Support Us

ރަމަޟާންމަހުގައި ޝައިޠާނާ ކަސްތޮޅުއެޅުވެނީ ކިހިނެއް

ރަމަޟާންމަސް އެހެނިހެން މައްސަރުތަކަށްވުރެ މާތްވެގެންވާ ސަބަބުތަކުގެ ތެރޭގައި އެމަހުގައި ޝައިޠާނާ ކަސްތޮޅު އެޅުއްވުން ހިމެނެއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. [إِذَا اسْتَهَلَّ رَمَضَانُ غُلِّقَتْ أَبْوَابُ النَّارِ وَفُتِّحَتْ أَبْوَابُ الْجَنَّةِ وَصُفِّدَتْ الشَّيَاطِينُ [1] – ރަމަޟާންމަހަށް ހަނދުބަލައިފިނަމަ ނަރަކައިގެ ދޮރުތައް ބަންދުކުރެވި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވި ޝައިޠާނުން ކަސްތޮޅުއެޅުވިދާނެއެވެ.] މިކަންތައްތައް ކުރެވޭގޮތް ދެނެވޮޑިގަންނަވާ ހަމައެކަނި ފަރާތަކީ ﷲއެވެ. ޝައިޠާނާ ކަސްތޮޅުއެޅުވެނީ، ނުވަތަ ހައްޔަރުކުރެވެނީ ކިހިނެއްކަމެއް ނޭނގެއެވެ. މިއީ އަޅުގަނޑުމެން މިކިޔާ ކަހަލަ ހިލިހިލާތަކަކުން އެ އެއްޗެހިތައް ހައްޔަރުކުރުމެއް ނޫނެވެ. އަޅުގަނޑުމެން މިދަންނަ ފަދަ ބިޑިތަކަކުން އެ އެއްޗެހިތައް ބަންދުކުރާ ވާހަކައެއްނޫނެވެ. މާތްﷲގެ އަމުރުފުޅަށް މިކަންތައްތައް ކުރައްވާނީ ﷲގެ ޚާއްޞަ މަލާއިކަތުންތަކެކެވެ. މިކަމުގެ ބޭނުމަކީ ޝައިޠާނާގެ ވަސްވާސްތަކުންނާއި މަގުފުރެއްދުންތަކުން މުއުމިނުން ދުރުހެލިކުރެއްވުމެވެ. އެއީ މާތްﷲ އަންގަވާފައިވާ ފަދައިން މަތިވެރި އަޚްލާޤެއްގެ މަތީގައި ރޯދަހިފުމަށް ޓަކައެވެ. ނުވަތަ ރޯދަހިފުމަށް ވާގިދެއްވުމަށް ޓަކައެވެ.

ރަމަޟާންމަހުގައި ޝައިޠާނުންނާއި ޖިންނިން ކަސްތޮޅު އެޅުވޭނެ ވާހަކަ ބުނުމުން ބައެއް މީހުންގެ ހިތަށްއަރާ ސުވާލެއްވެއެވެ. ރަމަޟާންމަހު ޝައިޠާނުން ކަސްތޮޅު އެޅުވިފައިވާއިރު އިންސާނުން ނުބައި ޢަމަލުތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އިންސާނުން ﷲއަށް އުރެދެނީ ކީއްވެގެން ހެއްޔެވެ؟

މިއީ ޙައިރާންވަނިވި ސުވާލެކެވެ. އިންސާނާގެ ކިބައިން ފާޅުވާ ހުރިހާ އުރެދުންތަކަކީ ޝައިޠާނާގެ ސަބަބުން ފާޅުވާ ކަންތައްތަކެއް ނޫނެވެ. އެހެނަސް އެއީ އޭނާގެ އަމިއްލަ ނަފްސުގެ ތެރެއިން އަންނަ ކަންތައްތަކެކެވެ. ޝައިޠާނާގެ ވަސްވާހަކީ ބޭރުން އަންނަ ނުސީދާ ކަންތައްތަކެކެވެ. އުރެދުންތަކަށް އަރައިގަތުމަށް އިންސާނާގެ ހަވާނަފްސު ގޮވައިނުލާނަމަ ޝައިޠާނާގެ ގޮވައިލުންތަކުން އެއްވެސް އަސަރެއް އޭނާއަކަށް ނުފޯރާނެއެވެ. ޝައިޠާނާ ވަސްވާސް ދިނަސް ނުދިނަސް އިންސާނާ ކުރާ އެންމެހާ ޢަމަލުތަކުގެ މަސްއޫލިއްޔަތު އޭނާއަށް ފުރިހަމައަށް އުފުއްލަން ޖެހޭނެއެވެ. އިންސާނަކު ބުނެގެން އިންސާނަކު ޤަވާޢިދާ ޚިލާފުކަމެއް ކޮށްފިނަމަ އޭނާ ކުށްވެރިއެއް ނުވޭތޯއެވެ؟

ރަމަޟާންމަހު ޝައިޠާނާ ކަސްތޮޅު އެޅުއްވުމުން އިންސާނާއަށް އެއް ހުރަސް ކަޑައްތު ކުރެވުނީއެވެ. އެކަމަކު އޭނާގެ ހަށިގަނޑު ތެރޭގައި އަދި އެތައް ހުރަސްތަކެއް އެބަހުށްޓެވެ. ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުއްވުމަކީ ހެޔޮކަންތައްތައް ކުރުމަށް މުއުމިނުންނަށް ދެއްވާ އިތުރު އެހީއެކެވެ. ޝައިޠާނާގެ ވަސްވާހަކީ އިންސާނާއަށް އޭނާ ކުރަން އުޅޭކަންތައްތައް ރީތިކޮށް ދެއްކުމަށް އެހީވެދޭ ކަމެކެވެ.

ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އެގޭގޮތުގައި އިންސާނާގެ ޢަޒްމުގެ މައްޗަށް ޝައިޠާނާއަށް ވެރިވެގަނެވޭނީ އޭނާގެ އަމިއްލަ ނަފްސުގެ ލަގަން ޝައިޠާނާއާ ޙަވާލު ކުރީމައެވެ.

މާތްﷲ ޝައިޠާނާ ލައްވާފައިވަނީ އިންސާނާގެ ތިލަފަތުގެ ދެބައި ހަމަހަމަކޮށް ލެހެއްޓެވުމަށްޓަކައެވެ. މާތްﷲ އޭނާގެ ގައިގައި ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ކުރުމުގެ ބާރު ވަނީ ލައްވައިފައެވެ.

ރޯދަވެރިޔާ ރޯދައަށް ހުންނައިރު އޭނާގެ ހަށިގަނޑުގެ އެތެރެއިންނާއި އޭނާގެ އަޚު ރޯދަވެރިންނާއި މުޖްތަމަޢުން ރޫޙާނީ ޖައްވެއް ތަނަވަސްވެގެން ދެއެވެ. މިކަމުގެ ސަބަބުން އޭނާގެ ދިފާޢީ ބާރުތައް ގަދަވެއެވެ. މިކަމުގެ ސަބަބުން ޝައިޠާނާއަށް އެ މުޖްތަމަޢުގައި ޙަރަކާތްތެރިވުމަށް ދަތިވެއެވެ. ޝައިޠާނާ ހުރަގެއެއްގައި ބަންދުކުރެވިފައިވާ ފަދައެވެ.

އެހެނަސް މި އިންސާނާ ރޯދަހިފާ މީހެއް ކަމުގައި ނުވާނަމަ ނުވަތަ އޭނާ އުޅެނީ ރަމަޟާން މަހުގައި ނޫންނަމަ މި ޖައްވު އޭނާއަށް ތަނަވަސްވެގެން ނުދާނެއެވެ. އޭނާގެ ޝައިޠާނާ އެހިނދު އުޅޭނީ މިނިވަން ޙާލެއްގައެވެ. އެހެންކަމުން ޝައިޠާނާ ކަސްތޮޅު އެޅުވޭ މިންވަރު ނިސްބަތުން ތަފާތު ވެގެންދާނެއެވެ. އެމީހެއްގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން އޮތް މިންވަރަކުންނެވެ.

މިހެންވެ، ކާފިރުންނާއި މުޝްރިކުންނާއި މުޖްރިމުންނާއި ފާސިޤުންނާއި އިސްރާފުވެރިންގެ ޝައިޠާނުން ރަމަޟާން މަހުގައިވެސް ވަސްވާސް ދިނުމުގައި ޙަރަކާތްތެރި ވާނެއެވެ. އެއީ ކަސްތޮޅުއެޅުވޭ މީހުންގެ ތެރޭގައިވާ ބައެއް ނޫނެވެ. ބަދްރު ހަނގުރާމައިގެ ދުވަހު ޝައިޠާނާ މުޝްރިކުންނާ އެކުގައިވިއެވެ. މުޝްރިކުންގެ ޢަމަލުތައް ޒީނަތްތެރިކޮށްދީ ވަސްވާސް ދިނުމުގައެވެ. ބަދްރު ހަނގުރާމަ ހިނގައިފާވަނީ ރަމަޟާން މަހެއްގައި ނޫންތޯއެވެ؟

 

[1] – رواه أحمد

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *