އާބާދީގެ 60 އިންސައްތަ މީހުންނަށް ދެ ޑޯޒް ހަމަވެފައިނުވާނަމަ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ ފަރާތްތަކަށް ވެސް ކަރަންޓީނުވުމަކާ ނުލައި ރަށްރަށަށް ދެވޭނީ ޕީ.ސީ.އާރު ޓެސްޓް ހަދައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗް.ޕީ.އޭ) އިން ބުނެފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ނެރުއްވި އިއުލާނެއްގައި ބުނީ "…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2021 އެޕްރީލް 1 ވަނަ ދުވަހު އަންގައިފައިވާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 26/2021 ގެ އެންގުމުގެ 2 ވަނަ ނަންބަރާއި 5 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަށް 2021 އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، އަންނަނިވި ލުއިތައް ދިނުމަށް އަހުރެން ނިންމައިފީމެވެ."
20 އެޕްރީލް 2021 އިން ފެށިގެން ދޭ ލުއިތައް
1. އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން.
2. އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން. މިފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
1.2 ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) 5 އިންސައްތަ އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
2.2 ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
3. ފަތުރުވެރީން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހުން. ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންވާނެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ހަދަންވާނެއެވެ.
1. ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
2. ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
3. ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
4. ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.
"މަތީގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަހުރެން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެއެވެ. މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ." މައިމޫނާ އަބޫބަކުރުގެ އިއުލާނުގައި ވެއެވެ.



advertisment