ގައުމުތައް ބިނާ ކުރުމުގެ މަސައްކަތަކީ އާ މަސައްކަތެއް ނޫނެވެ. ގައުމުތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުގެ ވާހަކަތައް ތާރީޚުގެ ސަފުހާތަކުން ފެންނަން އެބައޮތެވެ. އެފަދަ ސަފުހާތަކަށް ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ ވެސް، ކަޅި ހުއްޓެނީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ސިޔަރަތުގެ ސަފުހާތަކުގެ މައްޗަށެވެ. ފުރަތަމަ އިސްލާމީ ދައުލަތެއް ބިނާ ކުރެއްވި ގޮތުގެ މައްޗަށެވެ. އަޚުލާގީ އިންތަކެއްގެ މައްޗަށް ބިނާވި، އަދި އެކަމުން، އާދެ، އަޚުލާގީ ހަކަތައިން ހިތްވަރު ލިބިގެން، އިލްމީ ގޮތުންނާއި އަދި އިމްރާނީ ގޮތުން، ވަރުގަދަ ހަޟާރަތެއް ބިނާކުރަން މެދުވެރިވި، އިސްލާމީ ދައުލަތެވެ. އެމެރިކާގެ މުއައްރިޚު، މައިކަލް ހާޓް ބަޔާންކުރައްވާ ގޮތުގައި، އެކަލޭގެފާނަކީ، ދުނިޔޭގެ ތާރީޚަށް ބަލާލާއިރު، ދީނީ އަދި ދުނިޔަވީ ގޮތުން ވެސް، ކާމިޔާބު ހޯއްދެވި، ހަމައެކަނި ޝަޚުސިއްޔަތެވެ. މީގެ މާނައަކީ، ދުނިޔޭގައި، އިލާހީ އަޚުލާގީ އިންތަކާއި އަދި އެކަމުން ލިބިގަތް އަގުތަކެއްގެ މަތީގައި ދައުލަތެއް ގާއިމުކޮށް، ދުނިޔެވީ ތަރައްގީ ހާސިލުކުރެއްވި ހަމައެކަނި ބޭފުޅަކީ އެކަލޭގެފާނެވެ. އެހެންވެ މުސްލިމުން، އެމީހުންގެ ގައުމުތައް އަލުން ބިނާކުރުމަށްޓަކައި ނަމޫނާއެއް ހޯދަން ގަސްދުކުރާއިރު، އެންމެ ފުރަތަމަ ބަލާލަން ޖެހެނީ އިތުރު އެކަލޭގެފާނުގެ ސިޔަރަތުގެ މައްޗަށެވެ.
މި މަގުސަދުގައި، އެކަލޭގެފާނުގެ ސިޔަރަތުގެ މައްޗަށް ނަޒަރު ހިންގާލާއިރު، އިސްލާމީ ގައުމެއް އެކަލޭގެފާނުގެ ބިނާކުރެއްވި މަސައްކަތްޕުޅު ތިން މަރުހަލާއަކަށް ބަހާލެވިގެން ދިޔަތަން ފެނެއެވެ. ފުރަތަމަ މަރުހަލާއަކީ އެ މަސައްކަތުގެ ފިކުރީ ނުވަތަ ނަޒަރީބަޔާ ގުޅޭ މަރުހަލާއެވެ. ދެވަނަ މަރުހަލާއަކީ އެ ފިކުރީ ބައި ވަކިވަކި އަފުރާދުންނަށް ހުށަހަޅާލައި އެ ފިކުރު ގަބޫލުކުރާނޭ އަފުރާދުންތަކެއް ތައްޔާރުކުރުމުގެ މަރުހަލާއެވެ. ތިންވަނަ މަރުހަލާއަކީ އެ އަފުރާދުންނާއި އަދިވެސް އެކަލޭގެފާނުގެ މުޖުތަމައީ ފިކުރު ބަލައިގެން ކޮންމެ މީހެއްގެ މައްޗަށް ބިނާވާ މުޖުތަމައެއް ބިނާކުރުމުގެ މަރުހަލާއެވެ.
ގައުމު ބިނާކުރެއްވުމުގެ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާއަށް ބަލާލާއިރު އެ މަރުހަލާ ފެށެނީ އެކަލޭގެފާނުގެ އުމުރުފުޅުން ތިރީސް ފަސްވަރަކަށް އަހަރަށް އެޅުނުތަނާހެން، މައްކީ ޖާހިލީ މުޖުތަމައުއާ ވަކިވެ ވަޑައިގެން، އެކަހެރި ގޮތެއްގައި، ސައުރު ފަރުބަދައިގައި އެކަނިމާއެކަނި އިންނަވަން ފެއްޓެވި ހިސާބުންނެވެ. މިހެން އިންނަވައި، މައްކީ ޖާހިލީ މުޖުތަމައު ކަންކަމާ ބެހޭ ގޮތުން ވިސްނައި ފިކުރުކުރެއްވިއެވެ.

މައްކީ ޖާހިލިއްޔަތަކީތޯއެވެ؟ ޖާހިލިއްޔަތުގެ ވާހަކަ ނަންގަންނައިރު، ފަހަރެއްގައިވެސް އެކަން ގުޅެނީ އިލްމުވެރިކަމުގެ އިދިކޮޅު ކަމުގައިވާ ޖާހިލުކަމަކާއެއް ނޫނެވެ. އެކަން ގުޅެނީ ހިލްމުވެރިކަމުގެ އިދިކޮޅާއެވެ. ހިލްމުވެރިކަމަކީ ތިމާގެ ނަފްސު ހިލުވާލަފާނޭ ފަދަ ކަންކަމުގެ މައްޗަށް ތިމާގެ ނަފްސު ހުށަހެޅޭ ހިނދު، ތިމާގެ ނަފްސު ކޮންޓުރޯލު ކުރުމުގެ ބާރު ތިމާއަށް ލިބިގެންވުމެވެ. އެއީ މާތް އަޚުލާގުގެ މަންބައު ކަމުން، ހިލްމު، އަޅުގަނޑުމެންގެ ތެރޭގައި ވެސް، އަޚުލާގުގެ މާނައިގައި ބޭނުންކުރެވެއެވެ. އިލްމެއް ލިބިފައި އޮތަސް ހިލްމެއް ނެތިއްޔާ ފައިދާއެއް ނުކުރާނޭ ބުނެއެވެ. އާދެ، ލިބިފައި އޮންނަ އިލްމުވެރިކަމަކުން، އެންމެ އެކަށީގެންވާ ގޮތުގައި ފައިދާ ކުރާނީ މާތް ރިވެތި އަޚުލާގެއް ވެސް ލިބިފައި އޮތީމައޭ ބުނާ މާނައިގައެވެ.
ޖާހިލީ އަސްރުގެ، އެބަހީ އިސްލާމީ އަސްރުގެ ކުރީ އަސްރުގެ، ޅެންވެރިޔެއް ކަމަށްވާ ތަރަފާ ބިން އަލްއަބްދުގެ މުއައްލަގާގައި (ޅެމުގެ މޮޅުކަމަށްޓަކައި ކައުބާގައި އެލުވުނު ޅެމުގައި) ޖާހިލިއްޔަތުގެ މާނަ ޚުލާސާކޮށްލެވިފައި ވެއެވެ. އޭނާ ބުނެފައިވެއެވެ.
وَلَوْلَا ثَلَاثٌ هُنّ من عيشَة الفَتى * وَجَدِّكَ لم أحفِلْ متى قامَ عُوّدي
ޒުވާނާ އެންމެ ބޮޑަށް ހިތްހަމަޖައްސައިދޭން ތިންކަމެއް، ދިރިހުރުމުން ލިބެން ނެތް ނަމަ، (މަރުބަލީގައި އަހަރެން އޮންނައިރު،) އަހަންނަށް ޒިޔާރަތް ކުރަން އަންނަ މީހުން (އަހަރެން ދިރިހުރުމާ މެދު، އުއްމީދު ކަނޑާލާފައި) ތެދުވެގެން ދިޔަޔަސް އެންމެ ރަނގަޅެވެ. ޚުލާސާ މާނައަކީ އަހަރެން ދުނިޔޭގައި ދިރި ހުންނަން އެދުންވެރިކުރުވަނީ ތިން ކަމެކެވެ. އެ ތިންކަންތައް ނެތް ނަމަ، މަރުވިޔަސް ފަރުވާލެއް ނެތެވެ.
فَمِنْهُنَّ سَبْقِي العَاذِلاتِ بشَرْبةٍ كُميتٍ متى ما تُعلَ بالماءِ تُزْبدِ
އޭގެ ތެރެއިން އެއް ކަމަކީ، އެއްޗެހި ކިޔައި، (އެކަމުން ދުރުކުރަން) މީހުން އައުމުގެ ކުރިން، ކަޅު ރަތްކުލައިގެ (ރާ) ކޯވަރެއް ބޯލުމެވެ. އެ ރަލުގެ ތެރެއަށް ފެން އެޅުމުން ފޮނު އަރައަރާ ހުންނަ ކަހަލަ ރަލެވެ. ޚުލާސާ މާނައަކީ އޭގެ ތެރެއިން ފުރަތަމަ ކަމަކީ ރާބޮއި، މަސްތުވެ، މަޖާކުރުމެވެ.
وَكَرّي إذا نادى الْمُضافُ مُحَنَّبًا كَسِيدِ الغَضَا نَبَّهْتَهُ الْمُتَوَرِّدِ
ދެވަނަ ކަމަކީ (ސަލާމަތްކޮށް ދިނުމަށް އެދި) ހާލުގައި ޖެހިފައިވާ މީހާ ގޮވާލުމުން އޭގެ ކުރީ ދެފައި ކުޑަކޮށް ބަޅު، އަހަރެންގެ އަހައިގެން، (މިއީ މޮޅު އަހެއްކަން އަންގައިދޭ ސިފައެކެވެ.)، އަނބުރާލައިފައި (އެ ގޮވުމުގެ އަޑު އިވޭ ދިމާއަށް)، ބާރަށް އަސް ދުއްވާފައި ދިޔުމެވެ. ޖަންގަލީގެ ޣަޟާ ގަސްތަކުގެ ތެރޭގައި އުޅޭ ވިޔަޅެއް (ވުލްފު) ހޭލައްވާލުމުން، އޭތި ދުވެފައި ފެން ބޯންދާ ފަދައިންނެވެ. ޚުލާސާ މާނައަކީ އޭގެ ތެރެއިން ދެވަނަ ކަމަކީ ހާލުގައި ޖެހިފައިވާ މީހާއަށް އެހީވުމަށް އަވަހަށް ދިޔުމެވެ.
وتقصيرُ يومِ الدَّجنِ والدَّجنُ مُعجِبٌ. ببَهْكَنَةٍ تَحْتَ الطِّرَافِ الْمُعَمَّدِ
އޭގެ ތެރެއިން ތިން ވަނަ ކަމަކީ އުޑުމަތި ބަނަ (ނުވަތަ ތުނިތުނިކޮށް ވާރޭވެހޭ) ދުވަސް ދުވަސް ކުރުކޮށްލުމެވެ. އެފަދަ ދުވަސް ދުވަހަކީ ހިތްގައިމު، އަދި ގަޔާވާ ދުވަސް ދުވަހެވެ. އޭނާގެ ފިނދު މަސްގަނޑު ގައްޔާއި ފަލަމަސްގަނޑުގައި ރަނގަޅަށް މަސްޖަހައިފައިވާ އަންހެނަކާއެކު، ކެހެރީގެ ފޭލިގެއެއްގެ ތެރޭގައެވެ. ޚުލާސާ މާނައަކީ، އަވި ނިވާލައިފައި އޮންނަ ނަލަ ދުވަސް ދުވަހު، ރީތި އަންހެން ކުދިންނާއެކު އުފާކޮށް ވަގުތުތައް ހޭދަކޮށް، ދުވަސްކުރު ކޮށްލުމެވެ.
އާދެ، ޖާހިލީ ޒަމާނުގެ ހަޔާތުގެ ފަލްސަފާ މި ތިން ބައިތުން ސާފުވެއެވެ. ރާ ބުއިމާއި ތަޅާފޮޅައި ހަނގުރާމަކުރުމާއި ޖިންސީ އުފާތައް ލިބިގަތުމެވެ.

ސަލާމާއި ސަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ބޭނުންފުޅުވެވަޑައިގަތީ ހަޔާތީ މި ފަލްސަފާއާއި އޭގެ މައްޗަށް ބިނާވާ ފަރުދީ ހަޔާތުގެ މި ދުނިޔަވީ ނަޒަރު (ވާރލްޑިވިޔޫ) ބަދަލުކުރުމެވެ. ހަމައެކަނި އުޅެން އޮތް ތަނަކީ ދުނިޔެކަމާއި ތިމާގެ އަމަލުތަކާ މެދު ތިމާ ހެއްދެވި ޚާލިގުވަންތަ މާތްރަސްކަލާނގެ ހަޒުރަތުގައި މަސްއޫލުވާން ޖެހޭނޭ އުޚުރަވީ ހަޔާތެއް އޮތްކަން ނުދެކޭ ދުނިޔަވީނަޒަރެވެ. އަޚުލާގީ އެއްވެސް އިމެއް ނެތް، ޝަހުވާނީ އެދުންތަކުގެ ތެރެއަށް ޣަރަގުވެ، ތިމާގެ ދުނިޔަވީ އެދުންތަކަށް ހުރަސް އަޅާފާނެތީ، ތުއްތުކުދިން ވެސް މެރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ދެކޭ ދުނިޔަވީ ނަޒަރެވެ. ދުނިޔޭގެ ހުރިހާ ފައިދާއަކީ ތަކާސުރުގެ ދިރިއުޅުން، އާދެ، އަނެކުންގެ މަސްލަހަތައް ކުޑަކޮށްވެސް ބެލުމެއްނެތި، އަދި، އެ އަމާޒުފަތްގަނޑު ހާސިލުކުރުމަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްލުން އެންމެ ރަނގަޅު، މުދަލާއި ފައިސާއެއްކުރުމުގެ ދުނިޔަވީނަޒަރެވެ. މުޖުތަމައުގެ އެއްވެސް އެހެން މެމްބަރުން ހެވާ މެދު އަޅާލުމެއް، ވިސްނާލުމެއް، ނެތި، މަވެތިކަމާއި އިންފިރާދިއްޔަތުގެ ދުނިޔަވީ ނަޒަރެވެ.
ކީރިތި ރަސޫލާ ބޭނުންފުޅުވެ ވަޑައިގަތީ މި ދުނިޔަވީ ނަޒަރު ބަދަލުކޮށްލެއްވުމެވެ. އެއްވެސް އަޚުލާގީ ހަމައެއް ނެތް އިންފިރާދިއްޔަތުގެ ގޮތް ބަދަލުކޮށްލައްވައި، އޭގެ ބަދަލުގައި އަޚުލާގީ ހަމަތަކެއްގެ މަތީ ފަރުދީ ހަޔާތް ބިނާކުރުމެވެ. އަދި، އެއަށްފަހު، މި ފަދަ އަފުރާދުންތަކެއް ބައިވެރިވާ މުޖުތަމައުއެއް ބިނާކުރުމެވެ. އެ މުޖުތަމައުގެ އަފުރާދުންނަކީ ހަމަހަމަ ބައެއް ކަމުގައި، އެ މުޖުތަމައުގައި ހިމެނޭ އެންމެންވެސް އެމީހުންގެ އަމަލުތަކުން ގަބޫލުކުރާ މުޖުތަމައެއް ބިނާކުރުމެވެ. އަދި، އެ މުޖުތަމައުގެ ޖަމާއީ ކަންކަން އިންސާފުގެ ހަމައިން ހިންގޭ މުޖުތަމައެއް ބިނާކުރުމެވެ. އާދެ، އިންފިރާދިއްޔަތުގެ ސިފަ ތިރިކޮށްލައި، މުޖުތަމައުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަޅާލާ ބައެއްކަމުގައި ހެއްދެވުމެވެ. މި ނަންގަތް އަގުތައް- ފަރުދީ އަގުތަކާއި އަދި މުޖުތަމައީ އަގުތައް- ބިނާވެފައި އޮންނަން ޖެހެނީ، އެކަލޭގެފާނު ގަބޫލުފުޅުކުރެއްވި ގޮތުގައި، އެކަލާނގެއަށް އެއްވެސް ޝަރީކަކު، ބައިވެރިޔަކު، މެދުވެރިޔަކު، ނުވާ، އެއްކައުވަންތަ އިލާހަކު ވޮޑިގެންވާކަމުގެ މައްޗަށެވެ. މިކަން އަމަލީ ގޮތުން ދައްކާނެ ގޮތް، އެކަލޭގެފާނު ތަމްސީލުކޮށްދެއްވީ ކިހިނެއްކަން ދެން އަންނަ ބައިތަކުގައި ގެނެވޭނެއެވެ.
މި ނަންގަތް ގޮތުގައި ފަރުދުންނާއި މުޖުތަމައު ބިނާކުރާނެ ގޮތުގެ މައްޗަށް ވިސްނައި ފިކުރުކުރެއްވުމުގައި އެކަލޭގެފާނު ފަސްވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. މި ފިކުރުގައި ފޫހިފުޅުވުމެއް ނެތި، އެކަލޭގެފާނު މަޝްޣޫލުވެވަޑައިގެންނެވި މަތީ ދަރަޖަ، އިންޝިރާހު ސޫރަތުގައި ބަޔާންކޮށްދެއްވައިފައިވެއެވެ. އެ ސޫރަތުގެ އަންނަނިވީ އާޔަތްތަކުގައެވެ. އެ އާތްތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟
أَلَمْ نَشْرَحْ لَكَ صَدْرَكَ ރަސްކަލާނގެ [ކަލޭގެފާނުންގެ (އެބަހީ މުހައްމަދުގެފާނުގެ) މޭފުޅު ހުޅުއްވާލަ ނުދެއްވަމުތޯއެވެ. [މާނައަކީ، ކަލޭގެފާނު، އެކަންކަމާ މެދު ވިސްނާ ފިކުރުކުރައްވައި އެކަމުގެ ހައްލު އެދިވަޑައިގެންނެވި ކަންތައްތަކު ހައްލު ވިސްނިވަޑައިގަތުން މެދުވެރި ނުކުރައްވަމުތޯއެވެ؟) وَوَضَعْنَا عَنْكَ وِزْرَكَ އަދި އެ ބޮޑުބުރަ، (ދެން)، ކަލޭގެފާނުންގެ ކިބައިން ނަންގަވައި ދެއްވީމުއެވެ. (މާނައަކީ، އެމައްސަލައިގެ ހައްލު ވިސްނި ވަޑައިގަތުމުން، ލުއިލިބިވަޑައިގެންނެވި ވާހަކައެވެ.) الَّذِي أَنْقَضَ ظَهْرَكَ އެ ބޮޑުބުރަ ކަލޭގެފާނުގެ ބުރިކަށިފުޅު ބިންދާލި (ކަހަލަ)އެވެ.
މިތަނުގައި މާނަކުރެވިފައިވާ ގޮތުން، މި އާޔަތްކޮޅުގައި އިޝާރަތްކުރެވޭ ބޮޑުބުރައަކީ އެކަލޭގެފާނު ހިރާ ފަރުބަދައިގައި އިންނަވައިގެން އެތައް އަހަރުތަކެއް ވަންދެން އެކަމަކައިގެން ވިސްނާފިކުރުކުރެއްވި މައްސަލަތަކުގެ ބުރައެވެ. މައްކީ މުޖުތަމައު އިސްލާހުކުރުމުގެ ފިކުރެވެ. އެމީހުންގެ ދުނިޔަވީނަޒަރު ބަދަލުކޮށް، މަތީގައި ބަޔާންކުރެވުނު އާ ދުނިޔަވީނަޒަރެއް އެމީހުންނަށް ވިދާޅުވެދެއްވުމުގެ މައްސަލައެވެ. އަދި، ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވާ މުޖުތަމައު ބިނާކުރުމުގެ މައްސަލައެވެ. މިކަމުގެ ފިކުރުގެ ތެރެއަށް ވަދެވަޑައިގެން އިންނެވި މަތީ ދަރަޖަ އެނގެނީ އާޔަތުގައި އޮތް މިސާލު ބަހުންނެވެ. "ބުރިކަށިފުޅު" ބިންދައިގެން ދިޔައޭ ބުނެފައި އޮތް މިސާލު ބަހެވެ. މި މިސާލުން އިޝާރަތްކުރެވެނީ މުދާ އުފުލާ ސަވާރީއަކަށެވެ. އޭގެ ބުރިކަށި މައްޗަށް މުދާއަރުވައި ބަރުކުރުވި ކުރުވީނުން އެ ސަވާރީ ބިމަށް ތިރިވާ މަންޒަރު ދައްކުވައިދޭ މިސާލެވެ. އާދެ، އިސްލާހުގެ މަސައްކަތުގެ މައްޗަށް ވިސްނައި ފިކުރުކުރެއްވިލެއް ބޮޑުކަމުން، އެކަލޭގެފާނުގެ ބުރިކަށިފުޅުވެސް، މަޖާޒީ ގޮތެއްގައި 'ބިންދައިގެން' ދިޔަ ކަހަލައެވެ.
ދެން، މިބައިގެ ފަހު ނުކުތާއަކަށް ފާހަގަކޮށްލަން ބޭނުންވަނީ، މިފަދަ އިސްލާހީ ބޮޑު މަސައްކަތެއް ފައްޓަވަން ޚިޔާލުކުރެއްވި އިރު، އެކަމަށް ތައުހީލުކުރުމުގެ ސިފަތަކަކީ ކޮބައިކަމާއި އަދި އެ ސިފަތައް އެކަލޭގެފާނަށް ލިބިވަޑައިގެންވިތޯއެވެ.
މިފަދަ އިސްލާހީ މަސައްކަތަކަށް ބޭނުންވާ ފުރަތަމަ ސިފައަކީ އިޚުލާސްތެރިކަމާއި ތެދުވެރިކަމެވެ. ނުގުޑާ ފަދަ ވަރުގަދަ އަޒުމަކާއި ކެރުމެވެ. ބަސްމޮށުންތެރިކަމާއި ބޭނުންވާ މެސެޖު ސާފުކޮށް ބުނެދީ ފޯރުކޮށްދިނުމުގެ ހުނަރެވެ. މުޖުތަމައެއް ބިނާކުރުމުގައި ފައިސާ އުފެއްދުމާއި އަމާނަތްތެރިގޮތެއްގައި ފައިސާ ބެލެހެއްޓުމުގެ ހުނަރެވެ.

މި ހުރިހާ ސިފަތަކެއް އެކަލޭގެފާނަށް ލިބިވަޑައިގެންވިއެވެ. މިކަމުގެ ކުޑަ ތަފްސީލަކާއެކު، މިބައި ނިންމާލާނަމެވެ. އެކަލޭގެފާނުގެ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި ނުގުޑާ އަޒުމު ފެނިގެންދާ އެއް މިސާލަކީ ގުރައިޝުންގެ ބޮޑުން، އެކަލޭގެފާނާ ވާހަކަދައްކަން އައިސް، އަބޫ ތާލިބުގެފާނު މެދުވެރިކޮށް، އެކަލޭގެފާނުގެ ދައުވަތު ދޫކޮށްލައްވައިފި ނަމަ، އެކިއެކި ކަންތައްތައް ކޮށްދޭން ބުނުމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅުންނެވެ. މުދަލާއި ފައިސާ، ވެރިކަމާއި ޖާހު، އަދި، ބޭނުންފުޅުވެވަޑައިގަންނަވާ ނަމަ، ރީތި އަންހެން ކުދިން، އެކަލޭގެފާނަށް ގުރައިޝުން ހުށަހެޅިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ "ތިމަންކަލޭގެފާނުގެ ކަނާތްޕުޅުގައި އިރު، އަދި، ވާތްޕުޅުގައި ހަނދު، ބޭއްވި ނަމަވެސް، މިކަން، އާދެ، ދައުވަތު މަސައްކަތް ހުއްޓާނުލައްވާނޭކަމެވެ." މީގެ އިތުރުން މައްކާގައި ގުރައިޝުން މެދުވެރިކުރުވި ހުރިހާ ފުރައްސާރަކުރުންތަކާއި އަނިޔާތަކަށް ކެތްކުރެއްވިއެވެ. ތާއިފުގައި، އެތަނުގެ މީހުން، ކުޑަކުދިން ލައްވާ އެކަލޭގެފާނުގެ ގައިކޮޅަށް ގާއުކައި ހެދުމުން ވެސް، އެއްވެސް ބަދަލު ހިފުމުގެ ޝުއޫރެއް ފާޅުނުކުރައްވައި ވިދާޅުވީ "އެމީހުންނަށް އަދި ނުވިސްނެނީ" ކަމުގައެވެ. އެމީހުންގެ ބުރިކަށިތަކުން މާތްރަސްކަލާނގެއަށް އީމާންވާ ދަރިފަސްކޮޅެއް ނިކުމެދާނޭކަމެވެ. އާދެ، އެކަމަށް ވެސް ކެތްކުރައްވައި، ދައުވަތުގެ މަސައްކަތުގައި ދެމިހުންނެވީއެވެ.
އެކަލޭގެފާނުގެ ބަސްމޮށުންތެރިކަމުގެ މައްޗަށް ބަލާލާއިރު، އެއީ މައްކާގެ އެންމެންހެން ވެސް އެކަމަށް ހެކިވާ ކަމެވެ. މައްކާގެ ގުރައިޝުން، ކީރިތި ގުރުއާނަކީ އެކަލޭގެފާނުގެ އުފެއްދެވުމެއް ކަމަށް ބެލިއެވެ. މިއީ ހަގީގަތް ނޫންކަމުގައި ވިޔަސް، މިކަމުން އެނގޭ ކަމެއް އެބައޮތެވެ. ޝައްކެއް ނެތް ގޮތުގައި، އަދަބިއްޔާތުގެ ގޮތުން، ކީރިތި ގުރުއާނު ހިމެނޭ މަތީ ދަރަޖަ ޚުދް ގުރައިޝުން ވެސް ގަބޫލުކުރިއެވެ. މިފަދަ މަތިވެރި ފޮތެއް އެކަލޭގެފާނަށް ނިސްބަތްކުރުމަކީ އެކަލޭގެފާނަށް ވެސް މަތީ ދަރަޖައަކަށް ބަސްމޮށުންތެރިކަމުގެ ހުނަރު ލިބިވަޑައިގެންފައިވާކަން، އެނގިގެންދާ ކަމެވެ. އެކަލޭގެފާނު، ތުއްޕުޅުއިރުގައި، ބަހުގެ ހުނަރު ލިބިގަތުމަށްޓަކައި، އަރަބި ބާދިޔާގައި، 'ރަށްފުށުގައި’، އެތައް އަހަރެއް ހޭދަކުރެއްވިއެވެ. އަދި، އެކަލޭގެފާނުގެ ބަސްމޮށުންތެރިކަމާ ބެހޭ ގޮތުން އޮންނަ ހަދީސެއް ވެއެވެ. ތިމަންކަލޭގެފާނަށް 'ޖަވާމިއުލް ކަލިމް' ދެއްވިފައިވާ ކަމުގެ ހަދީސެވެ. އާދެ، ބޭނުންވާ މާނަ، މީސްތަކުންނަށް ފަހުމުވެވޭ ގޮތަށް، ކުރުކޮށް އިބާރަތްކުރުމުގެ ހުނަރު އެކަލޭގެފާނަށް ލިބިވަޑައިގެންވީ ކަމެވެ.
އެކަލޭގެފާނު ފައިސާ ގެންގުޅުއްވުމުގެ މައްޗަށް ނަޒަރު ހިންގާލަން ބޭނުން ނަމަ ފާހަގަކޮށްލަން ޖެހެނީ، އެކަލޭގެފާނުގެ ތުއްޕުޅުއިރާއި ޒުވާން ދައުރުގެ މަސައްކަތްޕުޅަކަށް ވެފައި އޮތީ މީހުންނަށް ވިޔަފާރިކޮށްދެއްވުމެވެ. މީސްމީހުންގެ މުދާ ހިއްޕަވައިގެން ޝާމުކަރައަށް ވަޑައިގެން ވިއްކަވައި އެމީހުންނަށް މަސައްކަތްކޮށް ދެއްވުމެވެ. މިގޮތުގައި ތެދުވެރިކަމާއެކު މަސައްކަތްކުރެއްވުމުގެ ނަތީޖާއަކީ އެކަލޭގެފާނަކީ 'އަލްއަމީން' ކަމުގައި، އާދެ، އަމާނާތްތެރިޔާ ކަމުގައި، ނަންދެވި، މައްކާގައި މަޝްހޫރުވެފައި އޮތުމެވެ. މީގެ އިތުރުން، ޖާހިލީ ޒަމާނުގައި ހައްޖުވެރިންގެ އާންމު މަސްލަހަތު ބެލެހެއްޓުން ހަވާލުވެފައި އޮތީ އެކަލޭގެފާނުގެ ވަންހަ ކަމުގައިވާ ބަނޫ ހާޝިމަށެވެ. އާދެ، 'ރިފާދާ' ޓެކްސް، މީހުން އަތުން ނަގައި ހައްޖުވެރިންނަށް ޚިދުމަތް ދެއްވުމުގައި ބައިވެރިވެވަޑައިގަތެވެ. މިކަންކަމުގެ ތަޖުރިބާ، ޒަކާތުގެ މުއައްސަސާ ބިނާކުރައްވައި، ތަރައްގީކުރެއްވުމަށް އެހީވެވަޑައިގަތެވެ.
އާދެ، މިހިސާބުން، އިތުރު އެކަލޭގެފާނުންގެ އިސްލާހީ މަސައްކަތުގެ ފުރަތަމަ މަރުހަލާއަށް އަލިއަޅުވާލަން ބޭނުންވާ މިންވަރަށް އަލިއަޅުވާލެވިއްޖެ ކަމަށް ހީކުރަމެވެ. އެއީ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެކަމާ މެދު ފިކުރުކުރައްވައި ކަންތައްތައް ކުރިއަށް ގެންދަވާނެ ގޮތުގެ މައްޗަށް ވިސްނަވައި، އެކަމުގެ ޕުލޭނެއް ޚިޔާލުފުޅުގައި ކުރައްސަވާލެއްވި މަރުހަލާއެވެ. މީގެ އިތުރުން، މިފަދަ ވަރުގަދަ މަސައްކަތެއް ކުރުމަށް ކޮންމެހެން ބޭނުންވާ ސިފަތައް އެކަލޭގެފާނުންގެ ކިބައިގައި ހުރިކަންވެސް މިބައިގައި ފާހަގަކޮށްލެވިއްޖެއެވެ.
މިބައި ނިންމާލަމުން، ފާހަގަކޮށްލަން ޖެހެނީ، އިސްލާހީ މަސައްކަތެއް ކުރަން މީހަކު ނިކުންނަ ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންތައްތައް މި މަރުހަލާއިން ފެނިގެންދާ ކަމެވެ. އެންމެ ފުރަތަމަ، އިސްލާހީ މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ސިފަތައް ލިބިގަންނަން ޖެހެއެވެ. އިޚުލާސްތެރިކަމާއި ތެދުވެރިކަމެވެ. ނުގުޑާ ފަދަ ގަދަ އަޒުމަކާއި ހިތްވަރާއި ކެރުމެވެ. އަދި، ބަދަލު ހިފުމުގެ ގޮތް ދޫކޮށް، ކެތްތެރިކަމުގެ ސިފައެވެ. އިސްލާހުގެ މަސައްކަތާ ބެހޭ ވާހަކަތައް މީހުންނަށް އެނގޭނޭ ހެން ބުނެދިނުމުގެ ބަސްމޮށުންތެރިކަމެވެ. ދެން، އިސްލާހީ މަސައްކަތުގެ ތަފްސީލީ ޕުލޭނެއް ހިތުގައި ކުރަހާލެވި، އެކަން ކުރުމަށް ތައްޔާރުވާން ޖެހެއެވެ.
(މަތީގައިވާ އެ ތަސްވީރުން އެ ފެންނަނީ ކީރިތި ރަސޫލާގެ ދުވަސްވަރު މަދީނާ އޮތް ގޮތުގެ ޚިޔާލީ މަންޒަރެކެވެ.)




advertisment