ރާއްޖެއިން ކޮވިޑް19 ފެނުމާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖޫން 3 އަށް ދަމަހައްޓައިފިއެވެ.
މިދިޔަ އަހަރުގެ މާރިޗު 12 އިން ފެށިގެން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އައީ މަހަކުން މަހަކުން އިތުރުކުރަމުންނެވެ.
ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމު މިއަދު ނެރުއްވި ގަރާރުގައިވެއެވެ؛
"ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް ހިނދު، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 12 މާރިޗު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 4 މޭ 2021 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވީ ހިނދު؛ ދިވެހިރާއްޖޭގަ ފުޅާ ދާއިރާއެއްގައި މި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗު 2020 ގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް އަހުރެންނަށް ލަފާ ދީފައިވީ ހިނދު ބުނެވިދިޔަ ޤާނޫނުގެ ދަށުން، އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، 12 މާރިޗު 2020 އިން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، 2021 ޖޫން 3 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނުކޮށްފީމެވެ. އަދި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ."



advertisment