މުސްލިމު އަންހެނުންނަކީ ރަމަޟާން މަހުގައި އެމީހުންގެ އަޅުވެރިކަމުގައްޔާއި ސުލޫކުގައްޔާއި ގެވެހިކަމުގައި ވަރަށް ޚާއްޞަ ބައެކެވެ. ސަވާބާއި ދަރުމަ ދެއްވުމުގައި މާތް ﷲ ތަޢާލާ އަންހެނުންނާއި ފިރިހެނުން ތަފާތެއް ނުކުރައްވައެވެ. މިންތިއަކަށް ނުބައްލަވައެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا [1]– ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.)) މާތް ﷲ ގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا [2]– (އެއީ) إسلام ވެގެންވާ، إيمان ވެގެންވާ، ކިޔަމަންވާ، توبة ވާ، އަޅުވެރި، ރޯދަހިފާ، ބިކުރުވެރިނޫން އަނބިންނާއި، ބިކުރުވެރި އަނބިންނެވެ.))
ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައިވާ ޙަފްޞަތުގެފާނު ވަރިކުރެއްވުމުން އެކަމަނާ ރުޖޫޢަ ކުރެއްވުމަށް މާތް ﷲ ކީރިތި ރަސޫލާ ﷺ އަށް އަމުރު ކުރެއްވިއެވެ. އެއީ ތިން ސަބަބަކަށް ޓަކައެވެ. އެކަމަނާއަކީ ގިނަގިނައިން ރޯދަފުޅު ހިއްޕަވާ ބޭކަނބަލަކަށް ވާތީއެވެ. އެކަމަނާއަކީ ގިނަގިނައިން ރޭ އަޅުކަން ކުރައްވާ ބޭކަނބަލަކަށް ވާތީއެވެ. އެކަމަނާ ސުވަރުގޭގައި އެކަލޭގެފާނުގެ އަނބިކަނބަލަކަށް ވާނެތީއެވެ. ރަމަޟާން މަހުގައި ރޯދަހިފުމާއި ރޭ އަޅުކަން ވެއެވެ. މާތްﷲ އެކަމަނާއަށް މި ދެއްވި މަތިވެރި ޝަރަފުގެ ސަބަބަކީ ރޯދަފުޅު ހިއްޕެވުމާއި ރޭއަޅުކަން ކުރެއްވުމެވެ. މާތްﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. ((ޙަފްޞަތުގެފާނު ކީރިތިކުރައްވަން އިންނަވަނިކޮށް ޢުމަރުގެފާނު އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ ތިބާ ތިޔަ ރޮނީ ކީއްވެގެންހެއްޔެވެ؟ ރަސޫލުﷲގެފާނު ތިބާ ވަރި ކުރެއްވީ ހެއްޔެވެ؟ އަހުރެންނަށް ޓަކައި ތިބާ ރުޖޫޢަކޮށްދެއްވުމަށް އަހުރެން ރަސޫލާއަށް ދަންނަވާނަމެވެ. އެހެނަސް އެކަލޭގެފާނު ތިބާ ދެވަނަފަހަރަށް ވަރިކުރައްވައިފިނަމަ އަހުރެން ދުވަހަކު ވެސް ތިބާއަކާ ވާހަކައެއް ނުދައްކާނަމެވެ.)) މާތްﷲ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((لمّا طلَّقَ النَّبيُّ ﷺ حفصةَ أتاهُ جِبريلُ عليه السَّلامُ فقالَ راجِعْ حفصةَ ؛ فإنَّها صوّامةٌ قوّامَةٌ ؛ وإنَّها زوجتُكَ في الجنَّةِ [3]– ކީރިތި ރަސޫލާ ﷺ ޙަފްޞަތުގެފާނު ވަރިކުރެއްވުމުން އެ ކަލޭގެފާނުގެ އަރިހަށް ޖިބްރީލުފެފާނު ވަޑައިގެން ދެންނެވިއެވެ. ޙަފްޞަތުގެފާނު ރުޖޫޢަ ކުރައްވާށެވެ! ފަހެ ހަމަކަށަވަރުން އެކަމަނާއަކީ ގިނަގިނައިން ރޯދަފުޅު ހިއްޕަވާ ގިނަގިނައިން ރޭ އަޅުކަން ކުރައްވާ ބޭކަނބަލެކެވެ. އަދި އެކަމަނާއަކީ ސުވަރުގޭގައި ކަލޭގެފާނުގެ އަނބިކަނބަލެކެވެ.))
މުސްލިމު އަންހެނާއަކީ ރަމަޟާން މަހުގައި ވެސް އޭނާގެ ވެރިރަސްކަލާނގެ އަދާކުރަން އަންގަވާފައިވާ ވާޖިބުތައް އަދާކުރާ މީހެކެވެ. އޭނާ ދުވާލު ރޯދަ ހިފައި ރޭގަނޑު ދަމުނަމާދު ކުރެއެވެ. ތަރާވީޙުނަމާދާއި ޤިޔާމު ކުރެއެވެ. ހަމައެފަދައިން އޭނާ އޭނާގެ ފިރިމީހާގެ ޙައްޤުތައް ވެސް ފުރިހަމައަށް އަދާކުރެއެވެ. މިއިން އެއްވެސް ކަމެއްގައި ރޯދަ ބަހަނާއަކަށް ހަދައިގެން ފަރުވާކުޑަ ނުކުރެއެވެ. އޭނާ ރޯދައިން ތަޤްވާވެރިކަމާއި ކެތްތެރިކަމާއި ބުރަ ތަޙައްމުލުކުރަން އުނގެނެއެވެ.
ޢަލީގެފާނުގެ ދަރިކަލުން ޙަސަނުގެފާނުގެ ދަރިކަލުން އަލްޙަސަން ބިން ޒައިދުގެ ދަރިކަނބަލުން އައްސައްޔިދާ ނަފީސާއަކީ ޞާލިޙު އަޅުވެރި ބޭކަނބަލެކެވެ. އެކަމަނާއަކީ އަޅުވެރި، ޒާހިދު ވަރަށް ދީލަތި ބޭކަނބަލެކެވެ. އެކަމަނާ އަވަހާރަވީ ރޯދަފުޅަށް އިންނަވަނިކޮށްނެވެ. އެކަމަނާގެ ޙާލުކޮޅު ބޮޑުވެގެން މީސްތަކުން އެކަމަނާއަށް ރޯދަފުޅު ވީއްލެވުމަށް ދެންނެވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ. ((ހުރި އަޖައިބެއްގެ ބޮޑުކަމާއެވެ! އަހުރެން ރޯދަހިފާތާ 30 އަހަރުވެއްޖެއެވެ. އަހުރެން ﷲއަށް ދަންނަވަމުން މި ދަނީ ރޯދައަށް ހުއްޓާ އެކަލާނގެއާ ބައްދަލުކޮށް ދެއްވުމަށެވެ. ރޯދަ ވީއްލަންވީ ހެއްޔެވެ؟ ތިޔަކަމެއް ނުކުރެވޭނެއެވެ.)) އެކަމަނާ ދުނިޔެ ދޫކުރެއްވިއިރު އޮންނެވީ ކިޔަވާ ވިދާޅުވާށެވެ. އެކަމަނާއަށް އެންމެ ފަހުން ވިދާޅުވެވުނު އާޔަތަކީ: قُل لِّمَن مَّا فِي السَّمَاوَاتِ وَالْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ [4]– ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާ ތަކެތި މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށެވެ. އެކަލާނގެ އަމިއްލަ ذات ފުޅުގެ މައްޗަށް رحمة ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް رحمة ވަންތަވެވޮޑިގަތުމަކީ އެކަލާނގެ ذات ފުޅަށް އެކަލާނގެ ލާޒިމުކުރައްވާފައިވާ ކަމެކެވެ.))
މުސްލިމު އަންހެނާއަކީ ޢަޒީޒުވަންތަ ޣައްފާރުވަންތަ ރަސްކަލާނގެއަށް ޙައްޤުގޮތުގައި ރޯދާހިފާ މީހަކަށް ވާތީ އޭނާ ބޭކާރު ވާހަކަތަކާ ދުރުހެލިވާނެއެވެ. އޭނާއަކީ ނެތިމޮށުމާއި ދެބައޮޑުވުންފަދަ ދުލުގެ ރޯގާތަކާ ދުރުހެލިވެގެންވާ މީހެކެވެ. އޭނާއަކީ ޓްވީޓުތަކުންނާއި ވައިބަރުފަދަ މީސްމީޑިޔާތަކުގައި ޔޯލަ ވާހަކަތައް ދައްކާ މެސެޖް ކުރާނެ މީހެއްނޫނެވެ. ކީރިތި ރަސޫލާ ﷺ ވަނީ ދޫ ރައްކައުތެރިކުރުމަށް ރޯދަވެރިޔާއަށް އަންގަވައިފައެވެ. މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި މީހަކު ރަސޫލާއަށް ދެންނެވިއެވެ. ((يا رَسولَ اللهِ، إنَّ فُلانةَ يُذكَرُ مِن كَثرةِ صَلاتِها وصَدقَتِها وصيامِها، غيرَ أنَّها تُؤذي جيرانَها بِلِسانِها؟ قال: هيَ في النّارِ، قال: يا رَسولَ اللهِ، فإنَّ فُلانةَ يُذكَرُ مِن قِلَّةِ صيامِها وصَدقَتِها وصَلاتِها، وإنَّها تَتَصدَّقُ بالأَثوارِ مِن الأَقِطِ، وَلا تُؤذي جيرانَها بِلسانِها؟ قال: هيَ في الجنَّةِ [5] -އޭ ﷲގެ ރަސޫލާއޭވެ! މިވެނި އަންހެނެއްގެ ނަމާދާއި ޞަދަޤާތާއި ރޯދަތައް ވަރަށް ގިނަ ކަމަށް ބުނެވެއެވެ. އެހެނަސް އޭނާއަކީ އޭނާގެ ދުލުން އަވަށްޓެރީންނަށް ގޯނާކުރާ މީހެކެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. އޭނާ ވާނީ ނަރަކައިގައެވެ. ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! މިވެނި އަންހެނެއްގެ ރޯދަތަކާއި ޞަދަޤާތްތަކާއި ނަމާދުތައް ވަރަށް މަދު ކަމަށް ބުނެވެއެވެ.އޭނާ ޞަދަޤާތްކޮށް އުޅެނީ ކުދިކުދި ޗީޒުކޮޅުކޮޅުންނެވެ. އެހެނަސް އޭނާ އޭނާގެ ދުލުން އޭނާގެ އަވަށްޓެރީންނަށް ގޯނާއެއް ނުކުރެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެކަނބުލޭގެ ވާނީ ސުވަރުގޭގައެވެ.))
މުސްލިމު އަންހެނާއަކީ ނަމާދުތައް އޭގެ ވަގުތުގައި އަދާކުރާ މީހެކެވެ. އޭނާއަށް ކުޅަދާނަކަން ލިބިގެންވާ ޙާލަތްތަކުގައި އޭނާ މިސްކިތަށް ދާނެއެވެ. އަދި އޭނާއާއެކު އޭނާގެ ދަރީން ވެސް މިސްކިތަށް ގެންދާނެއެވެ. އެއީ އެ ކުދީންނަށް އެކަމަށް ތަމްރީނު ދިނުމަށް ޓަކައެވެ. މާތްﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لا تَمْنَعُوا إماءَ اللهِ مَساجِدَ اللَّهِ [6]– ތިޔަބައިމީހުން ﷲގެ އަޅު އަންހެނުން ﷲގެ މިސްކިތްތަކަށް ދިޔުން މަނާ ނުކުރާށެވެ!))
މުސްލިމު އަންހެނުންނަކީ ރޭއަޅުކަންކުރާ ﷲއަށް އަޅުވެރި ބައެކެވެ. އެމީހުން އެމީހުންގެ ފިރިންނަށާއި ދަރީންނަށް ދަމުނަމާދު ކުރުމަށާއި ރޭއަޅުކަން ކުރުމަށް ވާގިވެރިވެއެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((رحم اللهُ رجلًا قام من الليلِ فصلَّى وأيقظ امرأتَه فإن أبَتْ نضح في وجهِها الماءَ رحم الله امرأة قامت من الليل فصلت وأيقظت زوجها فإن أبى نضحت في وجهه الماءَ [7]– ރޭގަނޑު ތެދުވެ ނަމާދުކޮށް އޭނާގެ އަނބިމީހާ ނަމާދަށް ޓަކައި ނިދިންނެގި ފިރިހެނާއަށް ﷲ ރަޙްމަތް ލައްވާށިއެވެ. އެ އަންހެނާ ތެދުވުމަށް ދެކޮޅުހަދައިފިނަމަ އޭނާގެ މޫނަށް ފެންޖަހައިގެން ވިޔަސް ނަންގުވާށެވެ. ރޭގަނޑު ތެދުވެ ނަމާދުކޮށް އޭނާގެ ފިރިމީހާ ނަމާދަށް ޓަކައި ނިދިންނެގި އަންހެނާއަށް ﷲ ރަޙްމަތް ލައްވާށިއެވެ. އެ ފިރިހެނާ ތެދުވުމާ ދެކޮޅުހަދައިފިނަމަ އޭނާގެ މޫނަށް ފެންޖަހައިގެން ވިޔަސް ނަންގުވާށެވެ.))
ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް އިޙްޔާކުރެއްވުމަށް ރަސޫލާ ވަރަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރޭ އެ ރޭތަކުގެ ހިމެނޭ ކަމަށް ވެދާނެތީއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ((كان رسولُ اللهِ ﷺ إذا دخَل العَشْرُ الأواخرُ مِن رمضانَ أيقَظ أهلَه وشدَّ المِئزرَ وأحيا اللَّيلَ [8]– ރަމަޟާން މަހުގެ ފަހު ދިހައަށް އަޅައިފިނަމަ ކީރިތި ރަސޫލާ ﷺ ކަމަރުފުޅު ބާރުކުރައްވައި[9] ރޭތައް އަޅުކަމުން އިހްޔާ ކުރައްވައެވެ. އަދި އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ވެސް އަޅުކަން ކުރެއްވުމަށް ޓަކައި އަވަހާރަފުޅުން ނަންގަވައެވެ.)) ޢާއިޝަތުގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((ކީރިތި ރަސޫލާ ﷺ ރޭގަނޑު ނަމާދުފުޅު ކުރައްވައި ނިމިވަޑައިގަތުމުން ތިމަންކަމަނާއަށް ވިދާޅުވެއެވެ. ތެދުވެވަޑައިގެން ކަމަނާ ވިތުރި ކުރައްވާށެވެ!))[10]
މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު އެކަލޭގެފާނުގެ ރޭގަނޑު ތިން ބަޔަށް ބައްސަވައެވެ. އެކަލޭގެފާނަށް ބަޔަކާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ބަޔަކާއި އެކަލޭގެފާނުގެ މައިކަމަނާއަށް ބައެކެވެ.މަޝްހޫރު ތާބިޢީ ބޭކަލެއް ކަމުގައިވާ ޙަސަން ބިން ޞާލިޙު އެކަލޭގެފާނުގެ ރޭގަނޑު ބައްސަވާފައި ވަނީ އެކަލޭގެފާނުގެ މަންމާފުޅަށާއި އަޚު ޢަލީއަށާއި، އެކަލޭގެފާނަށެވެ. މަންމާފުޅު އަވަހާރަވުމުން ރޭގަނޑު ބެއްސެވީ އޭނާއަށާއި އެކަލޭގެފާނުގެ އަޚާއާ ދެމެދުގައެވެ. މި އަޚު އަވަހާރަވުމުން މުޅި ރޭގަނޑުގައި އަޅުކަން ކުރެއްވިއެވެ.
ރިޔާޙުލްޤައިސީ އަޅުވެރި އަންހެނަކާ ކާވެނި ބައްލަވައިގަތެވެ. އޭނާ ދުވާލު ފުށްގަނޑު މޮޑުއްވާތަން ފެނިވަޑައިގެން ވިދާޅުވިއެވެ. ތިބާއަށް އެހީވެދޭނެ އަޅު ޖާރިޔާއެއް ގެނެސްދޭން ހެއްޔެވެ؟ އެހިނދު އަނބިކަނބަލުން ވިދާޅުވިއެވެ. "އަހުރެން އިނީ ރިޔާޙާއެވެ. ހަރުކަށި ޖައްބާރަކާއެއް ނޫނެވެ. އަނބިކަނބަލުން އިމްތިޙާނު ކުރައްވަންވެގެން ރޭގަނޑު އަވަހާރަފުލައްޕަވައިގެންކަމަށް ހައްދަވައިގެން އޮންނެވިއެވެ. އަނބިކަނބަލުން ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި އަޅުކަން ކުރެއްވުމަށްފަހު ވަޑައިގެން ފިރިކަލުންނަށް ތެދުވެވަޑައިގަތުމަށް ދެންނެވިއެވެ. އެހިނދު "މި ތެދުވަނީއޭ" ތެދުވެ އަވަހާރަފުޅު ލެއްޕެވިއެވެ. އަނބިކަނބަލުން ތިންބައިކުޅަ ދެ ބައިގައި އަޅުކަން ކުރެއްވުމަށްފަހު ވަޑައިގެން ފިރިކަލުންނަށް ތެދުވެވަޑައިގަތުމަށް ދެންނެވިއެވެ. މި ތެދުވަނީއޭ ވިދާޅުވުމުން އަނބިކަނބަލުން ވިދާޅުވިއެވެ." އަހުރެންގެ ސަބަބުން ތިބާ ހެއްލުންތެރި ނުވާނެކަމަށް ހީކުރަމެވެ." [11]
ޞާލިޙު މަންމައެއް ކަމުގައިވާ ހުނައިދާއަކީ ރޭއަޅުކަން ކުރުމަށް ޓަކައި އޭނާގެ ފިރިކަލުންނާއި، ބޭފުޅުންނާއި އަޅުން ނިދިން ނެންގެވި ވަރަޢުވެރި އަޅުވެރިއެކެވެ. އޭނާ ވިދާޅުވިއެވެ. "ތިޔަބައިމީހުން ތެދުވެ ވުޟޫކޮށްގެން ނަމާދު ކުރާށެވެ. މި ކަމުން ތިޔަބައިމީހުންނަށް އުފާލިބޭނެއެވެ. މި ޞާލިޙު އަންހެނާ މަރުވުމުން އޭނާގެ ފިރިމީހާއަށް ހުވަފެނުގައި އަންހެނުން ފެނުނެވެ." އޭނާ ބުންޏެވެ. ((ސުވަރުގޭގައި މަށާ ކާވެނި ކުރަން އެދޭނަމަ އަހުރެން ޢަމަލު ކުރިގޮތަށް ތިބާވެސް ޢަމަލު ކުރާށެވެ. މި ފިރިހެނާ މަރުވަންދެން އަނބިމީހާ ބުނިގޮތަށް ޢަމަލު ކުރިއެވެ. މި ފިރިހެނާ މަރުވުމުން އޭނާގެ ދޮށީ ދަރި ހަމަ މި ގޮތަށް ޢަމަލު ކުރިއެވެ. މި ގޭގެ އަހްލުވެރީންނަށް އެ ހިސާބުގަނޑުގެ މީހުން ޤައްވާމީންނޭ (ރޭ އަޅުކަން ކުރުމުގައި ދެމިތިބޭ މީހުން) ކިޔާ އުޅުނެވެ.)) [12]
ޞާލިޙު މުސްލިމު އަންހެނާއަކީ ރަމަޟާންމަހުގައި އޭނާގެ ގެ އީމާންކަމުގެ ޤިބްލައަކަށް ހަދާ މީހެކެވެ. އޭނާގެ ގެ ޠާޢަތުގެ ފެންގަނޑަކަށް ހަދާ މީހެކެވެ. އޭނާ އޭނާގެ ދަރީންނަށް ރޯދަހިފުމަށް ހިތްވަރުދީ އެކަމަށް ތަމްރީނުދޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ ۗ وَبَشِّرِ الْمُؤْمِنِينَ[13]- އަދި ތިޔަބައިމީހުންގެ ގޭގެ، قبلة އަށް ބަހައްޓައި، ނަމާދު قائم ކުރާށެވެ! އަދި ކަލޭގެފާނު مؤمن ތަކުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر ދެއްވާށެވެ!))
މުސްލިމު އަންހެނާ އޭނާގެ ގޭގައި الله أكبر ގެ އަޑުއުފުލައި ތަސްބީޙައާއި ތަހްލީލުން އޭނާގެ ގެ ހިޔާވަހި ކުރާނެއެވެ. އަބޫ ޙާތިމު ވިދާޅުވިއެވެ. އަބޫ މުސްލިމުލް ޚައުލާނީ އަކީ ވަރަށް މާތް ތާބިޢީ ބޭކަލެކެވެ. ކައު ރަސޫލާ ސުވަރުގެ ވަޑައިގަތުމުން ރަސޫލުކަމަށް ދަޢުވާކުރި އަލްޢަންސީ ގާތަށް އެކަލޭގެފާނު ގެންދެވުނެވެ. އަލްޢަންސީ ބުންޏެވެ. މަށަކީ ﷲގެ ރަސޫލާކަމަށް ކަލޭ ހެކިވަން ހެއްޔެވެ. އެކަލޭގެފާނު ނޫނެކޭ ވިދާޅުވުމުން އަލްޢަންސީ ބުންޏެވެ. މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަން ކަލޭ ޤަބޫލު ކުރަންހެއްޔެވެ؟ އެކަލޭގެފާނު އާނއެކޭ ވިދާޅުވުމުން ރުޅިއައިސްގެން ބޮޑު އަލިފާންގަނޑެއް ރޯކޮށް އެއަށް އެއްލާލާނެ ކަމަށް ބުނެ އެކަލޭގެފާނަށް ބިރުދެއްކިއެވެ. މި އިންޒާރަށް ނުބައްލަވާ އޭނާއަކީ ރަސޫލެއްނޫނޭ ވިދާޅުވަމުން ގެންދެވިއެވެ. އެހިނދު އަލްޢަންސީ އެކަލޭގެފާނު އެ އަލިފާންގަނޑަށް އެއްލައިލިއެވެ. މި އަލިފާންގަނޑުން އެކަލޭގެފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަތް ތަން އަލްޢަންސީއަށް ފެނުމުން ވަރަށް ހާސްވެ ކަންބޮޑުވެ އެކަލޭގެފާނު ޔަމަނުން ބޭރުކޮށްލިއެވެ. އެކަލޭގެފާނު ވަޑައިގަތީ މަދީނާއަށެވެ. އެކަލޭގެފާނާ ބައްދަލުވެ ވަޑައިގަތީ ޢުމަރުގެފާނާއެވެ. ޢުމަރުގެފާނު އެއީ ކޮންރަށަކުން ވަޑައިގެންނެވި ބޭކަލެއްތޯ ސުވާލު ކުރެއްވިއެވެ. ޔަމަނުންނޭ ދެންނެވުމުން ޔަމަނުގައި އަލިފާނަށް އެއްލައިލެވުނު ޒުވާނާގެ ވާހަކައާ ބެހޭގޮތުން ޢުމަރުގެފާނު ސުވާލު ކުރެއްވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭނާއެއް ނޭދިއެވެ. އެހިނދު ޢުމަރުގެފާނުގެ ހިތްޕުޅަށް އެ ޒުވާނާއަކީ މި ޒުވާނާކަން ތަޞައްވުރުވެގެން ދިޔައެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ތިބާއީ އަބޫ މުސްލިމު ދޯއެވެ؟ އެކަލޭގެފާނު އާދޭހޭ ދެންނެވުމުން އޭނާގެ އަތްޕުޅުގައި ހިއްޕަވައިގެން އަބޫބަކްރުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ވާހަކަ އަބޫބަކްރުގެފާނަށް ދެންނެވިއެވެ. އަބޫބަކްރުގެފާނު އުފާފުޅު ކުރައްވާ ވިދާޅުވިއެވެ. އިބްރާހީމު عليه السلام ފަދައިން މި އުއްމަތުން އަލިފާނަށް އެއްލައިލެވި އަނދައިގެން ނުދިޔަ މީހާ އަހަރެމެންނަށް ދެއްކެވީތީ ﷲއަށް ޙަމްދު ކުރަމެވެ. ބުނެވޭގޮތުގައި އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ ވަރަށް ތަޤްވާވެރި ބޭކަނބަލެކެވެ. އެކަމަނާގެ އަވަށްޓެރި އަންހެނަކު އެކަމަނާއަށް ގޯނާކުރަމުން ޖެއްސުންކުރަމުންދާތީ އަބޫ މޫސާ ދުޢާފުޅު ކުރައްވާ މާތް ﷲއަށް ދެންނެވިއެވެ. "މި އަޅާގެ އަނބިމީހާއަށް ޖެއްސުންކޮށް ގޯނާކުރާ އަންހެނާގެ ލޯ ކަނުކުރައްވާނދޭވެ! މި އަންހެނާ އެއްރެއަކު އޭނާގެ ފިރިމީހާއާއެކު ކާން އިނދެފައި ބުންޏެވެ. ކަލޭ ބައްތި ނިއްވާލީ ހެއްޔެވެ. މަށަކަށް އެއްވެސް އެއްޗެއް ނުފެނެއެވެ. އޭނާގެ ފިރިމީހާ ނޫނެކޭ ބުނުމުން މި އަންހެނާ ބުންޏެވެ. މަގޭ ލޯ ކަނުވީއެވެ. މި އަންހެނާ އަބޫ މުސްލިމު ކުރެއްވި ދުޢާގެ ޚަބަރު އޭނާގެ ފިރިމީހާއަށް ކިޔާ ދިނެވެ. މި އަންހެނާ އަބޫ މުސްލިމުގެ އަރިހަށް ގޮސް މާފަށް އެދި ތައުބާވެ އޭނާގެ ލޯ އަލިކޮށްދެއްވުމަށް ދުޢާކޮށްދެއްވުމަށް ދެންނެވިއެވެ. އެކަލޭގެފާނު މާތްﷲއަށް ދުޢާކޮށް ދެއްވުމުން އޭނާގެ ލޯ އަލިކޮށްދެއްވިއެވެ.[14]
މުސްލިމު އަންހެނާއަކީ ރަމަޟާން މަހުގައި ފުރިހަމަ ރޯދައެއް ހިފުމަށް ފަރުވާ ބަހައްޓާ މީހެކެވެ. އޭނާ މިކަމަށް ޓަކައި ރޯދައާ ބެހޭ ޙުކުންތައް ދަސްކޮށް ސުވާލުކޮށް މަސްއަލަތައް ސާފު ކުރާނެތެވެ.
ރަމަޟާން މަހަކީ ގުޅުންތައް ރަނގަޅުކުރުމަށް ލިބިގެންވާ މައިދާނެކެވެ. ރަމަޟާން މަހަކީ މީސްތަކުންނާ ޞުލްޙަވެ، މީހުންނާ މިލިގެން އެކުގައި އުޅުމަށް ލިބޭ ރަނގަޅު މަޖާލެކެވެ. އެމަހުގައި ކުރާ ޞަދަޤާތްތަކާއި ފޯރުވާ ހެޔޮ ފޯރުވުންތަކުގެ ސަބަބުން ގާތްތިމާގެކަމުގެ ގުޅުން ބަދަހިވެގެން ދާނެއެވެ.
[1] – الأحزاب : 35
[2] – التحريم : 5
[3] – الألباني في السلسلة الصحيحة ٥/١٦ أخرجه أبو يعلى (٣٨١٥) ، والحاكم (٢٧٩٦)، والبيهقي (١٥٥٥٠)
[4] – الأنعام : 12
[5] – أخرجه أحمد (٩٦٧٥)، والبزار (٩٧١٣)، وابن حبان (٥٧٦٤) والحاكم (٧٣٠٤)
[6] – أخرجه أحمد (٢١٦٧٤) والبزار (٣٧٧٢)، وابن حبان (٢٢١١)
[7] – أخرجه أبو داود (١٣٠٨) والنسائي (١٦١٠)، وابن ماجه (١٣٣٦)، وأحمد (٧٤٠٤)
[8] – صحيح ابن حبان ٣٤٣٦ الطبراني في المعجم الأوسط ٥/١١٢
[9] – ކަމަރު ބާރުކުރުމުގެ މާނައަކީ : އަނބިއަނބިކަނބަލުންނާ އެކަހެރިވެވަޑައިގަތުމެވެ.
[10] – أخرجه أحمد 6 / 152
[11] – ابن الجوزى : صفة الصفوة : 4 / 44
[12] – ابن الجوزى : صفة الصفوة : 4 / 391
[13] – يونس : 87
[14] – صحيح ابن حبان : 2 / 339 ، صفة الصفوة : 4 / 212 ، حلية الأولياء : 2 / 130




advertisment