Support Us

މާވަށު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީޕީއެމުން ކަށަވަރުކޮށްފި

ލ. މާވަށު ކައުންސިލްގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތުން އެ ރަށު ކައުންސިލްގެ ހުރިހާ ގޮނޑިއަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީޕީއެމް ކޯލިޝަނުން ކަށަވަރުކޮށްފިއެވެ.

މި ގޮނޑިތައް ކަށަވަރުވީ އެ ރަށު ކައުސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި ޕީޕީއެމްގެ އަޙުމަދު މޫސާއާއި އެމްޑީޕީގެ އާދަމް ޢަބްދުއްރަޙުމާނަށް ލިބިވަޑައިގަތް ވޯޓާއި، ކައުންސިލް މެންބަރުކަމަށް ކުރިމަތިލެއްވި، ޕީޕީއެމްގެ އިބްރާހީމް އަބޫބަކުރާއި އެމްޑީޕީގެ ޙަސަން ޝިފާޒަށް ލިބިވަޑައިގަތް ވޯޓު އެއްވަރުވުމާ ގުޅިގެން މިއަދު މާވަށުގައި އެ ރަށު ދެ ނަންބަރު ފޮށްޓަށް އަލުން ވޯޓުލުމަށް ޓަކައި ބޭއްވި ވޯޓުލުމުގައި ކުރި ހޯއްދަވައިގެންނެވެ.

އިބްރާހީމްއަބޫބަކުރާއި ޝިފާޒާ ދެ ކެންޑިޑޭޓުންކުރެ އެކަކު އިންތިޚާބު ކުރުމަށް ޓަކައި ނެގި ވޯޓުގައި (ޖުމުލަ ވޯޓުން) 11 ވޯޓުގެ ތަފާތަކުން ކާމިޔާބު ހޯއްދެވީ ޕީޕީއެމްގެ އިބްރާހީމް އަބޫބަކުރެވެ. ރައީސްކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ނެގުނު ވޯޓުގައި (ޖުމުލަ ވޯޓުގެ) 26 ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވީ ޕީޕީއެމްގެ އަޙުމަދު މޫސާއެވެ.

ވަރަށް ވާދަވެރި ކެމްޕޭނަކަށް ފަހު މި ކާމިޔާބު ހޯއްދެވިއިރު އަޙުމަދު މޫސާއަކީ މިހާރު ވެސް މާވަށު ކައުންސިލްގެ ރައީސެވެ. އިބްރާހީމް އަބޫބަކުރަކީ މިހާރު އެ ކައުންސިލްގެ ނާއިބު ރައީސެވެ.

މާވަށު ކައުންސިލްގެ ރައީސްކަމަށް އަޙުމަދު މޫސާ މިއަދު އިންތިޚާބުވެވަޑައިގަތް އިރު އޭނާ ހުންނެވީ ގޭގައި ކަރަންޓީނުގައެވެ. ކެންޕޭނުކުރައްވާނެ ފުރުޞަތު އޭނާއަށް ލިބިވަޑައި ނުގަތަސް އޭނާއަށް ޓަކައި ޕީޕީއެމްގެ މެންބަރުން ވަރަށް ވަރުގަދައަށް މަސައްކަތްކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބި ހޯއްދަވައިދެއްވުމަށް ޓަކައި އެމްޑީޕީގެ މެންބަރުންނާއި ދައުލަތުގެ ބައެއް އިދާރާތަކުގެ މުވައްޒިފުން ވެސް ވަރަށް ވަރުގަދައަށް މަސައްކަތްކުރެއްވި ކަމަށް މާވަށުން ޚަބަރު ލިބެއެވެ.

މި ކާމިޔާބީއާއެކީގައި މާވަށު ކައުންސިލްގެ ހުރިހާ ގޮނޑިއަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީޕީއެމްއަށް ކަށަވަރުވީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް