ހަނދާން އާކޮށްލުމެއް
ހ. ރޯދައަކީ ކޮބައިކަން އެންމެނަށް ވެސް އެނގެއެވެ. ފަޖުރު ލީއްސުރެން އިރުއޮއްސެންދެން ކެއުން ބުއިމުންނާއި ޖިންސީ ގުޅުން ހިންގުމުން ދުރުހެލިވެ ހުރުމެވެ. ކުޅު ދިރުވުމަކުން ނޫނީ ވުޟޫކުރުމުގައި ބޭއިޚުތިޔާރުގައި ކުޑަފެން ފޮދެއް ކަރުތެރަށް ދިޔުމަކުން، ނޫނީ ބޭސް ފަދަ އެއްޗެއް ލޮލަށް އެޅުމަކުން ނޫނީ މެއްސެއް ފަދަ އެއްޗެއް އަނގައިތެރަށް ވަނުމަކުން، ހިރަފުސް ނޫނީ ކުނޑި ކަހަލަ އެއްޗެއް ނޭވާ ތެރަށް ދިޔުމަކުން ރޯދައެއް ނުގެއްލޭނެވެ.
ށ. ރޯދައަށް ނިޔަތް ގަތުން
އެހެން އަޅުކަންތަކޭ ވެސް އެއްފަދައިން ރޯދައަށް ވެސް ނިޔަތް ގަންނަން ޖެހެއެވެ. އޭގެ މާނައަކީ ރޯދަ ހިފުމަށް ގަސްދުކުރެވެ. ގަސްދުކުރެވެނީ ހިތުންނެވެ. ދުލުން ނިޔަތް ކިޔުމަކީ ސުންނަތެއް ކަމުގަައި – ކުރުމުން ސަވާބު ލިބޭ، ނުކޮށް ދޫކޮށްލިޔަސް ފާފަވެރިވެ އަޒާބު ނުލިބޭ- މަޒުހަބުތަކުގެ އިމާމުވެރި، ބައެއް އިސް ދަންނަބޭކަލުން، ދެކިލައްވައެވެ.
ނ. ނިޔަތް ކިޔުމުގެ ވަގުތަކީ އިރުއޮއްސުނީއްސުރެން ފަޖުރުލައިގަންނަންދެނެވެ. ބައެއް އިމާމުވެރި ބޭކަލުން ދުވާލުގެ ވަގުތުގެ ދެބައިކުޅަ އެއްބައިން ފުރަތަމަ ބައި ނިމެންދެން ނިޔަތުގެ ވަގުތު ދެމިއޮންނަ ކަމަށް ދެކިލައްވައެވެ.
ކޮންމެ ރޯދައަކަށް ވެސް ނިޔަތް ގަންނަން ޖެހޭނޭ ކަމުގައި ގިނަ އިމާމުވެރި ބޭކަލުން ދެކިލައްވައެވެ. މާލިކީން ދެކޭ ގޮތުގައި ރޯދަމަސް ފަދައިން، ޖެހިޖެހިގެން ރޯދަ ހިފާ ހާލަތްތަކުގައި، ފުރަތަމަ ރޯދަ ހިފަން ނިޔަތް ގަތުމުން ފުދެއެވެ. މި ބޭކަލުން ދެކިލައްވާ ގޮތުގައި، ވަކިވަކިން ކޮންމެ ރޯދައަކަށް ނިޔަތް ގަންނާކަށް ނުޖެއެވެ.
މިތަނުގައި ހަނދާންކޮށްލަން ޖެހޭނީ މުހިއްމު ވަނީ ރޯދަ ހިފަން ގަސްދުކުރުން ކަމެވެ. އެ ގަސްދު އޮވެ، ހަނދާން ނެތިގެން ނަމަވެސް، ދުލުން ނިޔަތް ނުކިޔުން އެއީ ރޯދަ ސައްހަވުން ބާތިލުކުރާ ސަބަބެއް ނޫނެވެ.
ރ. ރޯދައިގެ ރޫހާނިއްޔަތުގެ މައްޗަށް ކަޅިއެއް
އިމާމު ޣަޒާލީ އޭނާގެ އިޙުޔާއުގައި ވިދާޅުވެފައި އޮވެއެވެ. ތިން ދަރަޖައެއްގެ ރޯދަ އޮވެއެވެ. އާންމުންގެ ރޯދައާއި ޚާއްސުންގެ ރޯދައާއި ޚާއްސުންގެ ޚާއްސުންގެ ރޯދައެވެ.
އާންމުންގެ ރޯދައަކީ ކެއުން ބުއުމާއި ޖިންސީ ކަންކަމުން ދުރުހެލިވެ ހިފާ ރޯދައެވެ.
ޚާއްސުންގެ ރޯދައަކީ މީގެ އިތުރުން، ރޯދަވެރިޔާގެ ގުނަވަންތައް ވެސް ރޯދައަށް ބަހައްޓައިގެން ހިފާ ރޯދައެވެ. ގުނަވަންތައް ރޯދައަށް ބެހެއްޓުމުގެ މާނައަކީ ގުނަވަންތަކުން ނުރަނގަޅު ކަންތައްތައް ކުރުން ހިފެހެއްޓުމެވެ. ދުލުން ނުބައި ބަސް ބުނުން ހުއްޓުވުމެވެ. ކަންފަތުން ނުބައި ބަސް އިވުން ހުއްޓުވުމެވެ. ލޮލުން ނުރަނގަޅު ބެލުންތައް ބެލުން ހުއްޓުވުމެވެ. އަތްފައިން މީހުންނަށް އުނދަގޫކުރުން ހުއްޓުވުމެވެ.
ޚާއްސުންގެ ޚާއްސުންގެ ރޯދައަކީ މީގެ އިތުރުން، ދުނިޔޭގެ ފިކުރުތަކާއި ކަންބޮޑުވުންތަކުން ރޯދަވެރިޔާ ހިތް މުޅިން ހުސްކޮށް، ހަމައެކަނި މާތްރަސްކަލާނގެ މަތިން ހަނދުމަކުރުމުގައި ދެމިހުރުމަށް މަސައްކަތް ކުރުމެވެ.
ރޯދަ ހިފުމުގެ މި ދަރަޖަތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައަށް ވާސިލުވުމުގެ އެކަށޭނަކަން އެންމެނަށް ވެސް ލިބިގެން ވެއެވެ. އެ ދަރަޖައަށް ވާސިލުވާން އެދޭ މީހާއަށް އޮތީ އެދަރަޖަ ލިބިގަތުމަށްޓަކައި މަސައްކަތް ކުރުމެވެ. ނުރަނގަޅު ކަންކަން ކުރެވޭ ހިނދު، އެކަން ދެނެގަނެ، އެކަމާ އަވަހަށް ދުރަށް ދިޔުމެވެ. ދުނިޔަވީ މަސައްކަތްތައް ކުރުމުގައި ވެސް، ރޯދައިގެ މަތިން ހަނދާންކޮށް އެކަމުގެ މަގުސަދު، މަތީގައި ނަންގަނެވި ދިޔަ، 'ގުނަވަންތައް ރޯދައަށް ބަހައްޓައި' ނަފްސު އިސްލާހުކުރުމުގެ މަގުގަައި ދެމިހުރުމެވެ.
ބ. ރޯދައިގެ ހިއްސީ ފައިދާ
މަތީގައި އިޝާރާތް ކޮށްލެވުނީ ރޯދައިގެ ބައެއް މައުނަވީ ފައިދާއަށެވެ. އެއީ ނަފްސު އިސްލާހުކޮށް، މީހާގެ ރޫހާނިއްޔަތު ކުރިއަރުވައި، މާތްރަސްކަލާނގެއާ ކުއްތަންވުމެވެ. މީގެ އިތުރުން ރޯދަ ހިފުމުގައި ހިއްސި ފައިދާތަކެއް ވެސް ވެއެވެ.
ރޯދައިގެ ހިއްސީ ފައިދާ ދެނެގަތުމަށްޓަކައި އިންސާނުން ބަލިވުމަށް މެދުވެރިކުރުވާ ކަންކަމަށް ބަލައިލަން ޖެހެއެވެ. ވިރާސީ ގޮތުން މެދުވެރިކުރުވާ ސަބަބުގެ އިތުރުން، އިންސާނުންނަށް ބަލި މެދުވެރިކުރުވާ މައިގަނޑު ދެ ސަބަބެއް އޮވެއެވެ. އެ ދެސަބަބު ގުޅެނީ އިންސާނާއަށް ދުނިޔޭގައި އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުން، އަރާމާއި ލައްޒަތު ލިއްބައިދޭ ދެ ޝަހުވަތާއެވެ. ކެއުން ބުއިމުގެ ލައްޒަތާއި ޖިންސީ ލައްޒަތެވެ.
މައިގަނޑު ގޮތެއްގައި އިންސާނާއަށް ބަލިޖައްސުވަނީ މި ދެ އުފާ ހާސިލުކުރުމުގައި، މެދުމިނުގައި ނުހިފެހެއްޓި، ހައްދުފަހަނައަޅައި ދިޔުމުންނެވެ. ޖިންސީ ކަންކަމުގަައި ހައްދުފަހަނައަޅައި ދިޔުމުން އެކިއެކި ބަލިތައް މެދުވެރިކުރުވައެވެ. މިގޮތުން މެދުވެރި ކުރުވާ އެންމެ ނުރައްކާތެރި ބައްޔަކީ، އެންމެން ވެސް ދަންނަ ގޮތުގައި، އެއިޑްސްއެވެ. ދެން، އޮތީ ކެއުން ބުއިމުގައި ހައްދުފަހަނައަޅައި ދިޔުން މެދުވެރިކުރުވާ ބަލިތަކެވެ. ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުން ފަދަ ބަލިތަކެވެ. މިކަމާ ގުޅިފައިވާ ހިތުގެ މައްސަލަތަކާއި އެކި ބާވަތްބާވަތުގެ ކެންސަރުތަކެވެ. މި ދެ ޝަހުވަތް ފުއްދުމުގައި ހައްދުފަހަނައަޅައި ހިނގައްޖެ ނަމަ، އާޚިރު ނަތީޖާ އެއްގޮތެވެ. ހަށިގަނޑުގެ ދިފާއީ ބާރު ދެރަކޮށްލައެވެ. އަދި އެކަމުގެ ސަބަބުން އިތުރު ބަލިތައް ޖެހެން ދިމާވެއެވެ.
ކޮންމެއަކަސް ރޯދަ މަހަކީ، ނަފްސުގެ އެންމެ ބޮޑު މި ދެ ޝަހުވަތު، މި ދެ އެދުން، މެދުމިނެއްގައި ހިފެހެއްޓުމަށް ނަފްސު ތަމްރީނުކޮށް ހާނުވަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އިމާމު ޣަޒާލީ ވެސް އޭނާގެ އިހުޔާއުގައި މިކަން ފާހަގަކޮށްފައި ވެއެވެ. ކެއުން ބުއިން މެދުމިނެއްގައި ހިފެހެއްޓުމަށެވެ. ރޯދަމަހަކީ މި ކަހަލަ ރަނގަޅު އާދަތައް ލިބިގަތުމަށް ފުރުސަތު ހުޅުވިގެންދާ މަހެކެވެ.
އާދެ، މި ރޯދަމަހަކީ އެންމެނަށްވެސް ބަރަކާތްތެރި ރޯދަމަހެއް ކަމުގައި ވުމަށް އެދެމެވެ. ރޯދައިގެ މައުނަވީ ފައިދާތަކާއި ހިއްސީ ފައިދާތައް ވެސް ލިބިދޭ މާނަވީ ރޯދަމަހެއް ކަމުގައި ހަދާލުމުގެ ހިތްވަރު އެންމެނަށް ވެސް ލިބިދިނުމަށް އެދެމެވެ. ރޯދަމަހުގެ ތަހުނިޔާ ކިޔައި ހެޔޮއެދުންތައް އަރިސްކުރަމެވެ!




advertisment