Support Us

ރޯދައިގެ ޙިކްމަތްތަކަށް ބަލައިލުން- 2

5- އިންސާނާއަކީ އޭނާ އާދަކޮށް ކުރާ ކަންތައްތަކަށް އަޅުވެތިވެ އެކަންތައްތަކުގެ ދަށުވެފައިވާ މީހެކެވެ. ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރޯދައަކީ މިފަދަ އާދަކާދަތަކުގެ އަޅުވެތިކަމުން ރޯދަވެރިޔާ މިނިވަންކޮށްދޭނެ ކަމެކެވެ. ރޯދައިގެ ސަބަބުން އޭނާގެ އާދަތައް އެފުށް މިފުށަށް ޖެހެއެވެ. މިސާލަކަށް ކައިބޮއި ހަދާ ވަގުތުތަކަށް މުޅިން ބަދަލު އާދެއެވެ. ނިދުމާއި ހޭލާހުންނަ ވަގުތުތަކަށް ވެސް ބަދަލު އާދެއެވެ. އަދި މީގެ އިތުރަށް އަޅުކަންކުރާ ވަގުތުތަކަށްވެސް ބަދަލުތަކެއް އާދެއެވެ.

6- ރޯދައިގެ ޙިކްމަތްތަކުގެ ތެރޭގައި ރޯދަވެރިޔާއަށް ﷲގެ ނިޢުމަތް އިޙްސާސް ކޮށްދިނުމާއި އެ ނިޢުމަތުގެ އަގު ވަޒަންކުރަން ދަސްކޮށްދިނުން ހިމެނެއެވެ. އިންސާނާއަކީ ވަކި ނިޢުމަތެއްގެ މަތީގައި ހުރުން އާދަވުމުން އެ ނިޢުމަތެއްގެ އަގު ވަޒަންކުރުމާ ދުރުހެލިވާ މީހެކެވެ. ނުވަތަ އޭގެ އަގު އިޙްސާސް ނުކުރެވޭ މަޚްލޫޤެކެވެ. އިންސާނާއަށް ދުޅަހެޔޮކަމުގެ އަގު ވަޒަން ކުރެވޭނީ ބަލިވުމުންނެވެ. އިންސާނާއަށް ހައިހޫނުކަމާ ކުރިމަތިވުމުން މެނުވީ ކާއެއްޗެހީގެ އަގު ވަޒަން ނުކުރެވެއެވެ. ފެން ބޮވައިގަނެގެން ގޮސް ފެންފޮދެއް ލިބުން ދަތިވުމުން މެނުވީ އިންސާނާއަށް ފެނުގެ އަގު އިޙްސާސް ނުކުރެވެއެވެ. ތަންކޮޅެއް ކުރީގެ އަހަރު ތަކުގައި އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ގޭގައި ވަޅެއްހުރެ އެވަޅުން ރަނގަޅު ފެންލިބެމުން ދިޔައިރު ފެނުގެ އަގު އަޅުގަނޑުމެންނަށް ވަނީ ނުކުރެވިފައެވެ. މިވަޅުތައް ލޮނުވެ ފެންނުބައިވުމުން ފެނުގެ އަގު އިޙްސާސް ކުރެވެން ފަށައިފިއެވެ. މިއަދު ފެން ގަންނަން ޖެހިފައިވާތީ ކޮންމެ މީހަކުވެސް ފެނަށް ރައްކައުތެރި ވެއެވެ. ފެން އިސްރާފުނުކޮށް ވޭތޯ ބަލައެވެ.ފެންބޮވައި ގަނެގެންގޮސް ފެންފޮދެއް ނުލިބިގެން ހުއްޓާ ފެންފޮދެއް ލިބުމުން الحمد لله އޭވެސް ކިޔެއެވެ. އެ ނިޢުމަތަށް ޝުކްރު ދެންނެވެއެވެ. މިކަމާ ބެހޭގޮތުން އަލްއިމާމު އަޙްމަދާއި އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. މައްކާގެ ބަޠުޙާ ތިމަން ކަލޭގެފާނަށްޓަކައި ރަނަށް ހައްދަވާ ދެއްވުމަށް މާތްﷲ ތިމަން ކަލޭގެފާނަށް ހުށައެޅުއްވިއެވެ. އެހިނދު ތިމަން ކަލޭގެފާނު ދެންނެވީމެވެ. ތިމަން ކަލޭގެފާނުގެ ވެރި ރަސްކަލާކޮ! އެހެން ނަހައްދަވާށެވެ. ތިމަން ކަލޭގެފާނު ބޭނުންފުޅުވަނީ އެއްދުވަހު ފަރީއްކުޅުއްވައިގެން ހުންނެވުމަށެވެ. އަނެއް ދުވަހު ބަނޑުހައިހޫނު ކަމުގައި ހުންނެވުމަށެވެ. ހައިހޫނުވެވަޑައިގެން އިބަރަސްކަލާނގެ މަތިން ހަނދުމަފުޅު ކުރެއްވުމަށެވެ. ފަރީއްކުޅުއްވައިގެން އިބަރަސްކަލާނގެއަށް ޝުކްރު ދެންނެވުމަށެވެ.

7-  ރޯދައިގައި ހިމެނޭ ޙިކްމަތްތަކުގެ ތެރޭގައި މުއްސަނދިންނާ ފަޤީރުންނާ ދެމެދުގައި ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހަމަހަމަކަން ޤާއިމުކުރުން ހިމެނެއެވެ. ރޯދައިގެ ސަބަބުން އެންމެންނަށްވެސް (މުއްސަނދިންނަށާއި ފަޤީރުންނަށް، އަތްމަތި ތަނަވަސް މީހުންނަށާއި އަތްމަތި ދަތި މީހުންނަށް) ހައިހޫނުކަމާއި ކަރުހިއްކުން އިޙްސާސް ކުރަން ޖެހެއެވެ. އިބްނުލް ޤައްޔިމު ވިދާޅުވާ ފަދައިން މިސްކީނުންގެ މަޢިދާގެ ކުކުރުންތައް މުއްސަނދިންނަށް (ރޯދައިގެ ސަބަބުން) އިޙްސާސް ވެއެވެ. މިޢަމަލީ ތަޖްރިބާގެ ސަބަބުން މީސްތަކުންގެ މެދުގައި ހަމްދަރްދީއާއި އޯގާވެރިކަން  އުފެދެއެވެ.ރަމަޟާން މަހަކީ ކީރިތި ރަސޫލާ ޙަދީޘްކުރައްވާ ގޮތުގައި شَهْرُالْمُواسَاهِ (ހަމްދަރްދީގެ މަސް) އެވެ. މިހެންވެ ކީރިތިރަސޫލާއަކީ ރަމަޟާން މަހުގައި ވަކިން ޚާއްޞަކޮށް ދީލަތި ބޭކަލެކެވެ.މިހެންވެ ކީރިތި ރަސޫލާ ރޯދަވެރިންނަށް ރޯދަ ވީއްލުމަށްޓަކައި އެހީވުމަށް އަންގަވާފައިއެވެ. ރޯދަ ވީއްލުމަށްޓަކައި ކާއެއްޗެއްސާއި ބޯއެއްޗެހި ދިނުމަށް އަންގަވާފައިވެއެވެ. އިސްލާމީ ޤައުމުތަކުގައި [مَوَائِدُ الرَّحْمـنِ] (ރަޙްމާންވަންތަ ރަސްކަލާނގެ ގެ ދޮލަނގު) ގެ ނަމުގައި ރޯދަވެރިން ކޯދޮވުމަށްޓަކައި ކާބޯތަކެތި މިސްކިތް ދޮށަށާއި ބާޒާރު މައްޗަށާއި ގޭގޭގެ ދޮރޯށި ކައިރިއަށް ނެރެ މެހްމާނުންނަށް ދަޢުވަތުދެނީ މިހެން ވެގެންނެވެ. މިހެންވެ އަލްއިމާމުއްޝާފިޢީ ވިދާޅުވެފައިވަނީ ކީރިތި ރަސޫލާ ﷺ އަށް އިޤްތިދާވުމުގެ ގޮތުން ރަމަޟާންމަހު ރޯދަވެރިޔާ ދީލަތިވުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ.

8-  މި ހުރިހާ ކަންތައްތަކެއް އެކުލެވިގެންވާ ކަމަކީ ތަޤްވާވެރިކަމެވެ. ރޯދައަކީ އިންސާނާ ތަޤްވާވެރިކަމުގެ ދަރަޖައަށް ތައްޔާރުކުރުވާ އެއްޗެކެވެ. ތަޤްވާވެރިންގެ މަންޒިލަށް ރޯދަވެރިޔާ ގެންގޮސްދޭ އެއްޗެކެވެ. މާތްﷲ ވަޙީކުރައްވަނީ ރޯދަ ފަރްޟުކުރެއްވީ لَعَلَّكُمْ تَتَّقُون ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ. އެބަހީ އެކަމުގެ ސަބަބުން ތަޤްވާވެރިކަން ޙާޞިލު ކުރެވޭތޯއެވެ.

މިއިން އެނގެނީ ރޯދައިގެ މޭވާއަކީ ތަޤްވާވެރިކަން ކަމެވެ. ރޯދަހިފާ ކޮންމެ މީހަކަށް މިމޭވާ ޙާޞިލުވުން ލާޒިމެއް ނޫނެވެ. ރޯދައަށް ބަލާއިރު ރޯދަވެރިޔާއަކީ ދަނޑުވެރިއެއްފަދަ މީހެކެވެ. އޭނާއަށްޓަކައި ފަސްގަނޑު ތައްޔާރު ކުރެވިފައިވެއެވެ. އޭނާއަށްޓަކައި އެދަނޑުގައިވަނީ ފަސްގަނޑު ޖެހިފައެވެ. ތޮނަ ނޮޅި ބިންސާފު ކުރެވިފައެވެ. ދަނޑުވެރިޔާއަށް މިބިމަށް އޮށްތައް އުކާފައި އެބިން ދޫކޮށްލެވިދާނެއެވެ. ހެދެންޏާ ހެދޭށެވެ. ނެހެދެންޏާ ނެހެދޭށެވެ. މިދަނޑަށް ފެންފޮދެއްނުދީ، ކާދުކޮޅެއްނާޅާ ދަނޑުދޫކޮށްލައިފިނަމަ އޮށްތައް ފީވެ މަރުވެދާނެއެވެ. ދަނޑަށް އަޅައި ނުލައިފިނަމަ ދަނޑުގައި ތޮނަފަޅައި ބިމުގައި ހުރި ކާނާކޮޅު ކައިލައިފާނެއެވެ. އޭރުން ބިން އޮންނާނީ އެއްޗެއް ހައްދަން ކަމުނުދާފަދަ ތަނަކަށް ވެފައެވެ.

އޭނާ ބޭނުންނަމަ އޮށް އިންދާފައި އެތަނަށް ފެންދީ ބެލެހެއްޓޭނެއެވެ. ގަސްފެޅުމުން ގަހަށް ކާނާއަޅައި ހެއްދި ދާނެއެވެ. މިގަސް ހެދުމުން އޭނާއަށް މިގަހުން މޭވާ ލިބޭނެއެވެ.

ރޯދަވެރިޔާއަކީ މިފަދަ މީހެކެވެ. ރޯދައިގެ ސަބަބުން ތައްޔާރުކުރެވުނު ނަފްސު ރަނގަޅަށް ބަލަހައްޓައިފިނަމަ އޭނާއަށް ތަޤްވާވެރިކަމާ ހަމައަށް ދެވިދާނެއެވެ. މިފަދަ މީހާއަށް ﷲގެ ޙަޟްރަތުން ލިބޭ ޖަޒާ މަތިވެރިވެގެން ވެއެވެ.

ރޯދައިގެ ސަބަބުން ލިބޭ ހެޔޮ ދަރުމައާއި ރަޙްމަތާއި ފުއްސެވުމާއި ރުއްސެވުން ލިބެނީ ރޯދައަށްހުރެ ތިމާގެ ނަފްސު ރަނގަޅަށް ބެލެހެއްޓި ބަޔަކަށެވެ. ރޯދައިގެ ސަބަބުން ތިމާއަށް ލިބުނު ދަނޑުގައި މާތްﷲ އަންގަވާފައިވާ ގޮތުގެމަތިން ގަސްއިންދާ ބެލެހެއްޓި މީހާއަށެވެ.

އެއް ދުވަހަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އަބޫ އުމާމާ ވަޑައިގެން އާޚިރަތްދުވަހުން ފައިދާ ކުރާނެ ކަމަކަށް އަމުރުކުރެއްވުމަށް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((عَلَيْكَ بِالصَّوم فَإِنهُ لاَعِدْلَ لَه- ތިބާގެ މައްޗަށް އޮތީ ރޯދަ ހިފުމެވެ. ފަހެ ހަމަކަށަވަރުން އެފަދަ އެހެންކަމެއް ނެތެވެ.)) އަބޫ އުމާމާ އެތައް ފަހަރަކު ދެންނެވުމުންވެސް ކީރިތި ރަސޫލާ ﷺ ފަށްފަށް ކުރައްވާ ޙަދީޘްކުރެއްވީ ހަމަ މިފަދަ އިންނެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި ރޯދައަކީ އެފަދަ އެހެން މިސާލެއްނެތް ލާމަސީލު އަޅުކަމެކެވެ. ލާސާނީ ޢިބާދަތެކެވެ. ތަޤްވާވެރި ކަމަށްޓަކައި ނަފްސު ތައްޔާރުކޮށްދީ ތަމްރީނުދޭ ޢަމަލެކެވެ. މިތައްޔާރުވުމުގެ ތެރެއިންލައިފާ މަންޒިލުމަޤްޞޫދަށް ވާޞިލުވި މީހާއަށް އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅު ((مَنْ صَامَ رَمَضَانَ إِيْمَانًا واحتسابا غُفِرَلَهُ مَاتَقَدَّمَ مِنْ ذنْبِهِ [1]– މާތްﷲއަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ޘަވާބަށާއި ދަރުމަ އަދައިގެން ރޯދަ ހިފިމީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާނެއެވެ.))

މާތްﷲ ޖަޒާދެއްވާ ވަރުގެ ރޯދައަކަށްވާނީ މި މަޤްޞަދު ޙާޞިލު ކުރެވިގެންނެވެ. ހަތްސަތޭކަ ގުނައަށްވުރެ އިތުރު ޘަވާބު ރޯދަވެރިޔާއަށް މާތްﷲ ދެއްވަވާނީ އޭނާގެ ނަފްސު ބަލަހައްޓާ ތަޤްވާވެރިވީ ނަމައެވެ.

ރޯދަވެރިޔާއަށް ހުރި ޘަވާބުގެ މަތިވެރިކަން އަންގަވާއިރު ރޯދަވެރިންގެ ތެރެއިން ބައެއް ރޯދަވެރިންނަށް އެއްވެސް ޘަވާބެއް ލިބިގެން ނުވާކަންވެސް އަންގަވާ ބަސްފުޅުތައް އެބަހުއްޓެވެ. النسائى އާއި ابن ماجه ރިވާކުރައްވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((كَمْ مِنْ صَائِمٍ لَيْسَ لَهُ مِنْ صَوْمِهِ إلاالجُوعَ وَالعَطَش- ރޯދަވެރިންގެ ތެރެއިން ހައިހޫނުކަމާއި ކަރުހިއްކުން ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުލިބޭ ކިތައް ރޯދަވެރިން ވޭހެއްޔެވެ.))

ހަމަ މިމޭރުމުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ ((مَنْ لَمْ يَدَعْ قَوْل الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّه حَاجَةٌ فِى أَنْ يَدَعَ طَعَامَه وَشَرَابَه[2] – ދޮގުހެދުމާއި ދޮގުވެރި ޢަމަލުތައް ދޫކޮށް ނުލައި (ރޯދަ ހިފުމަށްޓަކައި) ކެއުމާއި ބުއިން ދޫކޮށްލުމުގެ ބޭނުމެއް ﷲގެ ޙަޟްރަތުގައެއް ނުވެއެވެ.))

މާތްﷲ އެދިވޮޑިގަންނަވާ މޭވާއާ ހިސާބަށް ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަތް ޚާލިޞްކޮށްގެން، ކަންދެއްކުމެއްނެތި މާތްﷲގެ ވަޖްހު އަދައިގެން ރޯދަ ހިފިނަމައެވެ. މާތްﷲއަށް އީމާންވެ އެކަލާނގެއަށް އިޚްލާޞްތެރިވެ މަޖްބޫރުކަމެއް ނުވަތަ ބަރުހެލި ކަމެއްނެތި ރޯދަ ހިފުމުންނެވެ. ސަރުކާރުން އަދަބުދީފާނެތީ ނުވަތަ މައިން ބަފައިންނާއި ބެލެނިވެރިން އަދަބުދީފާނެތީ ނުކައި ނުބައި ހުރެގެން ހިފާ ރޯދަޔަކީ ޙަޤީޤީ ރޯދައެއް ނޫނެވެ. އެފަދަ ރޯދައަކަށް އެމަތިވެރި ޘަވާބެއް ނުލިބޭނެއެވެ.

 

[1]  – أخرجه البخاري (٣٨)، ومسلم (٧٦٠)

[2]  – أخرجه البخاري (١٩٠٣)، وأبو داود (٢٣٦٢) ، والترمذي (٧٠٧)، والنسائي في «السنن الكبرى» (٣٢٤٦)، وابن ماجه (١٦٨٩)، وأحمد (١٠٥٦٢)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *