ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ "ކޮވިޝީލްޑް" ވެކްސިންގެ ދެ ވަނަ ޑޯޒް ޖައްސަވާފައި ވަނީ މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގައި ކުރިޔަށްދާ ވެކްސިން ސެންޓަރަށް މިއަދު ވަޑައިގެންނެވެ.
ވެެކްސިން ޖެއްސެވުމަށްފަހު އެ މަނިކުފާނު ވަނީ ފުރަތަމަ ވެކްސިން ޖެހިތާ އަށް ހަފްތާވެފައިވާ ފަރާތްތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޮވިޑް-19 ދިފާޢު" ކެމްޕޭން ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހު ރަސްމީގޮތުން ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ހަމަ އެ ދުވަހު އެމަނިކުފާނު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށާފައި ވަނީ އެޕްރީލް ތިން ވަނަ ދުވަހު އެވެ.
ވެކްސިން ޖެހުމަށް މާލޭ ސަރަޙައްދުގައި ނުވަ ސެންޓަރެއް ޤާއިމުކޮށްފައިވާއިރު ދެ މޮބައިލް ޓީމުވެސް ވެކްސިން ޖެހުމުގައި ހަރަކާތްތެރިވެއެވެ. އަތޮޅުތަކުގައި 237 ވެކްސިން ސެންޓަރު ޤާއިމުކޮށްފައިވެއެވެ.
ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް 246،896 އަށްވުރެ ގިނަ މީހުން ޖަހާފައިވާއިރު، ވެކްސިންގެ ދެ ވަނަ ޑޯޒް އިއްޔެއާ ހަމައަށް 3،737 މީހަކު ޖަހާފައިވެއެވެ.
ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ބޭނުންކުރުމަށް މިހާރު ކޮވިޝީލްޑްގެ އިތުރުން ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިން ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހުއްދަދީފައެވެ.



advertisment