މި އަންނަ ހޫނު މޫސުމުގެ ތެރޭގައި ރައީސް ޕޫޓިނާއި ރައީސް ޖޯ ބައިޑްންގެ ސަމިޓެއް ބޭއްވޭނެ ކަމަށް ބުނެވެމުންދަނިކޮށް ރަޝާއިން ތައްޔާރު ކުރަމުންދާ އެ ޤައުމާ "ރަޙްމަތްތެރި ނޫން" ޤައުމުތައް ކަމަށް ބުނާ ލިސްޓްގެ އެންމެ މަތީގައި އެމެރިކާ ލިޔެފިއެވެ.
ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިއާ ޒަޚަރޯވާ ހާމަކުރެއްވި ގޮތުގައި މި ލސްޓަކީ މި މަހު 23ގައި ރިޔާސީ ޤަރާރަކުން ކަނޑައެޅުނު ލިސްޓެކެވެ. އޭނާ ވިދާޅުވިގޮތުގައި މި ލިސްޓްގެ އެންމެ މަތީގައި އޮތީ އެމެރިކާއެވެ.
ރަޝިޔާގެ ޗެނެލް 1 ޓީވީން ފެތުރި މި ޚަބަރު ބުނާގޮތުގައި މި ލިސްޓްގައި ހިމަނާފައިވާ ޤައުމުތަކުގެތެރޭގައި ޔުކްރޭނާއި، ލިތުއާނިއާއާއި، ޕޯލެންޑާއި، ލެޓްވިޔާއާއި، ޗެކް ޖުމްހޫރިއްޔާއައި، އެސްޓޯނިޔާއާއި، އިނގިރޭސިވިލާތާއި، ޖޯރޖިޔާ ވެއެވެ. މީސްމީޑިޔާގައި ފެތުރެމުންދާ ޚަބަރުތައް ބުނާގޮތުގައި މި ލިސްޓްގައި އޮސްޓްރޭލިއާ ވެސް ހިމެނެއެވެ. ރަޝިޔާގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޙައްލިލެއްކަމުގައިވާ މެކްސިމް ސުޗްކޯވްގެ ޓްވީޓެއް ބުނާގޮތުގައި މިއީ އަދި މުޅިން ނިމިފައިވާ ލިސްޓެއްނޫނެވެ. މިއީ މީޑިޔާއަށް ފޭދިގެން ދައުރު ކުރާ ލިސްޓެކެވެ.
ރަޝިޔާގެ އިޒްވެސްޓިއާ ނޫސް ބުނާގޮތުގައި ނަން ހާމަ ނުކުރުމަށް ވިދާޅުވެ ޚަބަރު ދެއްވި މަސްއޫލުވެރިއަކު ވިދާޅުވާ ގޮތުގައި މި ލިސްޓްގައި ކެނެޑާ ވެސް ހިމެނެއެވެ.
ކްރެމްލިންގެ ތަރްޖަމާނު ޑްމިޓްރީ ޕެސްކޯވް ރިޕޯޓަރުންނަށް ހާމަކުރެއްވިގޮތުގައި އެ ލިސްޓް އަދި މުޅިއަކުން ނުނިމެއެވެ. ޓާސް ބުނާގޮތުގައި މި ލިސްޓް އެކަށައެޅުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވާކަމެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
ރިޕޯޓަރުން ބުނާ ގޮތުގައި މިއީ ވަރަށް ރަމްޒީ ކަމެކެވެ. މި ލިސްޓްގައި ހިމެނޭ ޤައުމުތަކާދެކޮޅަށް ފިޔަވަޅު އެޅުން އޮންނާނީ ރަޝިޔާގެ ރައްޔިތުންނަށެވެ. ރަޝިޔާ މީހުންނަށް ރަޝިޔާގައި ހުންނަ މި ޤައުމުތަކުގެ ޑިޕްލޮމެޓިކް އޮފީސްތަކުގައި މަސައްކަތެއް ނުކުރެވޭނެއެވެ.
މި ލިސްޓްގައި ޖަރްމަނާއި ފަރަންސޭސިވިލާތް ނުހިމެނޭކަން ފާހަގަ ކުރެވެއެވެ. މޮސްކޯ ދެކޭގޮތުގައި މި ދެ ޤައުމުން ރަޝިޔާއާ ދެކޮޅަށް ފާޑުކިޔަސް މި ދެ ޤައުމަކީ ވޮޝިންގްޓަނަށް ތަބާވާ ދެ ޤައުމެއް ނޫނެވެ.



advertisment