Support Us

ޑިމޮކްރެސީއަކީ ކޮކާކޯލާއެއް ނޫން: ޗައިނާ

ޑިމޮކްރަސީއަކީ ކޮކާކޯލާއެއް ނޫން ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޕީ ވިދާޅުވެ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން އީޖާދުކޮށްފައިވާ ވަކި ރަހައެއް ދުނިޔޭގެ އެންމެން ޤަބޫލު ކުރާ ރަހައަކަށް ހަދަން މަޖްބޫރެއް ނުކުރެވޭނެއެވެ.

އެމެރިކާގެ ޚާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ މަންދޫބުންނާ ދާދިވަރުކޮށް ބައްދަލު ކުރައްވަމުން ޗައިނާގެ ވަޒީރު ވިދާޅުވިއެވެ. "އެއްވެސް ބާރަކަށް ދުނިޔޭގެ އެހެން ޤައުމަކުން އިޚްތިޔާރުކޮށްފައިވާ ރާސްތާއަކާ ދެކޮޅެއް ނެހެދޭނެއެވެ. އެހެން ބަޔަކު ހިތާވާގޮތަކަށް ނުވަތަ ހިތާނުވާ ގޮތަކަށް އެއްވެސް ޤައުމަކުން އެ ޤައުމެއްގެ ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރާނެއެވެ. އަދި ނުވެސް ކުރެވޭނެއެވެ. ވަކި ޤައުމަކުން އިޚްތިޔާރުކޮށްފައިވާ ވެރިކަމުގެ ނިޒާމާއި މި ނިޒާމުގެ ރާސްތާ ރަނގަޅުކަން ނުވަތަ ނުރަނގަޅުކަން ނިންމާނީ އެ ޤައުމެއްގެ ރައްޔިތުންނެވެ."

ޗައިނާގެ ވަޒީރު ގަދަ އަޑުފުޅުން ވިދާޅުވިއެވެ. "އަހަރެމެން ބީރަށްޓެހި، ބިދޭސީ ނަމޫނާތަކެއް ބަލައި ބޮޑެއް ނުކުރާނަމެވެ. އަދި އަހުރެމެން އަހުރެމެންގެ އައިޑިޔަލޮޖީ އެހެން ޤައުމުތަކަށް އެތެރެއެއް ވެސް ނުމެކުރާނަމެވެ. އަދި ޗައިނާގެ އުސްލޫބުތައް ކޮޕީކުރުމަށް އަހުރެމެން އެހެން ޤައުމުތަކުގެ ކިބައިން ނުވެސް އެދޭނަމެވެ."

ޗައިނާގެ ވަޒީރު ވިދާޅުވި ގޮތުގައި ޗައިނާގެ ސިޔާސީ ނިޒާމަކީ އިޝްތިރާކީ ޑިމޮކްރަސީއެވެ. އެއީ ޗައިނާގެ ރައްޔިތުންގެ އެދުންތައް ރިވެލިކޮށްދޭ ނިޒާމެވެ. އެއީ ޗައިނާގެ ވައްޓަފާޅިއާއި ރައްޔިތުންގެ ޚުޞޫޞިއްޔަތާ އެއްފަސްވާ ނިޒާމެވެ. އެއީ އަހުރެމެންގެ ޤައުމުގެ ރައްޔިތުން ވާގިދޭ ނިޒާމެވެ.

ޗައިނާގެ ވަޒީރު ވަރަށް ބާރުލައްވާ ވިދާޅުވިއެވެ. "ހުޅަނގުގެ ބައެއް ޤައުމުތަކުން ހަދާފައިވާ ޤަވާޢިދުތަކަށް ދުނިޔެ ބޮލެއް ނުލަބާނެއެވެ. އެ ޤަވާޢިދުތަކަށް ދުނިޔެ ކަށަވެތިވުމަށް އެއްބަހެއް ވެސް ނުވާނެއެވެ."

ޗައިނާގެ ވަޒީރު ވާހަކަފުޅު ކުރިއށް ގެންދަވަމުން ވިދާޅުވިއެވެ. "ޙަޤީޤަތުގައި ކަންބޮޑުވާން ޖެހޭކަމަކީ ފަހަކަށް އައިސް ވެރިކަމުގެ ނިޒާމުތަކުގެ ސިންދަފާތުކަމާ ދެކޮޅުހަދައި އެކަމަށް ހުރަސްއެޅެމުންދިޔުމެވެ. މިކަމުގެ ސަބަބުން ދުނިޔެ ބައިބައިވެގެން ހިނދާނެކަމުގެ ބިރު މި ވަނީ ބޮޑުވެފައެވެ."

ނިރުބަވެރިކަމާ ދެކޮޅަށް އެމެރިކާއިން ދެ މިންގަނޑަކަށް ޢަމަލު ކުރަމުންދާ ކަމަށް ޗައިނާގެ ވަޒީރު ތުހުމަތު ކުރެއްވިއެވެ. "އެމެރިކާއިން މި ކަމުގައި ގެންގުޅޭ އުސްލޫބާމެދު ދުނިޔެ ސުވާލު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވޮޝިންގްޓަނުން މި ކަމުގައި އެއްވެސް އުޞޫލެއް ގެންގުޅޭބާވައޭ ދުނިޔޭގެ ހިތަށް އަރައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *