލަސްޠީނުގެ ޢާއްމު ރައްޔިތުންނާ ދެމެދުގައި ބޮޑެތި ކުރިމަތިލުންތަކެއް އިއްޔެ ހިނގީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ވައިގެ ޢުދްވާނާ ދެކޮޅަށް ހިނގައިލުންތަކާއި މުޒާހަރާތައް ބޭއްވުމުންނެވެ. އިސްރާއީލު ސިފައިން ފަލަސްޠީނުގެ މުޒާހަރާތަކާއި އިޙްތިޖާޖުތައް މައިތިރިކޮށްފައި ވަނީ  މަޢުދަނީ ވަޒަނާއި ކަރުނަގޭސް ފަދަ ނުބައްދަލު ބާރުގެ ބޭނުންކޮށްގެންނެވެ. މި ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ހަތް މީހަކު ޝަހީދުވިއެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަޚަމުވިއެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އިސްރާއީލުން މި ސުލްޙަވެރި މުޒާހަރާތަކަށް ހުރަސްއަޅައި ބާރުގެ ބޭނުންކޮށްފައިވާތީ އެކަން ކުށްވެރި ކުރެއްވިއެވެ. ފަލަސްޠީނުގެ ރިޔާސަތުން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދްސުގައި އިސްރާއީލުން ދަނީ ދުރާލައި ރާވައިގެން އަހުރެމެންގެ ރައްޔިތުން މަރަމުންނެވެ." ފަލަސްޠީނުގެ ރިޔާސަތުން ބުނިގޮތުގައި މި ކަމުގެ މަސްއޫލިއްޔަތު އިސްރާއީލު ސަރުކާރުން އުފުއްލަން ޖެހޭނެއެވެ. ފަލަސްޠީނު ސަރުކާރުން އެމެރިކާ ސަރުކާރަށް އިސްރާއީލުގެ މި ޢުދްވާނު ހުއްޓުވުމަށް ޓަކައި އަވަސް ފިޔަވަޅު އެޅުމަށް ގޮވައިލިއެވެ. ފަލަސްޠީނު މީހުންގެ ކެތްތެރިކަމާއި ސާބިތުކަމަށް ފަލަސްޠީނުގެ ރިޔާސަތުގެ ބަޔާނުގައި ތާރީފުކޮށްފައި ވެއެވެ. އިސްރާއީލު ސިފައިންނާއި ވަޒަންވެރިކޮށްފައިވާ ޔަހޫދީން ހިފާފައިވާ ޤުދުސުން ބޭލުމަށާއި ޣައްޒާއަށް ދެމުންގެންދާ ޖަނަވާރީ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ފަލަސްޠީނުގެ ރިޔާސަތުން ގޮވައިލިއެވެ.

ފަލަސްޠީނުގެ މި ބަޔާނުގައި ސަލާމަތީ މަޖިލީހަށާއި ބައިނަލްއަޤްވާމީ ހަތަރު ފަރާތަށާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް އިސްރާއީލުގެ ޢުދްވާނީ ޙަމަލާތައް ހުއްޓުވުމަށް ޓަކައި އަވަހަށް ޙަރަކާތްތެރިވުމަށާއި ފިޔަވަޅު އެޅުމަށް ގޮވައިލިއެވެ. ބައިނަލްއަޤވާމީ ޤާނޫނާ އެއްގޮތްވާގޮތުގައި ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ރައްކައުތެރިކުރުމަށް ވެސް ގޮވައިލިއެވެ.

ޣައްޒާ ބާއްވާނީ އަނދިރިކަމުގައި

އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތުގެ ޢަސްކަރީ އެޑިޓަރ އެލެކްސް ވިޝްމަން ބުނާގޮތުގައި ދުވަސްކޮޅަކަށް ޣައްޒާ އަނދިރީގައި ބާއްވަން އިސްރާއީލުން ވަނީ ނިންމައިފައެވެ. ކަރަންޓްގެ ސަބަބުން ޙަމާސް ޖަމާޢަތަށް އަމާން ދިނުމަށް މަޖްބޫރުވާނެ ކަމަށް އޭނާ ބުންޏެވެ. ޣައްޒާ މީހުންނަށް މި ކަމުގެ ސަބަބުން ތަޙައްމުލުކުރަން ޖެހޭ ބުރައިގެ ސަބަބުން ޣައްޒާ މީހުން ޙަމާސާ ދެކޮޅަށް ނުކުންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ރަނގަޅު ލިޔުމެއް. ކިޔާލުމުން ވަރަށް ރަނގަޅަށް މިކަންތައް ވާ ގޮތް އެނގިއްޖެ. ޝުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *