އެއް ދުވަހަކު، މުއްސަނދި ވިޔަފާރިވެރިޔަކު ރަށްބޭރުގައި ހިނގާލަން ނުކުތެވެ. އޭނާ ހިނގަމުން ހިނގަމުން ދަނިކޮށް ބޮޑު އާފަލު ބަގީޗާއެއް ކައިރިއަށް އާދެވުނެވެ. ބަގީޗާއަށް ކުރިމައްޗަށް އެރިއިރު ބަގީޗާ ބަލަހައްޓަން އިން ޅަ ޒުވާނެއް ބަގީޗާގެ ދޮރޯށިދޮށުގައި އިނެވެ.
އެއީ މެންދުރުގެ ކެއުމުގެ ވަގުތެވެ. ޅަ ޒުވާނާ އިނީ ކާށެވެ. އޭނާ ކަމުން ދިޔައިރު، އޭނާގެ ކުރިމަތީގައި ކުއްތާއެއް އޮތެވެ. ޒުވާނާ ކަމުން ކުއްތާއަށް ވެސް ކާންދެމުން ގެންދިޔައެވެ. ވިޔަފާރިވެރިޔާއަށް ފާހަގަކުރެވުނު ގޮތުގައި ޒުވާނާ އަތަކު މާ ގިނަ ކާއެއްޗެއް ނެތެވެ. ނަމަވެސް، އޭނާ އަތު އޮތް އެއްޗެއްގެ އެއްބައި އޭނާ ކުއްތާއަށް ދިނެވެ.
މިކަމާ ހައިރާންވެ، ވިޔަފާރިވެރިޔާ ޒުވާނާ ކުރެން އެއްސެވެ. ކާން ތިދެނީ މި ބަގީޗާ ބަލަހައްޓަން ގެންގުޅޭ ކުއްތާއަކަށް ހެއްޔެވެ؟ ޖަވާބުގައި ޒުވާނާ ނޫނެކޭ ބުންޏެވެ. ދެން، ވިޔަފާރިވެރިޔާ އެއްސެވެ. އެހެންވެއްޖިއްޔާ ކަލޭ ތި ކުއްތާއަށް ކާންދެނީ ކީއްވެ ހެއްޔެވެ؟ އޭތި އަމިއްލައަށް އޭތީގެ ރިޒުގު ހޯދާނެ ނޫން ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބުގައި ޒުވާނާ ބުންޏެވެ. "އަހަރެންގެ ކާ ގަޑި ޖެހި، އަހަރެންގެ ކެއުމުގައި އެއްވެސް މީހަކު ބައިވެރި ނުކޮށް ކާން ލަދުގަތީއެވެ. އެހެންވެ، މަގުމަތިން ދިޔަ ކުއްތާއަށް ކާންދީ ކެއުމުގައި ބައިވެރިކުރުވީއެވެ.
ދެން، ވިޔަފާވެރިޔާ ބުންޏެވެ. މި ބަގީޗާގެ ވެރިޔާ ކޮބައި ހެއްޔެވެ؟ އޭނައާ ބައްދަލު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ޒުވާނާ އެކަން ކުރެވޭނޭ ގޮތް ބުނެދިނެވެ.
އަނެއް ދުވަހު، ވިޔަފާރިވެރިޔާ އާފަލު ބަގީޗާގެ ވެރިޔާއާ ބައްދަލުކުރިއެވެ. އަދި، އެ ބަގީޗާ ގަންނަން ބޭނުން ވާހަކަ ބުނެ ރަނގަޅު އަގެއް ހުށައެޅިއެވެ. އަދި، ބަގީޗާގެ ވެރިޔާ އެ އަގާ ރުހި ބަގީޗާ ވިއްކާލިއެވެ.
ދެން ޖެހިގެން އައި ދުވަހު، ވިޔަފާރިވެރިޔާ ބަގީޗާއަށް ގޮސް، އެއްކަލަ ޒުވާނާއާ ބައްދަލުކޮށް އެ ޒުވާނާ ގާތު ބަގީޗާ ގަތް ވާހަކައާއި އަދި، ބަގީޗާ ޒުވާނާއަށް ހިބަކޮށް ދިން ވާހަކަ ބުންޏެވެ. ދެން ޒުވާނާ ހިނިތުންވެ އުފާކޮށްފައި ބުންޏެވެ. މާތްރަސްކަލާނގެ އިނބައަށް ހެޔޮ ޖަޒާ ދެއްވާ ހުށި ކަމެވެ. މާތް ރަސްކަލާނގެ އަހަންނަށް އިހުސާތެރިވެ ވޮޑިގެންފިއެވެ. މިހާރު އަހަރެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލާނގެއަށް ޝުކުރުކުރުމެވެ. އެކަލާނގެ އަހަންނަށް ދީލަތިވެ ވޮޑިގެންފި ހިނދު، އަމަލީ ގޮތުން، އެކަމަށް ޝުކުރު ނުކޮށް ހުރެވޭނީ ކިހިނަކުން ހެއްޔެވެ؟ މި ބަގީޗާއިން ލިބޭ މޭވާގެ ދެބައިކުޅައެއްބައި އެކަލާނގެ ވަޖުހުފުޅަށްޓަކައި އެއަށް ބޭނުން ޖެހިފައިވާ މީސްތަކުންނަށް ހިބައިން ދީފީމެވެ.
މި ވާހަކައިން ލިބޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟ ޅަ ޒުވާނާ ފަދައިން، ތިމާއަށް ލިބޭ ނިއުމަތްތަކުގައި އެހެން މީސްތަކުން ވެސް ބައިވެރިކުރުމެވެ. އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުންނެވެ!




advertisment