Support Us

ރަމަޟާން މަހާއި އީމާންކަމުގެ ފޮނިމީރުކަން

ރަމަޟާން މަހުގައި އީމާންކަމުގެ ފޮނިމީރުކަމަކީ އޭގެ ރަހަ ދެކެފައިވާ އޭގެ ރަހައަކީ ކޮން ކަހަލަ ރަހައެއް ކަން އެނގިފައިވާ މީހަކަށް މެނުވީ އިޙްސާސް ކުރެވޭނެ ފޮނިމީރުކަމެއް ނޫނެވެ. އެއީ ރޯދަ ވީއްލަން ހަދާ ހެދިކާތަކެތީގެ ރަހަމީރުކަމަށްވުރެ މާ މީރު ފޮނިކަމެކެވެ. އެއީ ޙިއްސީ އަދި މާނަވީ ފޮނިމީރުކަމެކެވެ. އެއީ ދުލަށާއި ހިތަށް އޭގެ އަރާމު ލިބޭ ފޮނިމީރުކަމެކެވެ. ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ. ((أَفَمَن شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّه [1]– ފަހެ، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ حضرة ން نور އެއް ލިބިފައިވާމީހަކު (އެނޫން މީހަކާ އެއްފަދަ ހެއްޔެވެ؟)) މާތް ﷲ ރުއްސުންލެއްވި ޢައްބާސް ބިން ޢަބްދުލް މުއްޠަލިބުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީސް ކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((ذاقَ طَعْمَ الإيمانِ مَن رَضِيَ باللَّهِ رَبًّا، وبالإسْلامِ دِينًا، وبِمُحَمَّدٍ رَسولًا –[2]ﷲއީ ކަލާނގެކަމަށް، އިސްލާމްދީނަކީ ދީންކަމަށް، މުޙައްމަދުގެފާނަކީ ރަސޫލާކަމަށް ރުހިފައިވާ މީހާއަށް އީމާންކަމުގެ ރަހަ ލައިފިއެވެ.))

މާތްﷲ ރުއްސުންލެއްވި އަނަސު ބިން މާލިކުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((ثَلاثٌ مَن كُنَّ فيه وجَدَ حَلاوَةَ الإيمانِ: أنْ يَكونَ اللَّهُ ورَسولُهُ أحَبَّ إلَيْهِ ممّا سِواهُما، وأَنْ يُحِبَّ المَرْءَ لا يُحِبُّهُ إلّا لِلَّهِ، وأَنْ يَكْرَهَ أنْ يَعُودَ في الكُفْرِ كما يَكْرَهُ أنْ يُقْذَفَ في النّار[3]–  އެ މީހެއްގެ ގައިގައި ތިން ސިފައެއް ހުރި މީހާއަށް އީމާންކަމުގެ ފޮނިމީރުކަން ލިބިއްޖެއެވެ. ﷲއާއި އެކަލާނގެ ރަސޫލާއަކީ އެހެން ހުރިހާ އެއްޗެއްސަށްވުރެ ބޮޑަށް އޭނާ ލޯބިވާ ދެ ފަރާތްކަމުގައި ވުމާއި، ﷲއަށް ޓަކައި މެނުވީ އޭނާ އެހެން މީހަކު ދެކެ ލޯބިނުވުމާއި، އަލިފާނަށް އެއްލައިލެވުމަށް ނުރުހޭ ފަދައިން ކުފްރުވެރިކަމަށް އެނބުރި ދިޔުމަށް ނުރުހުން ވުމެވެ.))

އެއް ދުވަހަކު ފިރިހެނަކު އޭނާގެ އަނބިމީހާދެކެ ރުޅިއައިސްގެން އޭނާއަށް ބިރުދެއްކުމުގެ ގޮތުން ބުންޏެވެ. ((މާތް ﷲ ގަންދީ ބުނަމެވެ. ނިކަން އިނދެބަލާށެވެ! ތިބާ އަބާއްޖަވެރިކޮށްލާނަމެވެ.)) އެހިނދު އަނބިމީހާ ބުންޏެވެ. ((ތިބާއަށް އަހުރެން އަބާއްޖަވެރިއެއް ނުކުރެވޭނެއެވެ. އަދި ތިބާއަށް އަހުރެން ބާއްޖަވެރިކުރުވުމުގެ ބާރު ވެސް ލިބިގެން ނުވެއެވެ.)) އެހިނދު މި ފިރިހެނާ ބުންޏެވެ. ((މަށަށް އެކަން ނުކުރެވޭނީ ކީއްވެގެން ހެއްޔެވެ؟)) ފަހެ އެ އަންހެނާ ޖަވާބުގައި ބުންޏެވެ. ((ބާއްޖަވެރިކަން އޮތީ މުދަލުގައިނަމަ ތިބާ މަގޭ އަތުން އެ މުދާ އަތުލައިފާނެއެވެ. ބާއްޖަވެރިކަން އޮތީ ގަހަނާގައި ނަމަ ތިބާ މަގޭ އަތުން އެ ގަހަނާތައް އަތުލައިފާނެއެވެ. އެހެނަސް އެ ކަން އޮތީ ތިބާއަށް ލިބިފައިވާ ބާރުގެ ދަށުގައެއް ނޫނެވެ.އަދި އެހެން މީހެއްގެ ބާރުގެ ދަށުގައެއް ވެސް ނޫނެވެ. ((އޭނާ ޙައިރާންވެފައި ބުންޏެވެ. ((ކޮން އެއްޗެއްގައި ހެއްޔެވެ؟)) އެ އަންހެނާ ބުންޏެވެ. ((މަގޭ ބާއްޖަވެރިކަން އޮތީ މަގޭ އީމާންކަމުގައެވެ. މަގޭ އީމާންކަން އޮތީ މަގޭ ހިތުގައެވެ. މަގޭ ވެރިރަސްކަލާނގެ ފިޔަވައި އެހެން ފަރާތަކަށް މަގޭ ހިތަކާ ނުކުޅެވޭނެއެވެ.))

މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނު ވިދާޅުވިއެވެ. ((މަޙްޝަރު ދުވަހުގެ ހޫނުކަމުން ރައްކައުތެރިކޮށް ދެއްވާތޯ ހޫނުގަދަ ދުވަހެއްގައި ތިޔަބައިމީހުން ރޯދަ ހިފާށެވެ! ކަށްވަޅުގެ އަނދިރިކަމުން ރައްކައުތެރިކޮށް ދެއްވާތޯ ރޭގަނޑުގެ އަނދިރިކަމުގެ  ތެރޭގައި ދެ ރަކްޢަތް ކުރާށެވެ!)) އިބްނު ސީރީން ވިދާޅުވިއެވެ. ((ﷲއަށާއި ރަސޫލާއަށް ޓަކައި ހިޖްރަކުރެއްވުމަށް އުއްމު އައިމަން ނުކުމެވަޑައިގަތީ ރޯދަފުޅަށް ހުންނަވައިގެންނެވެ. އެކަމަނާގެ އަތްޕުޅުގައި ދަތުރުފުޅުމަތީގައި ފަރިއްކުޅުއްވާނެ އެއްޗެއް ނެތެވެ. ދަތުރުފުޅު ކުރައްވާނެ ސަވާރީއެއް ނެތެވެ. ހިއްޕަވާނެ ފެންފޮދެއް ނެތެވެ. ތުހާމާގެ ގަދަ އަވީގައި ދަތުރުފުޅު ކުރެއްވިއިރު ފަރިއްކުޅުއްވާނެ އެއްޗެއް ހިއްޕަވާނެ ފެންފޮދެއް ލިބިވަޑައިނުގަންނަވައިގެން ބިންމައްޗަށް ވެއްޓިވަޑައިނުގަތީ ހަމަ ކިރިޔާއެވެ. ރޯދަފުޅު ވީއްލަވާ ވަގުތު ޖެހުމުން އެކަމަނާގެ އިސްތަށިފުޅުމަތިން މީހަކު އެކަމަނާއަށް ގޮވައިލި އަޑު އިވިވަޑައިގަތެވެ. އިސްތަށިފުޅު އުފުއްލަވާލައްވާފައި މައްޗަށް ބައްލަވައިލެއްވިއިރު ހުދު ވައުފަށަކުން އައްސާފައިވާ ކުޑަ ބާލިދީއެއް ފެނިވަޑައިގަތެވެ. އެކަމަނާ ވިދާޅުވިއެވެ. ((އަހުރެން އޭގައި ހިފައި ކަރުހިއްކުންފިލައިގެން ދާންދެން ފެން ބުއީމެވެ. އެ ދުވަހަށް ފަހު މަގޭ ކަރެއް ނުހިއްކައެވެ.)) އެކަމަނާ ރޯދަފުޅަށް ހުންނަވާ ޠަވާފުކުރައްވާ ކަރުފުޅު ހިއްކާތޯ ބެއްލެވިއެވެ. އެކަމަނާ އަވަހާރަވަންދެން އެކަމަނާއަށް ފެންފޮދަކަށް ބޭނުންފުޅެއް ނުވެއެވެ.)) [4]

މާތްﷲ ރުއްސުންލެއްވި ޠަލްޙަތު ބިން ޢުބައިދުﷲގެ އަރިހުން ރިވާވެގެން ވެއެވެ. ރަމަޟާން މަހުގެ ހަނދު ފެނިވަޑައިގަތުމުން ރަސޫލާ ﷺ މި ދުޢާ ވިދާޅުވިއެވެ. ((اللهمَّ أَهِلَّهُ عَلَيْنا بِاليُمْنِ والإيمانِ، والسلامَةِ والإسلامِ، ربِّي ورَبُّكَ اللهُ [5]– ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ބަރަކާތްތެރިކަމާއި އީމާންކަމާއި ސަލާމަތްތެރިކަމާއި އިސްލާމްކަމާއެކު މި މަހުގެ ހަނދު އަޅަމެންގެ މައްޗަށް ލައްވާނދޭވެ! މި އަޅާގެ ވެރިރަސްކަލާނގެ އަދި ތިބާގެ ވެރި ރަސްކަލާނގެއަކީ ﷲ އެވެ.)) މި ހަނދު ފެނުމުން މުއުމިނުންގެ ހިތަށް އީމާންކަމުގެ ފޮނިމީރުކަން ވަދެގެން ދެއެވެ. އެއަށްފަހު އޭނާ މުޅި މަހުގެތެރޭގައި އުޅެމުންދާނީ މި ފޮނިމީރުކަމުގެ ތެރޭގައެވެ. ރޯދަ ހިފާ ރޯދަ ވީއްލާ ވަގުތު އޭނާއަށް މި ފޮނިމީރުކަން ލިބޭނެއެވެ. އޭނާއަށް އެ ދުވަހު ރޯދަ ހިފުނީތީ މާތް ﷲއަށް ޝުކްރު ދަންނަވާނެތެވެ. ރޯދާވީއްލާއިރު އޭނާއަށް ލިބޭ އުފަލުގެތެރޭގައި މި ކަން ހިމެނެއެވެ. މި ފޮނިމީރުކަން ރަމަޟާން މަސް ނިމެންދެން އައުވެއައުވެ ހުރެއެވެ.

ރޯދަވެރިޔާއަށް ފޮނިމީރުކަން ލިބޭ އަނެއް ވަގުތަކީ ރަމަޟާން މަހުގެ ތެރޭގައި އޭނާ ކީރިތި ޤުރްއާނުގެ ވެށީގައި ހޭދަކުރާ ވަގުތުތަކެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. ((إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ ﴿٢٩﴾ لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ [6]– ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. (އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ.))

މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((ރަސޫލާ ﷺ އަކީ އެންމެ ދީލަތި އިންސާނާއެވެ. އެކަލޭގެފާނު ރަމަޟާން މަހުގައި ޖިބްރީލުގެފާނާ ބައްދަލުވެވަޑައިގަންނަވާއިރު ދީލަތިކަން އަދި މާ ބޮޑެވެ. އެކަލޭގެފާނު ރަމަޟާން މަހުގެ ކޮންމެ ރެއަކު ޖިބްރީލުގެފާނާ ބައްދަލުވެ ވަޑައިގަންނަވައެވެ. އެ ދެބޭކަލުން ޤުރްއާން ކިޔަވާ ވިދާޅުވެ ޤުރްއާން ދިރާސާކުރައްވަތެވެ. [7]))

ހަމަ މިމޭރުމުން ރޯދަވެރިއާ ސުންނަތްތަކުންނާއި ނަވާފިލުތަކުން ﷲގެ ޙަޟްރަތާ ކުއްތަންވަމުންދާއިރު އޭނާއަށް އީމާންކަމުގެ ފޮނިމީރުކަން އިޙްސާސްކުރެވިގެންދާނެއެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީސް ކުރެއްވިއެވެ. ((ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ: وما يزالُ يتقرَّبُ إليَّ بالنَّوافلِ حتّى أحبَّه فإذا أحببتُه كنتُ سمعَه الَّذي يسمَعُ به وبصرَه الَّذي يُبصِرُ به ويدَه الَّتي يبطِشُ بها ورِجلَه الَّتي يمشي بها، ولئن سألني عبدي أعطيتُه، ولئن استعاذني لأُعيذنَّه [8]– ތިމަރަސްކަލާނގެ، ތިމަންރަސްކަލާނގެ އަޅާދެކެ ލޯބިވެވޮޑިގެންފުމަށް ދާންދެން ތިމަންރަސްކަލާނގެ އަޅާ ނަވާފިލުތަކުން ތިމަން ﷲގެ ޙަޟްރަތާ ކުއްތަންވަމުން އާދެއެވެ. ތިމަންރަސްކަލާނގެ އޭނާދެ ކެ ލޯބިވެވޮޑިގެންފިނަމަ އޭނާއަށް އިވޭއިވުން ތިމަންރަސްކަލާނގެ އިއްވަވާ އެއްޗަކަށް، އޭނާއަށް ފެންނަ ފެނުން ތިމަންރަސްކަލާނގެ ދައްކަވާ އެއްޗަކަށް، އޭނާގެ އަތުން ކުރާ ކަންތައް ތިމަންރަސްކަލާނގެ ކޮށްދެއްވާ ކަންކަމަށް، އޭނާ ހިނގާފައިދާ ތަންތަން ތިމަރަސްކަލާނގެ ގެންދަވާ ތަންތަނަށް ވެދާހުށްޓެވެ. އަދި ތިމަންރަސްކަލާނގެ އަޅާ ކަމަކަށް އެދި ތިމަންރަސްކަލާނގެއަށް ދަންނަވައިފިނަމަ ތިމަންރަސްކަލާނގެ އޭނާއަށް އެކަމެއް ކޮށްދެއްވާހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ޙަޟްރަތުން ކަމަކުން ރައްކައުތެރިކޮށް ދެއްވުމަށް އެދި ތިމަންރަސްކަލާނގެއަށް ދަންނަވައިފިނަމަ ތިމަންރަސްކަލާނގެ އޭނާއަށް ރައްކައުތެރިކަން ދެއްވާހުށީމެވެ.))

ބައެއް ޞާލިޙުންނަށް ދެންނެވުނެވެ. ތިޔަބޭކަލުން ޚަލްވަތުގައި ތިއްބެވުން ގިނަކުރެއްވުމުން އެކަނިވެރިވެ ވަޑައިނުގަންނަވާތޯއެވެ؟ އެބޭކަލުން ޖަވާބުގައި ވިދާޅުވިއެވެ. ﷲގެ ޙަޟްރަތުގައި އިންނައިރު އެކަނިވެރި ވާނީ ފަހެ، ކާކުހެއްޔެވެ؟

ރޯދަވެރިއާއަށް އީމާންކަމުގެ ފޮނިމީރުކަން ޤިޔާމަތްދުވަހުން ފެންނަ މިންވަރު މާ ބޮޑުވާނެއެވެ. ކީރިތި ރަސޫލާ ރޯދަވެރިއާއަށް ދެ އުފަލެއް ލިބިގެންވާ ކަމަށް ޙަދީސްކުރެއްވިއެވެ. މި ދެ އުފަލުގެތެރެއިން އެއް އުފަލަކީ ޤިޔާމަތްދުވަހުން ﷲގެ ޙަޟްރަތަށް ދެވޭ ވަގުތު ލިބޭ އުފަލެވެ. އެ ދުވަހުން ލިބޭ އުފާތަކުގެތެރޭގައި ރޯދަވެރިއާ ޚާއްޞަ ދޮރުކޮޅަކުން ސުވަރުގެ ވެއްދެވުން ވެއެވެ. އެއީ ރައްޔާން ނަމަކަށް ކިޔާ ދޮރުކޮޅެވެ. އެއީ ރޯދަވެރީންނޫން ބަޔަކަށް ވަދެވޭނެ ދޮރުކޮޅެއްނޫނެވެ. ރޯދަވެރީން ވަދެ ނިމުމުން މި ދޮރުކޮޅު ލެއްޕި ބަންދުވެގެންދާނެއެވެ. މާތް ﷲ ރުއްސުންލެއްވި ސަހްލު ބިން ސަޢުދުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((فِي الجَنَّةِ ثَمانِيَةُ أبْوابٍ، فِيها بابٌ يُسَمّى الرَّيّانَ، لا يَدْخُلُهُ إلّا الصّائِمُونَ[9] – ސުވަރުގޭގައި އަށް ދޮރުކޮޅު ވެއެވެ. އެ ދޮރުކޮޅުތަކުގެ ތެރޭގައި އައްރައްޔާން ނަމަކަށް ކިޔާ ދޮރުކޮޅެއް ވެއެވެ. ރޯދަވެރީން ފިޔަވައި އެހެން ބަޔަކު އެ ދޮރުކޮޅުން ނުވަންނާނެތެވެ.))

ރޯދަވެރީންނަށް ސުވަރުގޭގައި ޚާއްޞަކުރައްވާފައިވާ ކޮޓަރިތައް ފެނުމުން އީމާންކަމުގެ ފޮނިމީރުކަން އައުވެގެންދާނެއެވެ. މާތްﷲ ރުއްސުންލެއްވި އަބޫ މާލިކުލް އަޝްޢަރީގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީސް ކުރެއްވިއެވެ. ((إن في الجنةِ غرفةً يُرى ظاهرُها من باطنِها وباطنُها من ظاهرِها أعدَّها اللهُ لمن أطعمَ الطعامَ وألانَ الكلامَ وتابعَ الصيامَ وصلّى والناسُ نيامٌ [10]– ހަމަކަށަވަރުން އެތާނގެ ބޭރުން އެތެރެ ފެންނަ އަދި އެތެރެއިން ބޭރު ފެންނަ ކޮޓަރިއެއް ސުވަރުގޭގައި ވެއެވެ. ﷲ އެ ކޮޓަރި ތައްޔާރު ކުރައްވާފައި ވަނީ ފަޤީރުންނަށް ކާންދިން މީހުންނަށާއި، މަޑުމައިތިރިކަމާއެކު ބަސްމޮށެ އުޅުނު މީހުންނަށާއި، މެދުކަނޑައިނުލައި ރޯދަހިފި މީހުންނަށާއި، މީސްތަކުން ނިދާފައި ތިބި ވަގުތުގައި ނަމާދު ކުރި މީހުންނަށެވެ.))

އީމާންކަމުގެ ފޮނިމީރުކަމުގެ ކުންނަކީ ސުވަރުގެވަންތަވެރީންނަށް ﷲގެ ވަޖްހުފުޅު ދެއްކެވުމެވެ. އެއީ އެންމެ ބޮޑު ނިޢުމަތެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إذا دخل أهلُ الجنةِ الجنةَ يقولُ اللهُ تعالى تُريدون شيئًا أزِيدُكم؟ فيقولونَ: ألم تُبَيِّضْ وجوهَنا؟ ألم تُدخلْنا الجنةَ، وتُنَجِّنا من النارِ؟ فيُكشفُ الحجابُ، فما أُعطوا شيئًا أحبَّ إليهم من النظرِ إلى ربِّهم [11]– ސުވަރުގޭގެ އަހްލުވެރިން ސުވަރުގެ ވަނުމުން ﷲ ތަޢާލާ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން އިތުރު އެއްޗެއް ބޭނުން ހެއްޔެވެ؟ ފަހެ އެބައިމީހުން ދަންނަވާނެތެވެ. އިބަރަސްކަލާނގެ އަޅަމެންގެ މޫނުތައް އުޖާލާކޮށް ނުދެއްވަމުތޯއެވެ؟ އިބަރަސްކަލާނގެ އަޅަމެން ސުވަރުގެ ނުވައްދަވަމުތޯއެވެ؟ އިބަރަސްކަލާނގެ އަޅަމެން ނަރަކައިން މުއްތި ނުކުރައްވަމުތޯއެވެ؟ ފަހެ އެކަލާނގެ ވަޖްހުފުޅު ކަޝްފު ކުރައްވާނެތެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ވަޖްހުފުޅު ދުށުމަށްވުރެ ލޮބުވެތިކަން  ބޮޑު ނިޢުމަތެއް އެބައިމީހުންނަށް ދެއްވިގެން ނުވެއެވެ.))

 

[1]  –  الزمر : 22

[2]  – أخرجه مسلم (٣٤) ، والترمذي (٢٦٢٣)، وأحمد (١٧٧٩)

[3]  – أخرجه البخاري (١٦)، ومسلم (٤٣)، والترمذي (٢٦٢٤)، وابن ماجه (٤٠٣٣) ، وأحمد (١٣٥٩٢)

[4]  – مسند عبد الرزاق  : 4 / 309

[5]  – أخرجه الترمذي (٣٤٥١)، وأحمد (١٣٩٧)

[6]  – فاطر : 29- 30

[7]  –  أخرجه  البخاري ١٩٠٢  و مسلم   ٢٣٠٨والنسائي (٢٠٩٥) وأحمد (٣٥٣٩)

[8]  – أخرجه   البخاري ٦٥٠٢ و  ابن حبان ٣٤٧

[9]  – رواه البخارى ( 3084 ) و مسلم ( 1155 ) و الترمذى ( 765) والنسائى ( 4 / 168 ) وابن ماجه ( 1640 ) وأحمد ( 5 / 335)

[10]  – أخرجه أحمد (٢٢٩٠٥) وعبدالرزاق (٢٠٨٨٣)، وابن خزيمة (٢١٣٧) والحاكم (١٤٦٨٧)

[11]  –  أخرجه مسلم (١٨١)  و الطبراني في «المعجم الأوسط» (٩٠٢٥)، والحاكم (٢٧٦)  و  ابن حبان (٧٤٣٩)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *