ކޮވިޑް19 އެންމެ ބޮޑަށް ފެތުރިފައިވާ ރަށްތައް ކަމަށްވާ ޅ. ނައިފަރާއި ކ. މާފުށްޓާއި އއ. މަތިވެރިއާއި އއ. އުކުޅަހާއި ބ. އޭދަފުށީގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި ގަރާރެއްގައި ވަނީ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމަށާއި ޕާޓީތަކާއި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށެވެ.
"…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2021 މޭ 7 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ޅ. ނައިފަރާއި ކ. މާފުށްޓާއި އއ. މަތިވެރި އާއި އއ. އުކުޅަހާއި ބ. އޭދަފުށީގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަހުރެން އަންގަމެވެ.
1. ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
2. ޕާޓީތަކާއި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
3. ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.
4. އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
5. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
6. ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުން.
7. ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ޚިދުމަތް ދިނުން.
8. ހޮޓާތަކާއި، ކެފޭ ތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ."
ކޮވިޑް ޖެހިގެން ނައިފަރުގައި އިއްޔެ ވަނީ ދެ މީހަކު މަރުވެފައެވެ. އަދި އއ. ރަސްދޫގައި ހުރި އިންޑިއާގެ ޓޫރިސްޓަކު ވެސް އިއްޔެ ވަނީ ކޮވިޑްގައި މަރުވެފައެވެ. އޭގެ އިތުރުން މާލޭގައި ވެސް ދެ މީހަކު އިއްޔެ ވަނީ ކޮވިޑްގައި މަރުވެފައެވެ.



advertisment