ހަަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އިން ސަލާމަތްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހަލުވިކުރުމަށްޓަކައި، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗް.އީ.އޯ.ސީ)ގެ ރަސްމީ ބައްދަލުވުންތަކުގެ ރިޔާސަތަށް ނައިބު ރައީސް ފައިސަލް ނަސީމު މިއަދު އިތުރުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ގެންނެވި ބަދަލާ ގުޅިގެން، ކަމާ ބެހޭ މުވައްސަސާތަކާއެކު އެޗް.އީ.އޯ.ސީން ކޮންމެ ދުވަހަކު ދަރުބާރުގޭގައި ބާއްވާ ބައްދަލުވުންތަކުގައި ހެލްތު މިނިސްޓަރު ކެރެފާ އަހުމަދު ނަސީމާއެކު ފައިސަލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެޗް.އީ.އޯ.ސީ އެންމެ އިސް ބޭފުޅުންނާއެކު ކޮންމެ ދުވަހަކު ބާއްވަވާ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގެ ތުހުމަތު ކުރެވުމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން 17 އޯގަސްޓް 2020 އިން ފެށިގެން އަމިއްލަފުޅަށް ގޭގައި މަޑުކޮށްގެން ހުންނަވައި އަދި ފަހުން އިސްތިއުފާ ދެއްވުމާއި، އާ ހެލްތު މިނިސްޓަރަކަށް 22 އޮކްޓޫބަރު 2020 ގައި ކެރަފާ ނަސީމު އައްޔަން ކުރެއްވުމާ ދެމެދު ހިނގި ދެ މަހެއްހާ ދުވަހުގެ މުއްދަތުގައި ވެސް ފައިސަލް ވަނީ އެޗް.އީ.އޯ.ސީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ.



advertisment