ފާއިތުވި ދެ އަހަރާ އަޅައިބަލާއިރު މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު ބުނީ ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު 2،648 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1،352 މައްސަލަ ކަމަށެވެ. އެއީ 1،290 މަދު އަދަދެކެވެ.
އެ މުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ވަކިވަކީން ބަލާއިރު ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ މަދުވެފައެވެ. މިގޮތުން ފާއިތުވި ދެ އަހަރު 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 10 މައްސަލަ ހުށަހަޅާފައިވެއެވެ.
ފާއިތުވި ދެ އަހަރާއި މި އަހަރު ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ މި މުއްދަތުގައި 646 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ވައްކަމުގެ 368 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ފާއިތުވި ދެ އަހަރާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައް ވެސް ވަނީ މަދުވެފައި ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މި މުއްދަތުގައި ހުށަހަޅައިފައި ވަނީ 129 މައްސަލައެވެ.
ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލައެކެވެ. މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު 273 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފައިވެއެވެ. ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު މަސްތުވާތަކެތީގެ 398 މައްސަލަ ހުށަހަޅާފައިވެއެވެ.
އެހެނިހެން މައްސަލަތަކުގެ ގޮތުގައި ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 743 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު 415 މައްސަލައެއް ހުށަހަޅާފައިވެއެވެ.



advertisment