Support Us

އިސްރާއީލުގެ ނިޔުކްލިއަރ މަރްކަޒު ދައިމޫނާގެ  ޙާދިސާއަކީ އީރާނުގެ ބަދަލު ހިފުމެއް ބާ!

އީރާނުގެ އިންޤިލާބީ ލަޝްކަރުގައި ހިމެނޭ މުހިއްމު ފައުޖެއް ކަމުގައިވާ "ޤުދުސް ކޯ" ގެ ކޮމާންޑަރުގެ ނާއިބު މުޙައްމަދު ރިޒާ ފަލާޙު ޒާދާ މިއަދު އިސްރާއީލުގެ ޢަސްކަރިއްޔާއަށް އިންޒާރެއް ދެއްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި "ޠަހަރާނަށް ކިޔަމަންތެރި ޖަމާޢަތްތައް ދުނިޔޭގެ ވަށައިގެން ހުރި މަރްކަޒުތަކުގައި ހަމަޖެހިގެން އެބަ ތިއްބެވެ. އެމީހުން އިސްރާއީލު ކުދިކުދިކޮށް ސުންނާފަތިކޮށްލާނެއެވެ." މި ބަޔާން އޭނާ ދެއްވީ މިއަދު ފަތިހު އިސްރާއީލުގެ ނިޔުކްލިއަރ މަރްކަޒު ކަމުގައިވާ ދައިމޫނާ ސަރަހައްދަށް މިސައިލެއް ވެއްޓުމާ ވިދިގެންނެވެ. ފަލާޙު ޒާދާ ވިދާޅުވި ގޮތުގައި 25 އަހަރަށްފަހު އިސްރާއީލެއް ނޯންނާނެއެވެ. އިސްލާމީ އުއްމަތް އިސްރާއީލާ ކުރިމަތިލުން ހުއްޓައެއް ނުލާނެއެވެ.

ދައިމޫނާ ޙަދިސާ

އިސްރާއީލުގެ ވަރަށް ޙައްސާސް ސަރަޙައްދެއް ކަމުގައިވާ ދައިމޫނާ ސަރަހައްދުގައި މިއަދު ހެދުނު ވަރަށް ބާރުގަދަ އެއްޗެއް ވަނީ ގޮވައިފައެވެ. އިސްރާއީލުގެ ޢަސްކަރިއްޔާއިން މިކަމާ ބެހޭގޮތުން ނެރުނު ބަޔާން ވަރަށް ކުރެވެ. އިސްރާއީލުގެ މީޑިޔާތަކުގައި މި ޚަބަރު ތަފާތު ގޮތްގޮތަށް އައިސްފައި ވެއެވެ. އިސްރާއީލު މީހުންގެ ހިތްތަކަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ.

އިސްރާއީލުން ބުނިގޮތުގައި އިސްރާއީލުގެ ދެކުނު ސަރަޙައްދުގައި ގޮވި އެއްޗަކީ ސޫރިޔާގެ ބިން – ޖައްވު ރޮކެޓެކެވެ. މި  ޙަދިސާ ހިނގުމުން ދައިމޫނާ ނިޔުކްލިއަރ ސަރަޙައްދު ކައިރީގައިވާ ސަރަޙައްދުތަކުގައި އިންޒާރުގެ ބަރުގޮނުތައް އެޅިގެން ދިޔައެވެ. އެއްވެސް މީހަކަށް އެއްޗަކަށް ތަނަކަށް ގެއްލުން ލިބުނުކަމެއް ނޭނގެއެވެ. ދައިމޫނާ ސަރަޙައްދަކީ ޢަސްކަރީގޮތުން ވަރަށް ސިއްރު ވަރަށް މުހިއްމު ސަރަޙައްދެކެވެ. އިސްރާއީލުގެ ޢަސްކަރީ މަޞްދަރުތައް ބުނާގޮތުގައި އެއީ ސޫރިޔާއަށް ޙަމަލާ ދިނުމުގައި ބައިވެރިވި އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކާ ދިމާއަށް ސޫރިޔާއިން ފޮނުވާލި ދިފާޢީ މިސައިލްތަކުގެތެރެއިން "އަމާޒުން ކައްސައިލި" މިސައިލެކެވެ. މި މިސައިލް ވެއްޓުނީ ދައިމޫނާއާ 30 ކީލޯމީޓަރު ދުރު ހިސާބަކަށެވެ. އިސްރާއީލުން ބުނިގޮތުގައި އެއީ  އެސް އޭ 5 މަރުކާގެ މިސައިލެކެވެ.

އިސްރާއީލުގެ ނޫހެއް ކަމުގައިވާ "ޓައިމްސް އޮފް އިސްރާއީލް" ބުނާގޮތުގައި އިސްރާއީލުގެ ދިފާޢީ ނިޒާމުތަކަށް މި މިސައިލް ވައްޓައި ނުލެވުނީ ކީއްވެގެންތޯ މިހާރު ދަނީ ބަލަމުންނެވެ.އިސްރާއީލުގެ މަޝްހޫރު "ހާއާރްތިސް" ދުވަހު ނޫސް ބުނާގޮތުގައި ސޫރިޔާއިން އައި މިސައިލް ވެއްޓިފައިވަނީ ދައިމޫނާ ސަރަޙައްދުތެރެއަށެވެ. އިސްރާއީލުގެ ދިފާޢީ ނިޒާމުތަކުން އެއަށް ހުރަސްއެޅުމަށް މަސައްކަތް ކުރިއެވެ. އެހެނަސް އެ މަސައްކަތް ވަނީ ކާމިޔާބުވެފައެވެ. އަނެއްކޮޅުން އީރާނުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުގައި އެއީ ފާތިޙު 10 މަރުކާގެ މިސައިލެކެވެ. އެއީ ގޮވާ ބާވަތުގެ ބޯތައް އުފުލުމުގެ ޤާބިލުކަން ލިބިގެންވާ މިސައިލެކެވެ.

ދައިމޫނާ ސަރަޙައްދުތެރެއަށް ވެއްޓުނު ސޫރިޔާގެ މިސައިލް

އިސްރާއީލުން ސޫރީޔާއަށް ޙަމަލާދިނުން

ސޫރިޔާއިން ބުނާގޮތުގައި ރޭ ފަތިހު އިސްރާއީލުން ވެރިރަށް ދިމަޝްޤުގެ ރަށްބޭރުގެ ބައެއް ރަށްރަށަށް މިސައިލް ޙަމަލާތަކެއް ދިނުމަށް ވަނީ މަސައްކަތްކޮށްފައެވެ. ސޫރިޔާ ބުނާގޮތުގައި ސޫރިޔާގެ ދިފާޢީ ނިޒާމުތަކުން  އިސްރާއީލުގެ މިސައިލްތަކަށް ހުރަސްއަޅައި ގިނަ މިސައިލްތައް ވަނީ އަމާޒަށް ވާޞިލުވުމުގެ ކުރިން ވައްޓައިލައިފައެވެ.އިސްރާއީލުގެ މި ޙަމަލާގެ ސަބަބުން ސޫރިޔާ ސިފައިންގެ ހަތަރު މީހަކު ޒަޚަމުވެ މާއްދީ ގެއްލުންތަކެއް ލިބުނެވެ.

ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ސޫރިޔާގެ މިލީޝިޔާ ބާރެއް ބުނާގޮތުގައި އިސްރާއީލުން ޙަމަލާ ދީފައިވަނީ ވެރިރަށް ދިމަޝްޤާ އިރު އުތުރުގައި 40 ކީލޯ މީޓަރު ދުރުގައި އޮންނަ "ޟަމީރު" ނަމަކަށް ކިޔާ ރަށަށެވެ. މިއީ އީރާނަށް ތާއީދު ކުރާ ހަތިޔާރުއެޅި ޖަމާޢާތެއްގެ ބަޔަކު ތިބި ހިސާބެކެވެ. މީގެ ކުރިން ވެސް އިސްރާއީލުން މި ރަށަށް ވަނީ ޙަމަލާދީފައެވެ.  

މީގެ ދެތިން ހަފުތާ ކުރިން އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތައް ހާމަކޮށްފައިވާ ގޮތުގައި އީރާނަށް ތާއީދު ކުރާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދައިމޫނާ ރިއެކްޓަރުތަކަށާއި ރަތްކަނޑުގެ އައްސޭރީގައި އޮންނަ އީލާތު ބަނދަރަށް ދުރު ރާސްތާ މިސައިލުން ނުވަތަ ޕައިލެޓް ނެތި އުދުހޭ މަތިންދާ ބޯޓު ފަހަރުން ޙަމަލާއެއް ދީފާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިހެންވެ އިސްރާއީލުން ވަނީ ޖައްވީ ދިފާޢީ ބާރުތައް ވަރުގަދަކޮށްފައެވެ. އިސްރާއީލުން ލަފާކުރާ ގޮތުގައި މި ޙަމަލާ އަންނާނީ ޔަމަނާ ވީ ފަރާތުންނެވެ.

ދައިމޫނާ ރިއެކްޓަރ

އިސްރާއީލުގެ ނިޔްކްލިއަރ ދައިމޫނާ ރިއެކްޓަރު މަރްކަޒު ހުންނަނީ ފަލަސްޠީނުގެ ނަޤަބު ޞަޙަރާގައެވެ. އެއީ ފަލަސްޠީނުގެ 48 ގެ ބިމުގެތެރޭގައި ހިމެނޭ ބިމެކެވެ.ވަރަށް ސިއްރު ގޮތަކަށް މި ނިޔުކްލިއަރ ރިއެކްޓަރު ޤާއިމު ކުރެވުނީ 1957 ގައެވެ. މި ތަން ބިނާކޮށް ނިމުނީ 1963 ގައެވެ. މިއީ 1956 ގައި އިނގިރޭސީންނާއި ފަރަންސޭސީން މިޞްރަށް ދިން ޢުދްވާނުގައި އިސްރާއީލު ބައިވެރިވުމުން ފަރަންސޭސިން އިސްރާއީލަށް ދިން ހަދިޔާއެކެވެ.  ދައިމޫނާ ރިއެކްޓަރު މަރްކަޒުގެ މަސައްކަތް ފެށުނީ 1963ގައި 26 މިގަވޮޓްގެ ހަކަތައަކުންނެވެ. ބީބީސީ ބުނާގޮތުގައި މި މަރްކަޒު ހަދާފައިވަނީ އަށް ބުރި އެކުވެންޏެއްގައެވެ. މިތާނގައި 2،700 ޢާލިމުން މަސައްކަތް ކުރެއެވެ. މި ރިއެކްޓަރުތަކުން އަހަރަކު ނުވަ ކީލޯގްރާމުގެ ޕްލޮޓޯނިއަމް އުފައްދައެވެ. ބީބީސީ ބުނާގޮތުގައި މިއީ ޖަޕާނުގެ ނަގަޒާކީ އަށް އެމެރިކާއިން ވައްޓައިލި ޒައްރީ ބޮމާ އެއްފަދަ ބޮމެއް އުފެއްދުމަށް ބޭނުންވާ މިންވަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *