ޤުދުސް ސަހަރުގައި ހުރި ފަލަސްޠީނު މީހުންގެ ގޮވެތިގެދޮރުތައް ހަލާކުކުރުން ހުއްޓައިލުމަށާއި ފަލަސްޠީނު މީހުންނަށް ޤުދުސުގައްޔާއި އަލްމަސްޖިދުލްއަޤްޞާގައި ދެމުންގެންދާ ޢުދްވާނީ ޙަމަލާތައް ހުއްޓައިލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިސްރާއީލަށް ގޮވައިލައްވައިފިއެވެ. ގުޓަރެސް ވިދާޅުވިގޮތުގައި ޤުދުސް ސަހަރުގެ މުޤައްދަސް ތަންތަން އެ ތަންތާނގެ ތާރީޚީ ޙާލަތުގެ މަތީގައި ދަމަހައްޓަން ޖެހޭނެއެވެ.
އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރްޖަމާނު ސްޓެފަން ޑޮޖަރިކް ދެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. "ޤުދުސްގެ ތަންތަން ތަޅައި ފުނޑުފުނޑުކުރުމާއި އެ ސަހަރުން ފަލަސްޠީނު މީހުން ބޭރަށް ނެރުމުގެ މަސައްކަތް ވަގުތުން ހުއްޓައިލަން އެބަ ޖެހެއެވެ. މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ޢަމަލެކެވެ." އިސްރާއީލު ހިފާފައިވާ އިރުމަތީ ޤުދްސުގައި ހަރުކަށި ޢަމަލުތައް މެދުނުކެނޑި ހިނގަމުންދާތީ އެކަމާމެދު ސެކްރެޓަރީ ޖެނެރަލް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ. އެ ސަހަރުގެ އައްޝައިޚު ޖައްރާޙު އަވަށާއި ސަލްވާނު އަވަށުގައި ދިރިއުޅޭ ފަލަސްޠީނު ޢައިލާތައް އެމީހުންގެ ގޮވަތިގެދޮރުން ބޭރަށްލުމުގެ މަސައްކަތް ހުއްޓައިލުމަށް ވެސް މި ބަޔާނުގައި އިސްރާއީލަށް ގޮވާލައިފައި ވެއެވެ.
އދ ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ. "ޙައްދުފަހަނަޅައިފައިވާ މީހުންނާ ދެކޮޅަށް އެޅެމުންދާ ފިޔަވަޅުތަކާއި ހިންގަމުންދާ ޢަމަލުތަކުގެ މަސްއޫލިއްޔަތުގެ ޒިންމާ ހުރިހާ ވެރީންނަށް ވެސް އުފުއްލަވަން ޖެހިވަޑައިގަންނަވާނެއެވެ." ގުޓަރެސްގެ މި ބަޔާނުގައި ސުލްޙަވެރި އެއްވުންތައް ބޭއްވުމުގެ މިނިވަންކަމަށް އިޙްތިރާމު ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. މިފަދަ ކަންކަމުގައި ނަފްސު ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ.
އިސްރާއީލުން ޙަރަކާތްތެރިވަމުން ދަނީ ޤުދުސުގެ މެދުތެރޭގެ އަވަށެއް ކަމުގައިވާ ޝައިޚު ޖައްރާޙު އަވަށުގައި 1956ން ފެށިގެން ދިރިއުޅެމުން އަންނަ ފަލަސްޠީނު މީހުން އެމީހުންގެ ގެދޮރުތަކުން ބޭރަށް ލައި އެތަންތާނގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށެވެ.

އަޤްޞާ މިސްކިތަށް އެރުން
މިއަދު އިސްރާއީލު ސިފައިން ވަނީ އަނެއްކާ ވެސް މި މިސްކިތަށް ވަދެގަންފައެވެ. އެމީހުންނާއެކު ޔަހޫދީންތަކެއް ވެސް މި ޙަރަންފުޅަށް ވަނެވެ. އެމީހުން މި ޙަރަންފުޅުގެ ޙުރްމަތް ކެނޑީ ރަބަރު ވަޒަނާއި އަޑުބޮމާއި ކަރުނަ ގޭސް ބޭނުންކޮށްގެންނެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމުވިއެވެ. އިސްރާއީލު ސިފައިން ރޭ އަޤްޞާ މިސްކިތަށް ވަދެ އެ ޙަރަންފުޅުގައި އިޢުތިކާފަށް ތިބި ފަލަސްޠީނުގެ އެތައް ބަޔަކު ޙަރަންފުޅުން ބޭރަށްލައި އަޅުކަންކުރުމަށް ވަނީ ހުރަސްއަޅައިފައެވެ. ޤުދްސުގެ އައުޤާފާ ބެހޭ އިދާރާއިން ބުނާގޮތުގައި މި ޙަރަންފުޅަށް އިސްރާއީލު ސިފައިން އަރައިގަތުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ޒަޚަމުވިއެވެ. މި އޮފީހުން ބުނިގޮތުގައި އިސްރާއީލުން ފުރަތަމަ އެހީދޭ ޓީމުތަކަށް އެތަނަށް ވަނުން މަނާކުރިއެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި ޒަޚަމުވެފައިވާ މީހުންނަށް އެހީވުމަށް ދިޔަ އެ ޖަމްޢިއްޔާގެ މީހުންނަށް ވެސް އިސްރާއީލު ސިފައިން ހުރަސްއެޅިއެވެ.ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި މިއަދުގެ ޙަމަލާތަކުގެ ސަބަބުން 331 މީހަކު ޒަޚަމުވިއެވެ. މީގެތެރެއިން 80 މީހަކު ތަފާތު ހަސްފަތާލުތަކަށް ގެންދެވުނެވެ. ހަތް މީހެއްގެ ހާލު ބޮޑެވެ. އަނެއްބައި މީހުންނަށް ފަރުވާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ފަރުވާ ދެވުނީ މަގުމަތީގައެވެ. އިސްރާއީލު ފުލުހުންގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޒަޚަމުވި މީހުންގެތެރޭގައި ކުޑަކުދީންނާއި އަންހެނުންވެސް ވެއެވެ. މި ޚަބަރުތައް ފެތުރުމަށް އެ ހިސާބަށް ދިޔަ ބައެއް ނޫސްވެރީން ވެސް ޒަޚަމުވިއެވެ. އެމީހުން ސިފަކުރިގޮތުގައި އިސްރާއީލު ފުލުހުން ކަރުނަ ގޭސް އޮއްސާފައިވަނީ ވިލާގަނޑަކުން ބޯކޮށް ވާރޭވެހޭފަދަ ގޮތަކަށެވެ.

ޝައިޚު ޖައްރާޙު އަވަށުގެ ޙަޤީޤަތް
ޤުދްސުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީން މި ރަމަޟާން މަސް ފެށުމާއެކު އަޤްޞާ މިސްކިތަށް ވަދެ ފަލަސްޠީނު މީހުންނަށް އުދަނގޫ ކުރުމުގެ ޙަރަކާތްތަކެއް ވަނީ ފަށައިފައެވެ. އިސްރާއީލު ފުލުހުން އިއްޔެ ބުނިގޮތުގައި ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތަށް ވަނުން މަނާކުރެވޭނެއެވެ. ނަމަވެސް ފަލަސްޠީނުގެ ޒުވާނުން އިސްރާއީލު ފުލުހުންނަށް އިތުބާރު ނުކޮށް އަޤްޞާ މިސްކިތުން ނުފައިބާ ރޭ އެ މިސްކިތުގައި ތިބީއެވެ. ޔަހޫދީ ވަޒަންވެރީން ވަނީ "ޢިބްރީ ޤުދުސް ދުވަސް" ފާހަގަ ކުރުމަށް ޓަކައި ރަމަޟާންމަހުގެ 28 ވަނަ ދުވަހު މި ޙަރަންފުޅަށް ވަދެގަންނާނެކަން އިޢުލާން ކޮށްފައެވެ. މި ދުވަހަކީ 1967ގައި އިސްރާއީލުން އިރުމަތީ ޤުދުސް ހިފި ދުވަހެވެ. އިސްރާއީލު އުފެދުނީއްސުރެ ޔަހޫދީން ދަނީ މި ސަހަރުގެ އިސްލާމީ މަލަތައް ނައްތާލައި ރަށުގެ މަލަތައް ޔަހޫދީވަންތަ ކުރަމުންނެވެ. އިސްރާއީލު ބުނާގޮތުގައި ހުޅަނގު ޤުދްސާއި އިރުމަތީ ޤުދްސަކީ އެމީހުންގެ ދާއިމީ ވެރިރަށެވެ.
އިރުމަތީ ޤުދުސަކީ އުރްދުނުގެ ބެލުމުގެ ދަށުގައި އޮންނަ ޤުދްސް ސަހަރުގެ ބޮޑު ބައެވެ. ޝައިޚު ޖައްރާޙު އަވަށުގައި ދިރިއުޅޭ ފަލަސްޠީނު މީހުން އެ އަވަށް ޤާއިމު ކުރީ 1948ގައި އެމީހުންގެ ބިމުން ބޭރުކޮށްލެވުމުން އުރްދުނުން 1956ގައި އެމީހުންނަށް އެ ތާނގައި ވަޒަންވެރިވުމުގެ ހުއްދަ ދިނުމުންނެވެ.
އުރްދުނުން އިސްރާއީލު ސަފީރުގެ ޤާއިމު މަޤާމު ޙާޒިރުކުރުވި
އިސްރާއީލުން އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި ފަލަސްޠީނުމީހުން އެ މިސްކިތުން ބޭރަށް ނެރުނު މަސްއަލައިގައި އުރްދުންގައި ހުންނަވާ އިސްރާއީލު ސަފީރުގެ ޤާއިމު މަޤާމު އުރްދުންގެ ޚާރިޖިއްޔާއަށް އިއްޔެ ޙާޒިރު ކުރިއެވެ. އިސްރާއީލުގެ މި "ޖަނަވާރީ ޙަމަލާތައް" ހުއްޓައިލުމަށް އުރްދުނުން އިސްރާއީލަށް ގޮވައިލިއެވެ. އަދި އިސްރާއީލުގެ ޢަމަލުތައް ކުށްވެރި ކުރިއެވެ.
އުރްދުންގެ ޚާރިޖިއްޔާގެ އަމީން ޢާއްމު ސަފީރު ޔޫސުފުލް ބަޠާޔިނާ އިސްރާއީލުގެ ޤާއިމު މަޤާމު ޙާޒިރުކުރުވާ ރަސްމީ އިޙްތިޖާޖެއް އޭނާއާ ޙަވާލު ކުރެއްވިއެވެ. މި އިޙްތިޖާޖު ބުނާގޮތުގައި ބަރަކާތްތެރި އަލްމަސްޖިދުލްއަޤްޞާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލުތަކެކެވެ. އެއީ އެ ޙަރަންފުޅުގެ ތާރީޚީ އަދި ޤާނޫނީ ޙާލަތުގެ ޙުރްމަތް ކެނޑުމެކެވެ.އުރްދުންގެ ބަޔާން ބުނިގޮތުގައި 144 ހާސް އަކަ މީޓަރުގެ ބިމުގައި ޤާއިމު ކުރެވިފައިވާ މި ޙަރަންފުޅަކީ މުސްލިމުންނަށް ޚާއްޞަ ތަނެކެވެ. މި ތަން ބެލެހެއްޓުމުގެ އެންމެހާ ބާރުތައް ލިބިފައި ވަނީ ޤުދުސާއި އަޤްޞާ މިސްކިތުގެ އައުޤާފާ ބެހޭ އުރްދުންގެ އިދާރާއަށެވެ. އިސްރާއީލުން ޤުދުސާމެދު ޢަމަލު ކުރަން ޖެހޭނީ ހިފާފައިވާ އެހެން ބައެއްގެ ބިންބިމާ މެދު ޢަމަލު ކުރަން ޖެހޭގޮތަށެވެ. މި ގޮތަށް އުރްދުނުން އިސްރާއީލު ކުށްވެރިކުރަމުން ދަނިކޮށް އިސްރާއީލުން މިއަދު ވަނީ އަޤްޞާ ޙަރަންފުޅުގެ ހުރިހާ ދޮރުކޮޅުތަކެއްގެ ތަޅުތަނޑިތަކެއް ދޮރުވާނުން އަތުން އަތުލައިފައެވެ.

ޢަރަބި ލީގުގެ ކުއްލި ބައްދަލުވުމެއް
ޤަޠަރުގެ އެދުމުގެ މަތިން ޢަރަބި ލީގުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ހިފާފައިވާ ޤުދުސް ސަހަރުގެ މަސްއަލައާ އިސްރާއީލުން އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑަމުންދާ ދިޔުމާ ބެހޭގޮތުންނެވެ.



advertisment