ހާދަ މަތިވެރި މައްސަރެއްގައި އަންނަ ބަރަކާތްތެރި ރެޔެއް
ހާހަކުން ގުނިގެން ސަވާބާ ދަރުމަޔާ ދެއްވާ ރެޔެއް
ލައިލަތުލްގަދްރުގެ ނަމުން ޤުރްއާނު ގައި ސާބިތު ވެގެން
ސޫރަތުލްގަދްރުން މޮޅަށް ތަފްޞީލު އެނގިގެން ވާރެޔެއް
ރޯދަމަހު ފަހު ދިހަ ތެރެއިން އޮނަހިރި ރެޔެއް ކަމުގައި ވިޔަސް،
ހޯދުމަށް ކަނޑައެޅި އެނގެން ގުރުއާނުގައިވެސް ނެތް ރެޔެއް
ސިއްރު ދެނެވޮޑިގެންވަނީ ﷲ ޖައްލަ ޖަލާލް
ހިތްތަކުން ޤްރުބާންވުމަށް ތަޤްވާގެ މަގުގައި އޮތް ރެޔެއް
ފަޖުރު ލައްޖައުމާއި ހަމަޔަށް މާތްވި ޖިބްރީލް އަމީން
އަރިހުގައި އެތަކެއް މަލާއިކަތުން އެކީގައި ވާރެޔެއް
އުޑުތަކުން އެތަކެއް މަލާއިކަތުން ބިމަށް ފައިބަންނަވައި
މުއުމިނުންނަށް ހެޔޮ ދުޢާކޮށް ދެއްވަވާ މަތިވެރި ރެޔެއް
ރަޙްމަތާ ބަރަކާތް އަދައިގެން އަޅުކަމެއް ކުޅަނަމަ އެރޭ
އަޅުތަކުން ކުޅަ އަޅުކަމަށް ހާހުން ދަރުމަ ދެއްވާ ރެޔެއް
ފާފަ ފުއްސެވުމަށް އެރޭ ކުރެވޭ ދުޢާ ރޫޙީގޮތުން
މައްސަރުން އެއްހާސްމަހާ އެއްވަރު ސަވާބު ލިބޭ ރެޔެއް
މުއުމިނުންގެ ދުޢާތަކާ ތަސްބީހަ ތަހުލީލުގެ ތެރެއިން
މުއުމިނުންނާ އެކު މަލާއިކަތުން އެކީގައިވާ ރެޔެއް
ފުރްޞަތެއްމީ އަހަރަކުން އެއްފަހަރު ރަމަޟާންމަހު ލިބޭ
ގުދްރަތުގެ ރަހުމަތް އަދައިގެން ސަޖިދަކުރުމަށް މޮޅު ރެޔެއް
ދޫނުކޮށް އަޅުކަންކުރޭ ރަމަޟާންމަހުގެ ފަހު ދިހަތެރޭ،
ދޫނުކޮށްލާށޭ ދިމާވާނޭ އެއިން ހަމަ އެއް ރެޔެއް
