ކޮވިޑް19 ބޯކޮށް ފެތުރެމުންދާތީ، މާލެ ޞަރަޙައްދުގައި ހިންގާ ހުރިހާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާތަކާއި ސެލޫންތައް މާދަމާއިން ފެށިގެން ބަންދުކުރަން ސަރުކާރުން އަންގައިފިއެވެ.
"…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ(3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2021 މޭ 7 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން، މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާތަކާއި ސެލޫންތައް ބަންދުކުރުމަށް އަހުރެން އަންގަމެވެ." ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި ގަރާރުގައި ވެއެވެ.
އެ ގަރާރުގައި އަދި ވަނީ މަތީގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައިމޫނާ ކަނޑައަޅުއްވާ ޚާއްޞަ ހާލަތްތަކުގައި، އޭނާ އަންގަވާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށެވެ.
"..އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ. މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ." މައިމޫނާ އަބޫބަކުރުގެ ގަރާރުގައި ވެއެވެ.



advertisment