Support Us

ޙަޤީޤީ ރޯދަވެރިންނަށް ވުމަށް މަސައްކަތް ކުރަމާތޯ

ބަރަކާތްތެރި ރަމަޟާން މަހުގައި މާތްﷲ ލައްވާފައިވާ ނަފަޙާތުތައް ދަނެ، އެ ނަފަޙާތުތަކަށް ހުށައެޅިގަތުމަށް  އަވަސްވެ ގަންނަމާތޯއެވެ؟ ރަމަޟާންމަހަކީ ރޯދަހިފުމާއި، ރޭ އަޅުކަންކުރުމާއި، ދޫ ރައްކައުތެރިކުރުމާއި، ޢިއްފަތްތެރިކަން ރައްކައުތެރިކުރުމުގެ މަހެވެ.

އެއީ ކީރިތި ޤުރްއާން ބާވައިލެއްވި މަހެވެ. ކީރިތި ޤުރްއާނަކީ އިސްލާމްދީނުގެ އަސާސެވެ. އިސްލާމީ އުއްމަތް ބިނާވެފައި ވަނީ ކީރިތި ޤުރްއާނުގެ ތަރަހައިގެ މަތީގައެވެ.

އެއީ ލައިލަތުލްޤަދްރި ވިލޭރޭގެ މަހެވެ. ލައިލަތުލްޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެކެވެ.

އެއީ ދުޢާ އިޖާބަކުރެއްވުމުގެ މަހެވެ. ޞާލިޙު ޢަމަލުތަކުގެ މަހެވެ.

އެއީ ޖިހާދުގެ މަހެވެ. ނަފްސުގެ ޖިހާދާއި ދުޝްމަނުންނާ ދެކޮޅަށް ހުރިހާ މައިދާންތަކެއްގައި ޖިހާދުކުރުމުގެ މަހެވެ.

ރަމަޟާންމަހަކީ "ފުރްޤާން" މަހެވެ. މާތްﷲ އެކަލާނގެ ރަސޫލާއަށް ބަދްރުގައި ނަޞްރުދެއްވި މަހެވެ. ޙައްޤާއި ބާޠިލު ވަކިވެ މުސްލިމުންގެ ލަޝްކަރު މޮޅުވިދުވަސް ހިމެނޭ މަހެވެ.

ރަމަޟާންމަހަކީ އެމަހުގެ ފުރަތަމަ ދިހައިގައި ﷲގެ ރަޙްމަތް، މެދު ދިހައިގައި ﷲގެ ފުއްސެވުން އަދި ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވާފައިވާ މަހެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.  ((شَهْرِ رمضانَ أوَّلُه رحمةٌ، وأوسطُهُ مغفرةٌ، وآخرُهُ عِتقٌ منَ النّارِ [1] – ރަމަޟާން މަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތެވެ. މެދުތެރޭގައި އޮތީ ފުއްސެވުމެވެ. ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތި ކުރެއްވުމެވެ.))

ރަމަޟާންމަހަކީ މުޙައްމަދުގެފާނުގެ އުއްމަތަށް މާތްﷲ ގިނަގުނަ މާތްކަންތައްތަކެއް ލެއްވިމަހެކެވެ. އެންމެ ފުރަތަމަ ކަމަކީ ރަމަޟާންމަހުގެ ފުރަތަމަ ރޭ، އަރަހުށި ﷲ އެމީހުންނަށް ބައްލަވައި ވޮޑިގެންނެވުމެވެ. ރަޙްމަތުގެ ނަޒަރަކުން އެކަލާނގެ ބައްލަވައި ވޮޑިގެންފި އަޅަކަށް ދުވަހަކުވެސް ޢަޛާބެއް ނުދެއްވާނެއެވެ.

ދެވަނަ ކަމަކީ، ﷲގެ މަލާއިކަތުން ކޮންމެ ދުވަހަކާއި ކޮންމެ ރެއަކު ރޯދަވެރިންނަށް ފާފަފުއްސަވާ ދެއްވުމަށް އެދި ދުޢާކޮށްދެއްވުމެވެ.

ތިން ވަނަކަމަކީ، މާތްﷲ ރޯދަވެރިންނަށްޓަކައި ތައްޔާރުވެ ޒީނަތްތެރިވުމަށް ސުވަރުގެއަށް އެންގެވުމެވެ.

ހަތަރު ވަނަކަމަކީ، ރަމަޟާންމަހުގެ އެންމެ ފަހު ރޭ ހުރިހާ ރޯދަވެރިންނަށް ފާފަފުއްސަވާ ދެއްވުމެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރެއެއް ނޫނެވެ. އެހެނެއް ކަމަކު އެއީ، މީހަކު މަސައްކަތެއްކޮށް ނިންމައިފިނަމަ އެމީހަކަށް އެކުރި މަސައްކަތުގެ އަގުދެވޭ ގޮތަށް މާތްﷲ ރޯދަވެރިންނަށް ދެއްވާ ސަވާބެވެ. ނުވަތަ އަޖްރެވެ.

މި މަތިވެރި ސަވާބު ލިބޭނީ ކޮންކަހަލަ ރޯދަވެރިންނަކަށްތޯއެވެ؟ ރޯދަ ހިފާ ވަރަށް ގިނަ ބަޔަކު އުޅެއެވެ. ނަމަވެސް މިސަވާބު ޙައްޤުވާ ރޯދަވެރިން ވަރަށް މަދެވެ. އެއީ ޙަޤީޤީ ރޯދަވެރިންނެވެ. ޙަޤީޤީ ރޯދަވެރިންނަކީ އެމީހުންގެ ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި، ބަނޑާއި ބަނޑުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި، އަތާއި ފަޔާއި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކުން ރޯދަހިފާ މީހުންނެވެ.

ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުން ރޯދަހިފާމީހާ، ދުލުންނާއި ލޮލުންނާއި ކަންފަތުންނާއި ސިކުނޑިން ރޯދަހިފާނެއެވެ. އޭނާގެ ދުލުން އެއްވެސް މީހަކަށް ގޯނާއެއް ނުކުރާނެއެވެ. އޭނާގެ ދުލުން އަބަދުވެސް ނުކުންނާނީ  ހެޔޮބަސްތަކެވެ. ފައިދާހުރި ބަސްތަކެވެ. މީހުން އެއްގަލަށް އެރުވުމުގެ ބަސްތަކެވެ. ފިތުނަފަސާދަ އުފެއްދުމެއް ނެތް ބަސްތަކެވެ.

އޭނާގެ ލޮލުން މާތްﷲ ޙަރާމްކުރެއްވި އެއްވެސް އެއްޗަކަށް ނުބަލާނެއެވެ. އޭނާގެ ލޮލުގެ ފެނުން ބޭނުންކުރާނީ އެހެން މީހުންނަށްޓަކައެވެ. މުޖްތަމަޢަށްޓަކައެވެ. ދުޝްމަނުންގެ ޙަމަލާތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައެވެ. ލޯބޯކޮށި މީހުންނަށް މަގުހިނގުމަށާއި މަގުހުރަސް ކޮށްދިނުމަށް އެހީވުމަށްޓަކައެވެ. އޭނާ އަކީ ބެލުންތައް ތިރިކޮށްގެން މަގުމަތީގައި އުޅޭމީހެކެވެ.

އޭނާގެ ކަންފަތުން މާތްﷲ މަނާކުރެއްވި ވާހަކަތައް އަޑެއްނާހާނެއެވެ. އޭނާގެ އިވުން ބޭނުންކުރާނީ އޭނާއަށް ފައިދާހުރި ކަންތައްތަކަށެވެ. އެހެންމީހުންނަށް ގެއްލުމެއް ނެތް ކަންތައްތަކަށެވެ.

އޭނާގެ ބުއްދީގެ ބޭނުންކުރާނީ ރަނގަޅު ކަންތައްތަކާމެދު ވިސްނާ ރޭވުމަށެވެ. ނުބައި ކަމަކަށް ރޭވުމަށް ނުވަތަ ނުބައިކަމަކަށް ޚިޔާލުދިނުމަށް އޭނާގެ ސިކުނޑީގެ ބޭނުމެއް ނުކުރާނެއެވެ.

އޭނާގެ ބަނޑަށް އެތެރެކުރާނީ ޙަލާލު ކާއެއްޗެއްސާއި ބޯއެއްޗެއްސެވެ.

ޙަޤީޤީ ރޯދަވެރިޔާ އޭނާގެ މުޅި ހަށިގަނޑުން ރޯދަހިފާނެއެވެ. އަޅުގަނޑުމެންގެ ސަލަފުން ވަނީ މިކަން ރަނގަޅަށް ދެނެވަޑައިގެންފައެވެ. ރަމަޟާންމަހަކީ އެބޭކަލުންގެ އަރިހުގައި ބޮޑުވެގެންވާ ޣަނީމާއެކެވެ. މި ޣަނީމާއިން ވީހާ ބޮޑު ޙިއްޞާއެއް ޙާޞިލުކުރެއްވޭތޯ އެއްބޭކަލަކު އަނެއްބޭކަލަކާ ވާދަކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ [أتاكم رمضانُ شهرُ بركةٍ يغشاكم اللهُ فيه فَيُنْزِلُ الرحمةَ ويحطُّ الخطايا ويَسْتَجِيْبُ فيه الدعاءَ يَنْظرُ اللهُ إلى تَنَافُسِكُم وَيُبَاهِي بِكُم مَلَائِكَتَهُ فَأَرُوْا اللهَ مِنْ أَنْفُسِكُم خَيْرًا فإنَّ الشَّقِيَّ من حُرم فيه رحمةُ اللهِ عزَّ وجلَّ.[2]– ތިޔަބައިމީހުންގެ ގާތަށް ބަރަކާތްތެރި މަހެއްގެ ގޮތުގައި ރަމަޟާންމަސް އަތުވެއްޖެއެވެ. އެމަހުގައި މާތްﷲ ތިޔަބައިމީހުން ހެވާއިލާބައިން ވަށާލައްވައެވެ. އަދި ރަޙްމަތް ބާވައިލައްވައެވެ. ފާފަތައް ފުއްސަވައެވެ. ދުޢާ އިޖާބަކުރައްވައެވެ. ފަހެ ﷲ ތިޔަބައިމީހުން މި މަހުގައި ހެޔޮކަންތައްތައް ކުރުމުގައި ވާދަކުރާގޮތް ބައްލަވައި ވޮޑިގަންނަވާނެއެވެ. އަދި ﷲ ތިޔަބައިމީހުންގެ ޢަމަލުތަކާމެދު މަލާއިކަތުންގެ ދަރުބާރުތަކުގައިި ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ، ތިޔަބައިމީހުންގެ ނަފްސުތަކުން ﷲ އަށް ހެޔޮޢަމަލުތައް ނިކަން ދައްކާށެވެ! ހަމަކަށަވަރުން އަބާއްޖަވެރިއަކީ އެމަހުގައި އަރަހުށި ﷲގެ ރަޙްމަތުން މަޙްރޫމުވި މީހާއެވެ.]

ރަމަޟާންމަހުގައި އަޅުގަނޑުމެންގެ ތެރޭގައި ފެންނަމުންދާ އާދަކާދަތަކެއްވެއެވެ. މީގެ ތެރެއިން ބައެއް އާދަތަކަކީ ޖީލުތަކުން ޖީލުތަކަށް ވާރުތަވަމުން އައިސްފައިވާ އާދަކާދަތަކެކެވެ. އޭގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ވާކަން ކަށަވަރެވެ. އަނެއްބައި އާދަތަކަކީ އިސްލާމީ ކުލައެއް ޖައްސާފައިވާ އެކަމަކު އިސްލާމްދީނާ ގުޅުމެއް ނެތް އާދަތަކެކެވެ. ތިން ވަނަ ބާވަތަކީ އިސްލާމީ އަޞްލު އުޞޫލުތަކުގައި ހިމެނޭ ކަންތައްތަކެކެވެ.

ބައެއް މީހުން ދެކޭގޮތުގައި ރޯދައަކީ ދުޅަހެޔޮކަން ލިބިގަތުމަށް އޮތް ވަސީލަތެކެވެ. ރޯދައަކީ ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް ފަރުވާއެކެވެ. ރަމަޟާންމަހުގެ ދުވަސްތަކަކީ ޕްރިސްކްރިޕްޝަނެކެވެ. ތިރީސް ނުވަތަ އޮނަތިރީސް ކެޕްސޫލް ހިމެނޭ ބޭސް ސިޓީއެކެވެ. ކޮންމެ ދުވަހަކު ރޯދައިގެ ކެޕްސޫލެއް ކައިލަންވީއެވެ. ރޯދައިގެ އަޚްލާޤިއްޔާތާއި ރޯދައިގެ އަދަބުތަކާ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކަށްޓަކައި މާތްﷲ ރޯދަ ފަރްޟުކުރެއްވި ޙިކްމަތާ އެއްވެސް ގުޅުމެއްނެތެވެ.

އަނެއްބަޔަކު ދެކޭގޮތުގައި ރޯދައަކީ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެގެން ހުރުމެވެ. މި ގޮތަށް ނުކައިނުބޮއި ހުރުމުން އޭނާގެ ޒިންމާ އަދާކުރެވުނީއެވެ.

މި ދެބާވަތުގެ މީހުން ހިފާ ރޯދައަކީ ޙަޤީޤީ ރޯދަޔާ އެއްވެސް ގުޅުމެއް އޮތް ރޯދައެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ "ليس الصِّيامُ من الأكلِ والشُّربِ إنَّما الصِّيامُ من اللّغوِ والرَّفثِ[3] – ރޯދަހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއްނޫނެވެ. އެހެނަސް ރޯދަހިފުމަކީ ހަޑިހުތުރު ބަސްތަކުންނާއި ހަޑިހުތުރު ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ހުރުމެވެ.]

ކީރިތި ރަސޫލާ ﷺ މިބަސްފުޅުތަކުން އެނގޭގޮތުގައި ރޯދަޔަށް އަދަބުތަކެއް ލިބިގެންވެއެވެ. ރޯދަޔަކީ މަތިވެރި ޙިކްމަތްތަކެއް ހިމެނޭ އަޅުކަމެކެވެ. އެއީ ހަމައެކަނި އެންމެ މަސްދުވަހެއްގެ ކަމެއްކަމުގައި ހަދައިގެންނުވާނެއެވެ. އެއީ ފުރހަމަ ނިޒާމެއްގެ އަސާސު އޭގައި ހިމެނޭ އަޅުކަމެކެވެ.

ރޯދައަކީ ހުރިހާ މާތް ކަންތައްތަކަކަށް ގޮވައިލާ އެއްޗެކެވެ. ހުރިހާ ނުބައި ކަންތައްތަކަކާ ދުރުހެލިކުރުވާ އެއްޗެކެވެ. ކޮންމެ އުރެދުމަކުން ރައްކައުތެރިކޮށްދޭ އެއްޗެކެވެ.

ރޯދަވެރިއާއަކީ ޒުވާބުކުރާނެ މީހެއް ނޫނެވެ. އަރާރުންވާނެ މީހެއް ނޫނެވެ. ރުޅިއައިސްގެން އުޅޭނެ މީހެއް ނޫނެވެ.

ރޯދަވެރިންނަކީ ދޮގުހަދާނެ ބައެއްނޫނެވެ. އެމީހުން އަބުރަކާ ނުބެހޭނެއެވެ. މީހުންނަށް ފުރައްސާރައެއް ނުކުރާނެއެވެ.

ރޯދަވެރިންނަކީ ލޮލާއި ބޮލާއި ކަންފަތާއި ހަށިގަނޑުގެ އެންމެހާ ގުނަވަންތަކުން ރޯދަހިފާ ބަޔެކެވެ. އެހެންކަމުން ރޯދަވެރިންނަކީ ނަމޫނާ ޙަޔާތެއްގެ ވެރި ބަޔެކެވެ. އެމީހުންގެ އެދުމަކީ ﷲގެ ރުއްސެވުމާއި ފުއްސެވުމެވެ. އެހެންވެ، އެމީހުން މާތްﷲ އެންގެވި ފަދައިން ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށް މަސައްކަތްކުރާނެއެވެ. އެމީހުން ވަގުތުތައް ހޭދަ ކުރާނީ ފަރްޟު ފަސްނަމާދާއި ތަރާވީޙުނަމާދާއި ކީރިތި ޤުރްއާން ކިޔެވުމާއި ކީރިތިޤުރްއާނާ މެދު ވިސްނުމުގައެވެ.

ދުނިޔޭގެ އެދުންތަކަކީ އެމީހުންގެ ކުރިމަތީގައި ވަރަށް އަގެއްނެތް މުދަލެކެވެ. އެމީހުންގެ ގާތުގައި ދުނިޔެއަކީ މީރު ސުވައެކެވެ. ފިނިފެންފޮދެކެވެ. ނުވަތަ ވަގުތީ ޝަހްވަތެކެވެ. ނަމަވެސް ﷲގެ ޙަޟްރަތުގައިވާ ނިޢުމަތް މާބޮޑެވެ. އެއީ މީހެއްގެ ލޮލަށް ދުވަހަކުވެސް ފެނިފައިނުވާ، މީހެއްގެ ކަންފަތަށް ދުވަހަކުވެސް އިވިފައިނުވާ، މީހެއްގެ ހިތަށް  ދުވަހަކުވެސް ތަޞައްވުރު ނުކުރެވޭނެ މަތިވެރި ނިޢުމަތްތަކެކެވެ. މި ނިޢުމަތްތައް ލިބެން އޮތީ މިދުނިޔޭގައި އެކަމަށްޓަކައި މަސައްކަތް ކޮށްގެންނެވެ. މި ދުނިޔެއަކީ މަސައްކަތުގެ ގޮވައްޗެވެ. އެކަމަކު އެދުނިޔެއަކީ މަސައްކަތުގެ ގޮވައްޗެއް ނޫނެވެ. އެއީ ޖަޒާގެ ދުނިޔެއެވެ. ތިމާކުރި ޢަމަލެއްގެ ހިސާބު ބެލުމުގެ ދުނިޔެއެވެ. އެމަސައްކަތަށް އިނާމު ލިބޭ ދުނިޔެއެވެ. އެ ދުނިޔެ އާރާސްތު ކުރުމަށްޓަކައި މި ދުނިޔޭގައި ގަދަ މަސައްކަތްކުރަން ޖެހޭނެއެވެ.

 

[1] – رواه البيهقى وابن خزيمة

[2]–       رواه الطبرانى ، انظر مسند الشاميين و مسند الشاشى، وهذا الحديث مروى عن عبادة بن الصامت

[3]–       أخرجه ابن خزيمة (١٩٩٦)، وابن حبان (٣٤٧٩)، والحاكم (١٥٧٠)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *