ޤުދުސް ދެކެމުންދާ ޙާދިސާތަކާ ބެހޭގޮތުން ބަޔާނެއް ނެރުމަށް ޓަކައި ސަލާމަތީ މަޖިލީހުން ރޭ ބޭއްވި ކުއްލި ޖަލްސާ އެމެރިކާގެ ސަބަބުން ނާކާމިޔާބުވެއްޖެއެވެ. އެމެރިކާ ބުނާގޮތުގައި މިއީ އެކަމާ ބެހޭގޮތުން ބަޔާނެއް ނެރެންވީ ވަގުތެއް ނޫނެވެ. ސަލާމަތީ މަޖިލީހުގެ ސިޔާސީންނާ ޙަވާލާދީ ފަރަންސޭސި ނޫސް އޭޖެންސީ ބުނިގޮތުގައި ޤުދްސުގެ ޙާދިސާތަކާ ބެހޭގޮތުން މި ވަގުތު ބަޔާނެއް ނެރުމަކީ މުނާސަބު ކަމެއްނޫނެވެ.
ސަލާމަތީ މަޖިލީހުގެ ރޭގެ ޖަލްސާ ބޭއްވުނީ ސިއްރު ޖަލްސާއެއްގެ ގޮތުގައެވެ. މި ޖަލްސާ ބޭއްވުނީ ދާދިވަރުކޮށްނެވެ. މި މަޖިލީހުގެ 14 މެންބަރުންނަށް އެމެރިކާއިން ހާމަކުރި ގޮތުގައި އެމެރިކާއިން ދަނީ ފަރުދާގެ އަނެއް ފަރާތުގައި އޮވެގެން ޙާލަތު މަޑުމައިތިރި ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިހެންވެ މި ފިޔަވަހީގައި ބަޔާނެއް ނެރުމަކީ އެމެރިކާގެ މަސައްކަތަށް ހުރަސްއެޅިދާނެ ކަމެކެވެ.
އދ ގައި ތިއްބަވާ އެމެރިކާގެ ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި "އެމެރިކާއިން ދަނީ މި މަސްއަލަ ބިނާކުރަނިވި ގޮތަކަށް ޙައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. ސަލާމަތީ މަޖިލީހުން މިކަމުގައި އުޅުން ރަނގަޅު ކަމަކަށް ނުވާނެއެވެ."
ދެލިކޮޕީ ގޮވައިލަނީ ހަމަހިމޭންވުމަށް
ސަލާމަތީ މަޖިލީހުގެ ރޭގެ ބައްދަލުވުން ބޭއްވުނީ ތޫނިސްގެ އެދުމުގެ މަތިންނެވެ. ރޭގެ ޖަލްސާއަށް ނޯވޭއާއި ޗައިނާއާއި ތޫނިސް ގުޅިގެން މަޝްރޫޢެއް ހުށައެޅިއެވެ. މި މަޝްރޫޢުގެ ދެލިކޮޕީގައި "ޔަހޫދީން ވަޒަންވެރިކުރުވުމާއި ފަލަސްޠީނު މީހުންގެ ގޮވަތިގެދޮރުތައް ތަޅައި ފުނޑުފުނޑުކުރުމާއި ފަލަސްޠީނު މީހުން އެމީހުންގެ ގޮވަތިތަކުން ބޭރަށް ނެރުން ހުއްޓައިލުމަށް" އިސްރާއިލަށް ގޮވައިލާފައި ވެއެވެ. ފްރާންސް ޕްރެސް ބުނާގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޤުދުސުގައި ހަރުކަށި ޢަމަލުތައް އިތުރުވުމާއި ނުތަނަވަސްކަން ބޮޑުވަމުން ދިޔުމަކީ ސަލާމަތީ މަޖިލިސް އެކަމާމެދު ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މި މަޝްރޫޢުގައި އައިސްފައި ވެއެވެ. މި ދިޔަ ހޯމަ ދުވަހު ހިނގާފައިވާ ހަރުކަށި ޢަމަލުތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމުވެފައެވެ. ސަލާމަތީ މަޖިލީހުގެ މަޝްރޫޢުގެ ދެލިކޮޕީގައި "ނުތަނަވަސްކަން އިތުރުވެދާނެ އެންމެހާ ޢަމަލުތައް ހުރިހާ ފަރާތްތަކަކުން ވެސް ހުއްޓައިލުމަށް" ގޮވައިލާފައި ވެއެވެ. ދެ ދައުލަތުގެ ޙައްލު ގެނައުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް މި މަޝްރޫޢު ގޮވާލާފައި ވެއެވެ. މި މަޝްރޫޢުގައި "މުޤައްދަސް ތަންތާނގެ ތާރީޚީ ޙާލަތު ދެމެހެއްޓުމަށާއި އެތަންތަނަށް އިޙްތިރާމު ކުރުމަށާއި ނަފްސު ކޮންޓްރޯލް ކުރުމަށާއި ޖެއްސުންކުރުމުގެ އެންމެހާ ޢަމަލުތަކުންނާއި ބަސްތަކުން ދުރުހެލިވުމަށް" ހުރިހާ ފަރާތްތަކަކަށް ގޮވާލައިފާ ވެއެވެ.

އިސްރާއީލުގެ ޢުދްވާނު އެމެރިކާއިން ދިފާޢު ކުރޭ
އިސްރާއީލުން ރޭ ޣައްޒާއަށް ދިން ޢުދްވާނު ދިފާޢު ކުރުމަށް އެމެރިކާއިން ވަރަށް އަވަހަށް ނުކުމެފައިވާތަން ފެނެއެވެ. އެހެނަސް އިސްރާއީލުން ފަލަސްޠީނު މީހުންނަށާއި އަލްމަސްޖިދުލްއަޤްޞާއަށް ދެމުން ގެންދިޔަ އެއްވެސް ޙަމަލާއަކާ ދެކޮޅަށް ވޮޝިންގްޓަނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ގަދަކަމުން ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީންނާއި އިސްރާއީލު ފުލުހުން އަޤްޞާގެ މިސްކިތުގެ ޙުރްމަތްކަނޑައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ޒަޚަމުކޮށްލިތަން އެމެރިކާގެ "ކަނު" ލޮލަށް ފެނިފައެއް ނުވެއެވެ. އެއިން އެއްވެސް ކަމަކާ ބެހޭގޮތުން އެމެރިކާއިން ބަޔާނެއް ނެރެފައެއް ނުވެއެވެ. މި ޢުދްވާނަށް ރައްދު ދިނުމަށް ޓަކައި ޙަމާސުން ރޭ އިސްރާއީލުގެ ބައެއް ރަށްތަކަށް މިސައިލް ޙަމަލާތަކެއް ދިނުމުން ޙަމާސް ކުށްވެރި ކުރިއެވެ. އެއީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް އެމެރިކާއިން ބުންޏެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ބުންޏެވެ. "އިސްރާއީލަށް އެ ޤައުމުގެ ބިންތަކާއި ރައްޔިތުން ޙިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމުގެ ޙައްޤު ލިބިފައިވާ ކަން އަހުރެމެން ޤަބޫލު ކުރަމެވެ. އެއީ އަމިއްލަ ނަފްސުގެ ދިފާޢުގައި އިސްރާއީލުން ދިން ޙަމަލާތަކެކެވެ." އިސްރާއީލުން ޣައްޒާގެ ބައެއް ހިސާބުތަކަށް ދިން ޢުދްވާނީ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 30 މީހަކު ޝަހީދުވިއެވެ. އޭގެތެރޭގައި ނުވަ ކުޑަކުދީން ވެއެވެ. މީގެ އިތުރަށް އެތައް ބަޔަކު ޒަޚަމުވިއެވެ. އެމެރިކާގެ މި ބަޔާނުގައި ފަލަސްޠީނު މީހުންގެ އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ޙައްޤު އެމީހުންނަށް ލިބިގެންވާ ވާހަކަ ގެނެސްފައެއް ނުވެއެވެ.
އިސްރާއީލުގެ ޙަމަލާތައް ކުރިއަށް ގެންދާނެ
އަނެއްކޮޅުން ބަލާއިރު އިސްރާއީލުން ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ބަނީ ގެންޓްސް މިއަދު ވިދާޅުވިކަން ފާހަގަ ކުރެވެއެވެ. އިސްރާއީލުގެ ދިފާޢީ ވިދާޅުވިގޮތުގައި ޙަމާސުން އެއްލާ އެއްޗަކަށް އިސްރާއީލުން އެތައް އެއްޗެއް އެއްލާނެއެވެ. ޙަމާސުން އޭނާއަށް ރައްދު ދެމުން ބުންޏެވެ. "އަހުރެމެން ވެސް ހަމަ ތިޔަ މާދަލާއަށް ޢަމަލު ކުރާނަމެވެ." ޙަމާސުން ލަފާކުރާގޮތުގައި ކުރިއަށް އޮތް ދުވަސް މާ ހޫނުގަދަވާނެއެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ގެންޓްސް ވަނީ އިސްރާއީލުގެ އިތުރު ސިފައިން ޣައްޒާ ކައިރިއަށާއި ޔަހޫދީ އާބާދީތަކަށް ފޮނުއްވައިފައެވެ. އިސްރާއީލުން ރޭ ޣައްޒާއަށް ޙަމަލާ ދިނުމުން ޙަމާސުން ވަނީ ޔަހޫދީ އާބާދީތަކަށް ޙަމަލާދީފައެވެ. އިސްރާއީލުގެ މަޢާރީފު ދުވަހު ނޫސް ބުނާގޮތުގައި މިއަދު ހެދުނު ގެންޓްސް ސަލާމަތީ ޙާލަތު ވަޒަން ކުރެއްވުމަށްޓަކައި ޖަލްސާއެއް ބޭއްވެވިއެވެ. މި ޖަލްސާއަށް ފަހު އޭނާ ނިންމެވީ ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް ހުއްޓައިނުލައި ކުރިއަށް ގެންދިޔުމަށެވެ. އިސްރާއީލުން ބުނާގޮތުގައި އެމީހުން ޣައްޒާގެ 130 ޢަސްކަރީ ލަނޑުދަނޑިއަކަށް މިއަދު ވަނީ ޙަމަލާ ދީފައެވެ.
ޙަމާސުން އިސްރާއީލަށް އިންޒާރެއް
ޙަމާސުން މިއަދު އިސްރާއީލަށް ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ. އެ ޖަމާޢަތުގެ ތަރްޖަމާނު ފައުޒީ ބުރްހޫމު ވިދާޅުވިގޮތުގައި "ޙަމާސުން މި ވަނީ ފަލަސްޠީނު ރައްޔިތުން ޙިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިފައެވެ. ޤުދްސުގައި ތިބި އަހުރެމެންގެ އަހްލުންނަށާއި އަޤްޞާ މިސްކިތުގައި އަޅުކަންކުރަމުންދާ މީހުންނަށާއި ޣައްޒާގެ ކުޑަކުދިންނަށާއި ޢާއްމު ރައްޔިތުންނަށާއި އަހުރެމެންގެ މަރްކަޒުތަކަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކަށް އަހުރެމެން ވަރުގަދައަށް ރައްދު ދެމުންދާނެއެވެ."
ބުރްހޫމު ވިދާޅުވިއެވެ. "އަހުރެމެންގެ ކުޑަކުދީންނާއި އަންހެނުން މެރުމަކީ އަދި އަހުރެމެންގެ އަމާން ގެދޮރަށް ޙަމަލާ ދިނުމަކީ ބޮޑު ޖަރީމާއެކެވެ. މިކަމުން އިސްރާއީލުގެ ޖަނަވާރުވަންތަކަން ހާމަވެގެން ދެއެވެ. އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ހަނގުރާމައިގެ އަމާޒަކަށް އަހުރެމެންގެ ކުޑަ ކުދީންނާއި އަހުރެމެން އަމާން ގޮވަތިގެދޮރުތައް މި ހެދީ ފިދާއީންގެ ޢަޒްމު ބިންދައިނުލެވޫނީމައެވެ."
ބުރްހޫމުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޤުރްބާނީތައް ކިތަންމެ ބޮޑުވިޔަސް އިސްރާއީލުގެ ޢުދްވާނަށް ހުރަސްއެޅުމުގައި އަހުރެމެން ކުރިއަށް ދާނަމެވެ." އޭނާ އިސްރާއީލަށް ބާޠިލުގެ މަތީގައި ކުރިއަށް ނުދިޔުމަށް އިންޒާރު ކުރެއްވިއެވެ.
ޣައްޒާއަށް ޙަމަލާދިނުން ހުއްޓައިނުލާނަން
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަރަށް ވަރުގަދައަށް ޙަމަލާތައް ދެއްވާނެ ކަމަށް ވިދާޅުވެ ޙަމާސަށް ބިރު ދައްކަވައިފައެވެ. އިސްރާއީލުގެ ކުޑަ ކެބިނެޓްގެ ޖަލްސާއެއް މިއަދު ހެދުނު އޭނާ ބޭއްވެވިއެވެ. ދެ ގަޑިއިރަށް ދެމިގެން ދިޔަ މި ޖަލްސާއަށް ފަހު ނަތަންޔާހޫ ހާމަކުރެއްވިގޮތުގައި ވައިގެ މަގުން ޣައްޒާއަށް ދެވޭ ޙަމަލާތައް ވަރުގަދަކޮށް އިތުރު ކުރެވޭނެއެވެ. އެހެނަސް އެއްގަމު މަގުން ސިފައިން ކުރިއަކަށް ނުޖެހޭނެއެވެ.
އިސްރާއީލުގެ ޢަސްކަރިއްޔާއިން ބުނާގޮތުގައި ޣައްޒާއާ ދެކޮޅަށް އެމީހުން ފަށާފައިވާ ޢުދްވާނުގެ ނަމަކީ "ފާރުތަކުގެ ހަށިފާރަވެރިޔާ" އެވެ.
.



advertisment