Support Us

އުނޫޝާއާއި ބާސިތުގެ ނާނާ އަލްބަލް "އުދުހިލާ" މެޑަމް ފަޒުނާ ނެރެދެއްވައިފި

މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ މަރިޔަމް އުނޫޝާއާއި ޢަބްދުލް ބާސިތު ޢަބްދުﷲ ސަޢީދުގެ ފުރަތަމަ ނާނާ އަލްބަލް "އުދުހިލާ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ނެރެދެއްވައިފިއެވެ. އަމިއްލަ ރާގުގެ ނާނާގެ ހަ ލަވަ ހިމެނޭހެން މި އަލްބަމްގައި ޖުމްލަ ނާނާގެ އަށް ލަވަ ހިމެނެއެވެ.

އަލްބަމް ނެރެދެއްވައި މެޑަމް ފަޒުނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި އަލްބަމްގެ ހުރިހާ ނާނާއެއްވެސް ވަރަށް ހިތްގައިމު ކަމަށެވެ. އަދި މިފަދަ ނާނާތައް ސުކޫލުތަކުގައިވެސް ބޭނުން ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، މެޑިޓޭޝަންއަށްވެސް މި އަލްބަމްގެ އެންމެ ފަހު ރާގު ކަމުގައިވާ "ދުވަހުގެ ނިމުން" ބޭނުންކުރެވިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެހި އުފެއްދުންތަކަށް ހިތްވަރު ދެއްވައި މެޑަމް ފަޒުނާ ވަނީ މި އަލްބަލް އުފެއްދުމުގައި މަސައްކަތްކުރައްވާފައިވަނީ ހަމައެކަނި ދިވެހިންކަން ފާހަގަކުރައްވައި އެކަމަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާ ވަނީ މި އަލްބަމްގައި ހިމެނޭ އެކަމަނާއަށް އެންމެ މަޤުބޫލުފުޅު ނާނާތައްވެސް ފާހަގަކުރައްވައިފައެވެ.

އަލްބަމް ނެރެދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުހޫރިއްޔާގެ އަނބިކަނބަލުން ވަނީ އަލަށް މަންމައަކަށްވާ ފަރާތްތަކަށް ވަރަށް މުހިންމު މެސެޖެއް ދެއްވާފައެވެ. އެގޮތުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށާއި، ގިނައިން ދިޔާ އެއްޗެހި ބުއިމަށާއި، ލުއި ކަސްރަތުކުރުމަށާއި، އަދި ވަކިން ޚާއްޞަކޮށް ވީ ވަރަކުން އަރާމުކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައާއި ބައްޕަ ވީވަރަކުން އެކަކު އަނެކަކަށް އެހީތެރިވެ އެކުގައި މަސައްކަތްކުރުމަށްވެސް ބާރުއަޅުއްވާފައެވެ. އަދި ހަމަ އެއާއެކު ދަރިން ބަލާ ބޮޑުކުރުމުގައި މައިންބަފައިންގެ ޙިއްޞާ ތާއަބަދު އޮތުމަކީ ދުޅަހެޔޮ އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި ހަމަ މި މޭރުމުން އެކަމަނާ ވިދާޅުވީ މައިން ބަފައިންނާއި މާމަ އާއި ކާފަގެ ފަރާތުން ދަރިންނަށް ދެވޭ މެސެޖަކީ އެއް މެސެޖަކަށް ވާންޖެހޭނެ ކަމަށާއި، އޭރުން ކުދިން އެ ކަމެއް ކުރާލެއް އަވަސްވާނެ ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވަނީ މުޖުތަމަޢުގައި އޮންނަ ދުވަސްވީ ގޯސް އާދައެއް ކަމުގައިވާ ކުދިންގެ ކުލައަށާއި، ބަރުދަނަށާއި، ސިފައަށް ފާޑުކިއުން މިހާރުން ފެށިގެން ހުއްޓައިލުމަށް ހުރިހާ އެންމެންގެ ފަރާތުން އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް