Support Us

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާ ފެޑެރަލް ޕޮލިސްގެ ޓީމެއް ރާއްޖެ އަންނަނީ

ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ބާރުގަދަ އެއްޗެއް ގޮއްވާލައިގެން، ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ޓީމެއް އަންނަ ހޮނިހިރުގައި ރާއްޖެ އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި އިންނަވައިގެން، ޓީވީ މެދުވެރިކުރައްވައި ދަންވަރު 2.45 ގައި ރައީސް ސޯލިހު ވިދާޅުވީ ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ރޭ ދިން ހަމަލާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމައި، މިކަމުގައި ޝަމިލްވާ އެންމެހައި ފަރާތްތައް އަދުލްއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އަންގަވައިފައިވާ ކަމަށެވެ. އަދި މި ހަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރުން އެކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމުގައި ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މި އަންނަނީ ހޯދަމުން. މިގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި."

ރައީސް ސޯލިހު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިގްތިސޯދަށް ވެސް ދިން ހަމަލާއެއް ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިގްތިސޯދަށް ވެސް ދިން ހަމަލާއެއް. މިފަދަ އަމަލްތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ. "އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތްﷲ ގެ ވާގިފުޅާއެކު، ފަސްޖެހުމެއްނެތި އަޅަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން."

ރައީސް ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

"ރައީސް ނަޝީދަށް ދީފައިވާ މި ހަމަލާގައި އެ މަނިކުފާނުގެ ހަށިކޮޅަށް އެކި ވަރުގެ ޒަޚަމްތައް ވަނީ ލިބިފައި. މި ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭ.ޑީ.ކޭ ހޮސްޕިޓަލަށް އެމަނިކުފާނު ގެންދެވި، މިހާރު އަންނަނީ ފަރުވާ ދެމުން. އަޅުގަނޑަށް ޑޮކްޓަރުން އެންމެ ފަހުން މައުލޫމާތު ދެއްވި ގޮތުގައި، އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް ފަރުވާ ދިނުމަށްޓަކައި އިތުރު އޮޕަރޭޝަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. މި ހަމަލާގައި އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް އަވަސް ޝިފާއަކަށް އެދި މާތްﷲގެ ހަޒުރަތުގައި ދުއާ ދަންނަވަން. އަދި މި ހަމަލާގައި ޒަޚަމްވި އެންމެހައި ފަރާތްތަކަށް މާތްﷲ އަވަސް ޝިފާ މިންވަރުކުރެއްވުން އެދި ދުއާކުރަން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް