Support Us

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

ދައުލަތާއި އަމިއްލަ ހުރިހާ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގަވައިފި

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭ ސަރަހައްދުގައި ހުރި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ސަރުކާރުން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި ގަރާރެއްގައި ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި އަޅާންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮންމެހެން އޮފީހަށް ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ފިޔަވައި ހުރިހާ ކަމެއް އޮންލައިންކޮށް ބޭއްވުމަށް އަންގަވާ ކަމަށެވެ.

"…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2021 މޭ 7 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ޞަރަޙައްދު (މާލެއާއި ހުޅުމާލެ އާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން އޮފީހަށް ހާޒިރުވެގެން (ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ފިޔަވައި) މަސައްކަތްކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް އަހުރެން އަންގަމެވެ."

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ވަނީ 703 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 526 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 167 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 3، ރިސޯޓުތަކުގައި 7 މީހުން އެބަތިއްބެވެ.

އިއްޔެގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 33،368 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،675 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،607 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 203 މީހަކަށް ފަރުވާދެމުން އަންނައިރު 77 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

އިއްޔެ ވަނީ ފަސް މީހުން ކޮވިޑްގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް