Support Us

އަލްޙަޖަރުލް އަސްވަދުގެ ތަފްޞީލުތައް ހާމަކޮށްދޭ ފޮޓޯތަކެއް

އަލްޙަޖަރުލްއަސްވަދުގެ ތަފްޞީލުތައް ބަޔާންކޮށްދޭ ޒަމާނީ ފޮޓޯތަކެއް ދެ ޙަރަމްފުޅާ ބެހޭ އިދާރާއިން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އަލްޙަޖަރުއްއަސްވަރު ބޭއްވިފައި އޮންނަނީ ގެފުޅުގެ އިރުދެކުނު ކަންކޮޅުގައެވެ. އެއީ ޠަވާފުކުރާ މީހުން ޠަވާފުކުރަން ފަށާ ހިސާބު ފާހަގަކޮށްދެއްވުމަށް ޓަކައި އިބްރާހީމުގެފާނު ބޭއްވެވި ހިލަފުޅެކެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތައް އެ އިދާރާގެ  ރަސްމީ ޓްވިޓަރ ޞަފްޙާގައި ޝާއިޢުކޮށްފައި ވެއެވެ. މި ފޮޓޯތައް ނަގާފައިވަނީ ފޮކްސް ސްޓެކް ޕެނަރޯމާ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ދެ ޙަރަމްފުޅާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަލްޙަޖަރުލްއަސްވަދު ފޮޓޯ ނެގުމަށް ހަތް ގަޑިއިރު ހޭދަވިއެވެ. މި ގޮތުން 1،050 ފޮޓޯ ނެގުނެވެ. ފޮޓޯތައް ނެގިފައިވަނީ 49 ހާސް މެގަޕިކްސެލްގެ ހިމުންކަމުގައެވެ. މި ފޮޓޯތައް ޕްރޮސެސް ކުރުމަށް 50 ގަޑިއިރު ހޭދަވިއެވެ.

އަލްޙަޖަރުލްއަސްވަދަކީ ގެފުޅުގެ ވަށައިގެން ޠަވާފު ކުރާއިރު ޠަވާފުގެ ހަތް ބުރު ފަށާ ނިންމަންޖެހޭ ކަންކޮޅު ފާހަގަކުރެއްވުމަށް ޓަކައި މާތްﷲ އިބްރާހީމުގެފާނަށް ދެއްވި ސުވަރުގޭގެ ހިލަފުޅުކެވެ.

އަލްޙަޖަރުލްއަސްވަދަކީ ސަލާމުލެއްވި އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ގެފުޅު ބިނާކުރެއްވުމަށްފަހު ޠަވާފު ކުރަން ފަށަންވީ ތަން ފާހަގަ ކުރެއްވުމަށްޓަކައި  ހިލައެއް ގެންނެވުމަށް އިބްރާހީމުގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢިލުގެފާނަށް ވިދާޅުވުމުން އެކަލޭގެފާނު ވަޑައިގެން ހިލަގަނޑެއް ހޯއްދަވަން އުޅުއްވަނިކޮށް ޖިބްރީލުގެފާނު ވަޑައިގެން އިސްމާޢީލުގެފާނަށް  އެރުއްވި ހިލަފުޅެކެވެ. މި ހިލަފުޅުގެ ކުލައަކީ ރަތްކުލައަކަށްދާ ކަޅު ކުލައެވެ.

އަލްޙަޖަރުލްއަސްވަދަކީ ކުކުޅުބިސް ބުރުގެ ސިފައިގައިވާ ހިލައެކެވެ. މި ހިލަފުޅު ގެފުޅުގެ އިރު ދެކުނު ކަންކޮޅުގައި ބޭއްވިފައިވަނީ ހަމަ ބިމަށްވުރެ ބައި މީޓަރު އުހުގައެވެ. މީހުން އެ ހިލަފުޅުގައި ބީހޭލެއް ގިނަކަމުން އެއަށް ގެއްލުމެއް ލިބިދާނެތީ މި ހިލަފުޅު ވަށައިގެން ރިހި ގިއުގަނޑެއް ލެވިފައިވެއެވެ. މި ހިލަފުޅު އުފެދިފައިވަނީ ކުދިކުދި 15 އެތިކޮޅުންނެވެ. އެއީ ކަނދުރެއްގެ ބޮޑު މިނުގެ ހިލަކޮޅުތަކެކެވެ. މީގެތެރެއިން ޙައްޖުވެރީންނަށް ފެންނާނީ އެންމެ އަށެތިކޮޅެވެ. އަނެއް ހަތެތިކޮޅު މަތީގައި އުށާއި ގޮމަކަސްތޫރިއާއި މާވަހަރުގެ ފަށަލަތަކެއް ލެވިފައިވާތީ އެ އެތިކޮޅުތަކެއް ނުފެންނާނެއެވެ.

އަލްޙަޖަރުލްއަސްވަދުގެ ގިއުގަނޑު ހެދިފައިވަނީ ސާފު ރިހިންނެވެ. މި ގިއުގަނޑު ހެދުމަށް 50 ކީލޯގްރާމުގެ ރިހި ބޭނުންކުރެވެއެވެ. މި ގިއުގަނޑު ހެދެނީ ތިން މަސް ދުވަހުންނެވެ.

ޙައްޖާޖީން މި ހިލަފުޅުގައި ބީހޭބީހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދޭދޭ ހިލަކޮޅުތަކުގެ ދެމެދަށް އަޅާފައިވާ އުށްތައް ހަލާކުވާތީ ދުވަސްދުވަސްކޮޅުން މި ގިއުގަނޑު މަރާމާތު ކުރަން ޖެހޭކަން ފާހަގަކުރެވެއެވެ. އުށުގެ ބައިތައް މަރާމާތު ކުރުމަށް ދެ ގަޑިއެއްހާއިރު ހޭދަވެއެވެ.

އަލްޙަޖަރުލްއަސްވަދު ވަގަށް ނެގިޔަ ނުދިނުމަށް ޓަކައި މި ހިލަފުޅު ރައްކައުތެރިކޮށް ބެލެހެއްޓުމަށް 24 ފާރަވެރިން ތިބެއެވެ. ގަޑިއަކުންގަޑިއަކުން ފާރަވެރީންގެ ފޯރީމެރުން ބަދަލުވާނެއެވެ. މި ފާރަވެރީންގެ މަސައްކަތުގެތެރޭގައި ނިކަމެތީންނަށާއި މުސްކުޅީންނަށް މި ހިލަފުޅުގައި އަތްބީއްސުމަށް އެހީވެ ދިނުމާއި ޙައްޖުވެރީން އެ ހިލަފުޅުދޮށަށް އެއްވެ ތޮއްޖެހުން މަނާކުރުންވެސް ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *