މަސްތުވާތަކެއްޗާއެކު ނ. މަނަދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮަޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެެއިން ހިންގި އޮޕަރޭޝަނެއްގައި މަނަދޫން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ރަށުތެރެ ޕެޓްރޯލްކޮށް ބަލަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 32 ކަރުދާސްކޮޅު އޭނާގެ އަތުން ފެނުމާ ގުޅިގެން ކަމަށެވެ.
އޭގެ އިތުރުން މާލެއިން ފުރައިގެން ތ. ތިމަރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެތަކެތި ހޯދައިފައި ވަނީ ތިމަރަފުއްޓަށް އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރުމަށްފަހު އޭގެ ތެރެއިންނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



advertisment