Support Us

ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސިފައިން ނުކުމެއްޖެ

ރައްޔިތުން މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން، މާލޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ވަރުގަދަކޮށް، ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

"6 މޭ 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން، ގްރޭޓަރ މާލެ އޭރިޔާގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެކިއުރިޓީ ކަންކަން ވަރުގަދަކޮށް، ހަތިޔާރާއެކު ސިފައިން އަންނަނީ ހަރަކާތްތެރިވަމުން،" އެމް.އެން.ޑީ.އެފުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ.

ރައީސް ނަޝީދު ގެއިން ނުކުންނަވައި ކާރުކޮޅަށް އަރާވަޑައިގަންނަވާ ވަގުތު، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން، ރައީސް ނަޝީދަށް ހަމަލާ ދިންތާ ހަފުތާއެއް ވަނިކޮށް އެމް.އެން.ޑީ.އެފުން މި ގޮތަށް ހަރަކާތްތެރިވާން ފެށީ ކީއްވެގެން ކަމެއް އެ ބަޔާނުގައި ނުބުނެއެވެ.

ހަތިޔާރު އެޅި ސިފައިން މާލޭގެ ބައެއް މަގުތައް ޕެޓްރޯލްކުރަމުންދާތަން މި ދުވަސްވަރު ވަރަށް ގިނައިން ފެނެއެވެ. އަދި ކޮވިޑްގެ ކާފިއު ގަޑީގައި ވެސް ފުލުހުންނާއެކު ސިފައިން ހަރަކާތްތެރިވަމުންދާތަން ވަނީ ފާހަގަވެފައެވެ.

މޭ 6 ގެ ބޮމާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ބޮން ގޮއްވި މީހާ އާއި ބޮން ހަރުކުރި ސައިކަލްގެ ވެރިމީހާ ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ބޮމުގެ ހާދިސާއިން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭ.ޑީ.ކޭގައި ކާމިޔާބު އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު ރައީސް ނަޝީދު، އިތުރު ފަރުވާ އަށް މިއަދު ހެނދުނު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފައެވެ.

ނަޝީދު ފުރާވަޑައިގަންނަވަން، އޭ.ޑީ.ކޭ އިން ބުރިޖާ ހަމައަށް ދެވެންދެން ތަންތަންކޮޅުގައި ސިފައިން ދިޔައީ ބަޑި ހިފައިގެން ފޯރި މަރަމުންނެވެ. އަދި އެ މަގުތައް އޮތީ އެއްކޮށް ބަންދުކޮށްފައެވެ.

ރައީސް ނަޝީދު އެމްބިއުލާންސްގައި އެއާޕޯޓަށް ވަޑައިގެންނެވީ ވެސް ހައި ސެކިއުރިޓީ މޮޓޯކޭޑެއްގައެވެ.


ރައީސް ނަޝީދު ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދެވުމުގެ ހަރަދާއި އެއާ އެމްބިއުލާންސް ހަމަޖައްސައިފައިވަނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް